މާދަމާއަށް ދިވެހީންކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީވެސް ހީވާގި މަސައްކަތްތެރީންނަށް: ރައީސް
1 މޭ 2026 - 06:23

މާދަމާއަށް ދިވެހީން ކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީވެސް ހީވާގި މަސައްކަތްތެރީންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ހާއްސަ ޕޯސްޓެއްގަ އެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އަމިއްލަ ނަފްސާއި ޢާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެ ދާއިރާއެއްގައި ބުރައުފުލާ މަސައްކަތްތެރިއަކީވެސް ޝަރަފްވެރިއެއް ކަމަށެވެ. އަދި އެއީ މި ޤައުމުން އަގުވަޒަން ކުރާނެ ޚިދުމަތްތެރިއެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެ މިއަދު މިދެކޭ ކުރިއެރުންތައް މި ޤައުމަށް ގެނެސްދިނީ ވެސް، އަދި މާދަމާއަށް ދިވެހީންކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީ ވެސް ހީވާގި މަސައްކަތްތެރީންނަށްކަން ޤަބޫލުކުރައްވާ ކަމަށެވެ. އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ މަސައްކަތްތެރީންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފަ އެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަކުރަމުންދާ މެއި މަހުގެ އެއް ވަނަ ދުވަހަކީ، ރާއްޖޭގައި ރަސްމީ ބަންދު ދުވަހެއް ކަމުގައި ހަމަޖައްސާފައިވާ ދުވަހެކެވެ. މި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ހަމަޖެއްސެވީ 2011 ވަނަ އަހަރު އެވެ.
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ތަރައްގީގައި ހިއްސާވާ ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، މަސައްކަތުގެ މާހައުލަކީ އަމާން ތަނަކަށް ހަދައި ހަމަހަމަކަން ގާއިމްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


