ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ޑރ. ޢަލީ އަޒްވަރު އަންޔަންކޮށްފި
28 އޭޕްރީލު 2026 - 09:50

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ޑރ. ޢަލީ އަޒްވަރު އަންޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ސްޓެލްކޯ ގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައި ހުންނެވި ސ. ހިތަދޫ / ނެސްޕްރޯވިލާ، ޑރ. ޢަލީ އަޒްވަރު އައްޔަނުކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

Ad by Hajj Corporation
ޑރ. ޢަލީ އަޒްވަރަކީ ހަކަތައިގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަދި ހަކަތައިގެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ތަޖުރިބާކާރު ބޭފުޅެކެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގައި ވިހި އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޑރ. އަޒްވަރު މިހާތަނަށް ހުންނެވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައެވެ. ސްޓެރެޓެޖިކް ލީޑަރޝިޕް، އޮޕަރޭޝަންސް، ފައިނޭންސް، އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ ދާއިރާއިން އޭނާ ހާސިލުކުރައްވާފައިވާ ތަޖުރިބާގެ އަލީގައި، ރާއްޖޭގެ މައިގަނޑު ކަރަންޓު ޚިދުމަތްދޭ ކުންފުނީގެ މިސްރާބު ކަނޑައެޅުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ޑރ. އަޒްވަރު ސްޓެލްކޯއާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރު ޓްރޭނީއެއްގެ ގޮތުގައެވެ. އެއަށްފަހު، ކުންފުނީގެ ފަންނީ އަދި އިދާރީ އެކި ފަންތީގެ މަޤާމުތައް ފުރުއްވަމުން ގޮސް، އޭނާ ވަނީ ސޭލްސް އެންޑް މާކެޓިންގ، ބިލިންގ ސާވިސަސް، އަދި ބިޒްނަސް ޑިވެލޮޕްމަންޓް ފަދަ މުހިންމު ދާއިރާތައް އިސްވެ ހިންގަވާފައެވެ. ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމާއި، އޭގެ ކުރިން އަދާކުރެއްވި ޗީފް އޮޕަރޭޓިންގ އޮފިސަރުގެ (ސީ.އޯ.އޯ) މަޤާމުގައި ހުންނަވައިގެން، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، ރާއްޖޭގެ ހަކަތައިގެ ބޭނުންތަކަށް އެކަށޭނަ ސިޔާސަތުތައް އެކުލަވައިލުމަށް އޭނާ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
ކުންފުނީގެ އިސް ހިންގުންތެރިއެއްގެ ޒިންމާގެ އިތުރުން، ޑރ. އަޒްވަރު ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ގެ ނޮން-އެގްޒެކެޓިވް ޑައިރެކްޓަރުގެ މަޤާމު ފުރުއްވައި، އެ ކުންފުނީގެ ހިންގުމާއި އިސްތިރާތީޖީ މަސައްކަތްތަކުގައި ވެސް އޭނާ ލަފާދެއްވާފައިވެއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ޑރ. އަޒްވަރު ވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަނުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލުކުރައްވާފައެވެ. އޭނާގެ ޕީއެޗްޑީ ދިރާސާ ބިނާކުރެއްވީ ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފެތުރުމާ ގުޅޭގޮތުންނެވެ. އޭނާ ވަނީ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޫރުން މާސްޓަރ އިން ޕަބްލިކް ޕޮލިސީ ހާސިލުކުރައްވައި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޝެފީލްޑުން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން އޮނަރސްއާއެކު ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އޭނާގެ ތަޢުލީމީ އަދި މަސައްކަތުގެ ތަޖުރިބާ ބިނާވެފައިވަނީ ދެމެހެއްޓެނިވި ހަކަތަ ކުރިއެރުވުމާއި، ޖަޒީރާ ޤައުމުތަކަށް އެކަށޭނަ ސިޔާސަތުތަކުގެ އެހީގައި ދާއިރާ ހަރުދަނާކުރުމުގެ މައްޗަށެވެ.
ރަސްމީ މަޤާމުތަކުގެ އިތުރުން، ޑރ. އަޒްވަރު ވަނީ އޭޝިއާ، މެދުއިރުމަތި، އަދި އެމެރިކާގައި ބޭއްވުނު އިއާދަކުރަނިވި ހަކަތަ، ކާރިސާތަކުގެ ނުރައްކާ ކުޑަކުރުން، އަދި މުއާސަލާތީ އުކުޅުތަކާ ގުޅޭ ބައިނަލްއަޤްވާމީ ސެމިނާރތަކާއި ވަރކްޝޮޕްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ބާއްވާ ބޯޑު މެންބަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފުރިހަމަކުރައްވައި، ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން ވެސް ތަޖުރިބާ ހާސިލުކުރައްވާފައިވެއެވެ.


