އެމްއޭސީއެލުން މަސައްކަތް ނުކުރާ ބަޔަކަށް މުސާރަ ދޭ ކަމަށް ބުނާ ލިސްޓެއް ނުލިބޭ: ރައީސް
20 އޭޕްރީލު 2026 - 07:57

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަސައްކަތް ނުކުރާ ބަޔަކަށް މުސާރަ ދޭ ކަމަށް ބުނާ ލިސްޓެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި،އެފަދަ ލިސްޓެއް މީސްމީޑިއާގައި ދައުރުވަމުން އަންނާތީ، އެ ލިސްޓުގެ ސައްހަކަމާއި ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނާއި ހަމައަށް އެފަދަ ލިސްޓެއް އައިސްފައި ނުވާ ކަމަށެވެ.

Ad by Hajj Corporation
މިއަދުގެ ބައްދަލުވުމުގައި އެ ނޫސްވެރިޔާ ވަނީ އެމްއޭސީއެލުން ގިނަ އަދަދެއްގެ މުވައްޒަފުން ބޮޑު މުސާރައިގައި ތިބި ކަމަށް ބުނެ ލިސްޓެއް ލީކުވި ކަމަށާއި ލިސްޓުގައި ތިބި މީހުންނަކީ މަސައްކަތެއް ނުކޮށް، ވަޒީފާއަށް ވެސް ނުނިކުންނަ މީހުން ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވާ ކަމަށް ބުނެފައެވެ.
ރައީސް ވިދާޅުވީ، އެމްއޭސީލް ހިމެނޭހެން ޖުމްލަކޮށް ހުރިހާ އެސްއޯއީތަކުގައި ވެސް މުވައްޒަފުންގެ އަދަދު މަދު ކުރުމަށް އަންގާފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މިހާރު އެ މަސައްކަތް ގިނަ އެސްއޯއީތަކުގައި ފެށިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޮންނާނީ ޖުމްލަކޮށް ހަމަ ހުރިހާ އެސްއޯއީތަކަށް މިހާރު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އަންގާފަ މުވައްޒަަފުންގެ އަދަދު މަދު ކުރަން، ތިންބައި ކުޅަ އެއްބައި މަދުކުރަން ކުރެވެން ހުރި ހުރިހާ ތަނެއްގައި": ރައީސް
އެމްއޭސީއެލުން މުސާރަ ދޭ ކަމަށް ބުނެ އެ ލިސްޓު މީސްމީޑިއާގައި ލީކުކޮށްލާފައިވަނީ އެއީ ރައީސް އޮފީހުން އެމްއޭސީއެލަށް ފޮނުވި ލިސްޓެއް ކަމަށް ބުނެއެވެ.


