ނަލަހިޔާ ފްލެޓަކުންކުރި ބޮޑު ވައްކަމުގައި ޝާމިލުވާ އިތުރު މީހަކު ހައްޔަރުކޮށްފި
19 އޭޕްރީލު 2026 - 06:55

މާލޭ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު (47އ) އެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި ޖަޒީލު ހައްޔަރުކޮށްފައިވަނީ 2026 އޭޕްރީލް 16 ވަނަ ދުވަހުއެވެ. މިއީ މި ބޮޑު ވައްކަމުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހާއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

Ad by Hajj Corporation
ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން 4,000,000 (ހަތަރު މިލިއަން) ރުފިޔާ ވަގަށް ނެގި މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 މާރިޗު 16 ވަނަ ދުވަހުގެ އިރުއޮއްސި 17:49 އެހައިކަންހާއިރުއެވެ. މިހާތަނަށް ކުރި މަސައްކަތުން ފުލުހުންނަށް ހޯދިފައިވަނީ ވަގަށް ނެގި ފައިސާގެ ތެރެއިން އެންމެ 50,000 (ފަންސާސް ހާސް) ރުފިޔާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި މީހުން:
- މުޙައްމަދު ނޫރު އަޙްމަދު (40އ)، ކަސްތޫރިމާގެ / ޅ. ނައިފަރު
- މުޙައްމަދު އަފްރާޙް (40އ)، މޫންލައިޓްވިލާ / ސ. މީދޫ
- އިސްމާޢީލް ޢާޞިފް (36އ)، ދާރުލް އައްވަލް / ރ. މަޑުއްވަރި
- އަޙްމަދު ފާރިސް (39އ)، މ. އޭސިއާ / މާލެ
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ވަގަށް ނަގާފައިވާ ބާކީ ފައިސާ ހޯދުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތް ކުރިއަށްދާ ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއެވެ.


