މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރަން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ވަޒީރު ވިދާޅުވެއްޖެ
1 މޭ 2026 - 13:27

މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރަން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ބޭއްވި ޚާއްޞަ ހިނގާލުމުގައި ބައިވެރިވެވަޑައިގެން، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މަސައްކަތްތެރިންގެ ޙައްގުތައް ރައްކާތެރިކޮށް އެ ފަރާތްތަކުގެ ދަތިތައް ފިލުވައިދިނުމަށް ސަރުކާރުން ފާހަގަކޮށްލެވޭ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވި ގޮތުގައި، މަސައްކަތްތެރިންނަށް ދިމާވާ ގޮންޖެހުންތައް ނައްތައިލެވޭނެ ފަދައިން ސަރުކާރުގެ ސިޔާސަތުތައް ރާވައި ހިންގެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. އެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ޢާއިލާއާ ދުރުގައި މަސައްކަތްކުރާ މީހުންނަށް ރިސޯޓުތައް ކައިރިން ބޯހިޔާވަހިކަން ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ އެ މީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށެވެ. އޭގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނާއި އެ ނޫން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ އެއް ހަމައަކަށް ގެނައުމަށް ކުރެވުނު މަސައްކަތް ވެސް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.
މަސައްކަތްތެރިންގެ އިޙްސާސްތަކާއި، އެސްޕްރޭޝަންތަކަށް ހައްލު އަންނާނެހެން، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނެ ކަމަށާއި މަސައްކަތްތެރިންގެ ހައްގުތަކަށް ކުރެވޭ ކަންކަމާއި މަސައްކަތްތެރިންގެ ހައްގުތައް ވަނީ ޤައުމުގެ އިޤްތިޞާދާއި ގުޅިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ މަސައްކަތްތެރިންގެ ޙައްގުތައް ދެމެހެއްޓުމާއި ކުރިއެރުވުމަށް ކުރައްވަންޖެހޭ އެންމެހައި މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމަށާއި، ތަފާތު ސިނާޢަތްތަކުގެ މަސައްކަތްތެރިންނަށް ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެއްވުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.


