ޔޫތު ލީޑާޝިޕް ކޭންޕުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ އަށް ހަމަވާނެ: މިނިސްޓްރީ
6 މޭ 2026 - 05:36

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫތު ލީޑާޝިޕް ކޭންޕު" ގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.
ކ. ހުރާގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ކޭންޕު އޮންނާނީ 2026 މޭ 14، 15 އަދި 16 ގައެވެ. މި ކޭންޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ.

Ad by Hajj Corporation
ޔޫތު މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މި ކޭންޕަކީ ޒުވާނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، އިސްނެގުމުގެ ހުނަރުތައް ނުވަތަ ލީޑަޝިޕް ސިފަތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ. މި ކޭންޕުގެ ތެރެއިން ތަފާތު ވޯކްޝޮޕްތަކާއި، ގުޅިގެން މަސައްކަތްކުރުމުގެ (ޓީމް ބިލްޑިންގ) ހަރަކާތްތައް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، އެހެން ޒުވާނުންނާ ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މިއީ މުސްތަޤްބަލަށް ބޭނުންވާނެ މުހިންމު ހުނަރުތައް ދަސްކޮށް، އަމަލީ މައިދާނަށް ޒުވާނުން ތައްޔާރުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އެހެންކަމުން، މި ކޭންޕުގައި ބައިވެރިވާން އެދޭ ޒުވާނުން މާދަމާގެ ކުރިން ފޯމު ހުށަހެޅުމަށް ޔޫތު މިނިސްޓްރީން އިލްތިމާސްކުރެއެވެ.


