ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މިއަދުވެސް އިލްތިމާސްކޮށްފި
މިއަދު 5:15 ގެ ސެޓެލައިޓު ފޮޓޯ// ފޮޓޯ: މޫސުމާ ބެހޭ ގައުމީ އިދާރާ
13 އޮކްޓޯބަރު 2024 - 04:26
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މިއަދުވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
މިއަދު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.
ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގައި 4 ފޫޓާއި 7 ފޫޓާއި ދެމެދުގައިކަމަށާއި ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓުގެ އުސްމިނުގައިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ވުމާއެކު ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފާއިތުވީ 24 ގަޑިއިރުގެ ތެރެގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ވ.ރަކީދޫއަށެވެ. އެއީ 29.5 މިލިމީޓަރުގެ ވާރެއެވެ. ކ. ގާފަރަށް 27.3 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު އދ. މާމިގިއްޔަށް ވަނީ 27.0 މިލިމީޓަރުގެ ވާރޭވެހިފައެވެ.