ރައީސްގެ ދެ ކަނބަލުން ލަންކާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި
6 މޭ 2026 - 04:19

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
2026 މޭ 3 އިން 6 އަށް ކުރެއްވި މި ފުރަމާނަ ދަތުރުފުޅުގައި ރަސްމީ، އިޖުތިމާޢީ އަދި ސަގާފީ ގިނަ ހަރަކާތްތަކެއް ހިމެނިފައިވެއެވެ.

Ad by Hajj Corporation
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ ރައީސް ދިސާނާޔަކައާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އާ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޒުވާނުން ތަރައްޤީކުރުމާއި، އަރުޝީފީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަމާއި، ހަރުކަށި ފިކުރު ހުއްޓުވުމާއި، ދިފާޢީ އަދި ސިއްޙީ ދާއިރާގެ ތަޢުލީމީ ގުޅުމާއި، މުދައްރިސުން ތަމްރީނުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ބޭފުޅުން ބައްލަވާލެއްވިއެވެ. ރަސްމީ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ރައީސުން ވަނީ މީޑިއާއަށް ބަޔާން ދެއްވާފައެވެ.
ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ޤައުމުގެ ރައީސުން ވަނީ ވިހާރަމަހާދޭވީ ޕާކުގައި ގަސް އިންދުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
ރަސްމީ މަޝްވަރާތަކުގެ އިތުރުން، ސްރީލަންކާގެ ބައެއް އިސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ބޮޑުވަޒީރު އޮނަރަބަލް ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާއާއި، ޕާލަމެންޓުގެ ރައީސް އޮނަރަބަލް ޑޮކްޓަރ ޖަގަތު ވިކްރަމަރަތުނައާއި، ޚާރިޖީ ވަޒީރު އޮނަރަބަލް ވިޖިތަ ހޭރަތު ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުކުރެއްވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުންކުރުމަށް ދެފަރާތުންވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" ގައި ތަޤުރީރު ކުރައްވައި، ސްރީލަންކާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، މިފްކޯގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިންގެ ޝަރަފުގައި ރައީސް ދިސާނާޔަކަ ދެއްވި ރަސްމީ ޖާފަތުގައި އެ ދެމަފިރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށާއި، މޯލްޑިވްސް ކަލްޗަރަލް ސެންޓަރަށާއި، ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ޒިޔާރަތްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން، އެކަމަނާ ވަނީ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަންއަށް ޒިޔާރަތްކުރައްވައި، އެތަނުގެ އެކި ވޯޑުތައް ބައްލަވާލައްވައި ބަލިމީހުންނާ ބައްދަލުކުރައްވާފައެވެ. އަދި އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ދައްކާލާ "ގުޑް މާކެޓް ސްރީލަންކާ" އޮފީހަށް ޒިޔާރަތްކުރައްވައި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ކޮލަމްބޯގެ މޭޔަރު ވްރައި ކެލީ ބަލްތަޒާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޝަރަފުގައި ސައިފޮދެއް ބާއްވަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިން ވަނީ ކޮލަމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ބައްދަލުކުރައްވާފައެވެ.މި ބައްދަލުކުރެއްވުމަށްފަހު، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ބޭއްވެވި ރޭގަނޑުގެ ފަރާވަޅެއް އޮތެވެ.
މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި، 2025 ޖުލައި 28 އިން 30 އަށް ރައީސް ދިސާނާޔަކަ ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.


