ތިން ދުވަހަށް ކ. ހުރާގައި ކުރިއަށްގެންދިޔަ ޔޫތު ލީޑާޝިޕް ކޭންޕު ކާމިޔާބުކަމާއެކު ނިންމާލައިފި
18 މޭ 2026 - 09:12

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އިންތިޒާމުކޮށްގެން ކ. ހުރާގައި ކުރިއަށްގެންދިޔަ "ޔޫތު ލީޑާޝިޕް ކޭންޕު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަހުގެ 14 އިން 16 އަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޭންޕަކީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ހަރަކާތެކެވެ. މި ކޭންޕުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، އިސްނެގުމުގެ ހުނަރުތަކާއި ލީޑަޝިޕް ސިފަތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުމެވެ.

Ad by Hajj Corporation
މީގެ ކުރިން މިނިސްޓްރީން ބުނީ މި ކޭންޕުގެ ތެރެއިން ޒުވާނުންނަށް ބޭނުންތެރި ތަފާތު ވޯކްޝޮޕްތަކާއި، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު އިތުރުކުރުމަށް "ޓީމް ބިލްޑިންގ" ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މިއީ އެކި ރަށްރަށުގެ ޒުވާނުން އެއް ތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއެވެ.

ކޭންޕުގެ އެންމެ ފަހު ދުވަހުގެ ހަރަކާތްތަކާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، ފަހު ދުވަހުގެ މަސައްކަތްތައް ފެށިގެން ދިޔައީ ގޮނޑުދޮށް ސާފުކުރުމާއި ކޮމިއުނިޓީ ސާވިސް ހަރަކާތަކުން ކަމަށެވެ. މީގެ އިތުރުން، އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުމުގެ ސެޝަނަކާއި، ކޭންޕާ ގުޅޭގޮތުން ބައިވެރިންގެ ފީޑްބެކް ހޯދުމުގެ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ކޭންޕުގައި ޚާއްޞަ އިސްކަމެއް ދީފައިވަނީ ޒުވާނުންގެ މެދުގައި ލީޑަރޝިޕް ސްކިލްސް ބިނާކުރުމާއި، ޓީމް ވޯކް އަދި މުޖުތަމަޢުގެ އަގުތައް ހިފެހެއްޓުމުގެ މައްޗަށެވެ. މިއީ މުސްތަޤްބަލުގެ އަމަލީ މައިދާނަށް ޒުވާނުން ތައްޔާރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހަރަކާތެކެވެ.


