އިސްރާއީލަށް ޖާސޫސްކޮށްދިން އީރާނުގެ އެޓޮމިކް އެޖެންސީގެ ކުރީގެ މުވައްޒަފަކަށް މަރުގެ އަދަބު ދީފި
22 އޭޕްރީލު 2026 - 11:55

އިސްރާއީލަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން، ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އީރާނުން މީހަކު ދަންޖައްސައިފިއެވެ.
އީރާނުގެ ޝަރުއީ ދާއިރާއިން އެ މީހާއަކީ މަހުދީ ފަރީދު ކަމަށް ދެނެގަނެފައިވާއިރު، އޭނާއަކީ "ނާޒުކު އިދާރާއެއްގައި" މަސައްކަތްކުރި އަދި އިސްރާއީލުގެ މޮސާޑްގެ އޮފިސަރުންނާ އޮންލައިންކޮށް ގުޅުން ބޭއްވި މީހެއް ކަމަށް ބުނެފައިވެއެވެ.

Ad by Hajj Corporation
ޝަރުއީ ދާއިރާއިން ބުނި ގޮތުގައި، ފަރީދަކީ ގައުމުގެ ނާޒުކު އިދާރާއެއްގެ ނޮން-މިލިޓަރީ ޑިފެންސް މެނޭޖްމަންޓް ކޮމިޓީގެ އިސްވެރިޔާއެވެ. އޭނާ ވަނީ އެ އިދާރާގެ އޮނިގަނޑާއި، ސަލާމަތީ ކަންކަމާއި، އުމްރާނީ ވަސީލަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. ނަމަވެސް އެއީ ކޮން އިދާރާއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކުރިން ބުނެފައިވާ ގޮތުގައި، ފަރީދު ހައްޔަރުކުރީ 2023 ވަނަ އަހަރުއެވެ. އަދި އޭނާ މަސައްކަތް ކުރަމުންދިޔައީ އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގައެވެ. އޭނާ ފުރަތަމަ ބަންދުކުރީ ތެހެރާންގެ ގްރޭޓަރ ތެހެރާން ޖަލުގައި ކަމަށާއި، އޭގެ ފަހުން އެވިން ޖަލަށް ބަދަލުކުރި ކަމަށް އެ ޖަމާއަތްތަކުން ބުނެއެވެ.
އީރާން ހިއުމަން ރައިޓްސްއިން މިދިޔަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ފުރަތަމަ ހުކުމްކުރީ 10 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް މައްސަލަ އަލުން ބެލުމަށްފަހު، އިސްރާއީލަށް ޖާސޫސްކުރި ކަމުގެ ދައުވާގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީއެވެ.
ޝަރުއީ ދާއިރާއިން ބުނި ގޮތުގައި، ފަރީދު ވަނީ މޮސާޑް އޮފިސަރެއްގެ އިރުޝާދުގެ ދަށުން، އެ އިދާރާގެ ސާވަރުތަކަށް ވައިރަސް ހުރި ފައިލްތަކެއް ފޮނުވައި، ޔޫއެސްބީ ޑިވައިސްތައް ބޭނުންކޮށްގެން ބޭރުގެ ފަރާތްތަކަށް ސިސްޓަމްތަކަށް ވަދެވޭނެ މަގު ފަހިކޮށްދީފައެވެ.
މީގެ އިތުރުން، މައުލޫމާތު ފޯރުކޮށްދިން ކަމަށް ފަރީދު އިއުތިރާފުވެފައިވާ ކަމަށާއި، އެކަމުގެ ބަދަލުގައި އޭނާއަށް ފައިސާ އާއި ގައުމުން ބޭރަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ފާއިތުވި މަސްތަކުގައި އީރާނުގެ ނިއުކްލިއާ ދާއިރާއާ ގުޅުންހުރި އަދި އިސްރާއީލާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އެތައް ބަޔަކަށް މަރުގެ އަދަބު ދީފައިވެއެވެ.
އޮކްޓޯބަރު މަހު، ހެންގޯ ހިއުމަން ރައިޓްސް ގްރޫޕުން ބުނި ގޮތުގައި، ނަޓާންޒް ނިއުކްލިއާ މަރުކަޒުގައި މަސައްކަތްކުރި އިންޖިނޭރެއް ކަމަށްވާ ޖަވާދު ނައީމީއަށް ވެސް ވަނީ އިސްރާއީލަށް ޖާސޫސްކުރި ކަމުގެ ކުށުގައި މަރުގެ އަދަބު ދީފައެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި އޭނާ ދަންޖައްސާފައިވަނީ ގޮމް ސެންޓްރަލް ޖަލުގައެވެ. އަދި އެކަން ކުރީ ސިއްރިއްޔާތުގައެވެ. އެ ދުވަސްވަރު އީރާނުގެ ދައުލަތުގެ މީޑިއާއިން ޖާސޫސީ މައްސަލައެއްގައި މީހަކަށް މަރުގެ އަދަބު ދިން ކަމަށް ރިޕޯޓްކުރި ނަމަވެސް، އެއީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ. ހެންގޯއިން ބުނި ގޮތުގައި ނައީމީ ހައްޔަރުކުރީ 2024 ފެބްރުއަރީގައެވެ.
އޮގަސްޓް މަހު، އީރާނުން ވަނީ ނިއުކްލިއާ ސައިންޓިސްޓެއް ކަމަށްވާ ރޫޒްބޭ ވަދީއަށް ވެސް މިފަދަ ތުހުމަތުތަކެއްގައި މަރުގެ އަދަބު ދީފައެވެ. ޝަރުއީ ދާއިރާއިން ބުނީ އޭނާއަކީ މޮސާޑުން ރެކްރޫޓްކޮށް، ސިއްރު މައުލޫމާތުތައް ފޯރުކޮށްދިން މީހެއް ކަމަށެވެ.
އިސްރާއީލާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވުމާ ގުޅިގެން، އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޖާސޫސީ މައްސަލަތަކުގައި މީހުން ހައްޔަރުކުރުމާއި، ޝަރީއަތް ހިންގުމާއި، މަރުގެ އަދަބު ދިނުން އިތުރުކޮށްފައެވެ. މިކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި އދ. ގެ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


