ކެންދޫ ކައުންސިލް ރައީސްގެ ސައިކަލު ގެއްލިގެން ހޯދިއިރު ފެނުނީ ކަނޑުފައްތާފައި އޮއްވައި 10 މީޓަރު އަޑިން
18 އޭޕްރީލު 2026 - 10:02
ބ. ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލު ވަގަށް ނަގައި ކަނޑުފައްތާލާފައި އޮއްވާ ފެނިއްޖެއެވެ.

Ad by Hajj Corporation
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ކައުންސިލް ރައީސް އިބްރާހިމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ސައިކަލު އާންމުކޮށް ބަހައްޓަނީ ގޭ ދޮރުމަތީގައެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ހޭލައިގެން ގެއިން ބޭރަށް ނުކުތްއިރު ސައިކަލު ފެންނަން ނެތުމުން ބަޔަކު ވެގެން ރަށު ތެރެ ބަލައިގެންވެސް ނުފެނިގެން މޫދު ބެލީ ކަމަށް އޭނާ ވިދާޅުވެފަވެ އެވެ.
ކައުންސިލް ރައީސް އިބްރާހިމް ބައެއް މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދިޔަ އޭނާގެ ފިނޯ މަރުކާގެ ސައިކަލު ފެނިފައިވަނީ ރަށުގެ އުރަފަށުން ބޭރުން ގާތްގަނޑަކަށް 10 މީޓަރު އަޑީގައި ކަނޑުފައްތާފައި އޮއްވައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިބްރާހިމް ވިދާޅުވީ، މިއީ ބަޔަކު ގަސްތުގައި ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށާއި، މިއީ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރި ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ކަނޑު އަޑީގައި އޮތް އެ ސައިކަލު ނަގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އަދި ބަހެއް ވިދާޅުވެފައެއްނުވެއެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކެންދޫ ކައުންސިލްގެ ރައީސް ކަމަށް އިބްރާހިމްވެސް ވާދަކުރި އެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ފަރާތުން ވާދަކުރި އަހުމަދު ޝާން އެވެ.


