ރައްޔިތުން ބާރުވެރިކުރުވުމާއި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން: ރައީސް
3 މޭ 2026 - 01:33
.jpg&w=3840&q=75)
ރައްޔިތުން ބާރުވެރިކުރުވުމާއި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވަނީ ނޫސްވެރިކަމަކީ ދައުލަތުގެ "ހަތަރުވަނަ ބާރު" ކަމަށް ސިފަކުރައްވައި، ދިވެހި ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މިއީ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، ޚިޔާލުފާޅުކުރުމުގައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ އިންތަކާއި މިންތަކަށް ބޯލެނބުމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.
މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި އޮންނަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިންސާނީ ޙައްޤުތަކާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސުލްހަމަސަލަސްކަން ދެމިއޮތުންވެސް ގުޅިފައިވަނީ މި މިނިވަންކަމާ ކަމަށެވެ. އަދި ޙަޤީޤަތާ އެއްގޮތަށް ލިޔާ އަދި ތެދު ބުނާ މީހުންނަށް ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމް އައުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ދިވެހި ނޫސްވެރިންނަށް ފަހި އަދި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މަތީ އެއް މަޞްލަޙަތު ކަމަށް ރައީސް ވިދާޅުވިއެވެ.
''ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަޞްލަޙަތެވެ. ދިވެހި ނޫސްވެރިންނަށް ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް އަރުވަމެވެ.'' ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން މީޑިއާ ދާއިރާއަކީ އާމްދަނީ ލިބޭ އަބުރުވެރި ދާއިރާއަކަށް ހެދުމަށާއި، މީޑިއާ ހިންގުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މީޑިއާގެ ދާއިރާއިން ޢިލްމީ ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
''ނޫސްވެރިކަމަކީ، ޒުވާނުންނަށް ފަހި މުސްތަޤުބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުންނެވެ. އަދި، ހަމައެހެންމެ ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހެއެވެ. ރާއްޖޭގެ އާބާދީ ކުޑަކަމުން، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެކަމަށް ޙައްލެއް ހޯދައި، ދުނިޔެއަށް އަންނަމުންދާ ވިލުންތެރި ބަދަލުތަކާއެކު ފައިހަމަކުރާނެ، މީޑިއާގެ ޢިލްމީ ޖީލެއް ބިނާކުރާނެ ފުރުސަތުތައް ތަނަވަސް ކުރުމަކީ ސަރުކާރުގެ އަމާޒެވެ.'' ރައީސް މުޢިއްޒު
ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިންމު އެއް ބާރުކަން ފާހަގަކުރައްވައި، ތެދު މަޢުލޫމާތު ފެތުރުމާއި ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގައި ނޫސްވެރިން ކުރާ އަގުހުރި ޚިދުމަތުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.


