މަންމަ: ނިމުމެއް ނެތް ލޯތްބާއި ގުރުބާނީގެ މިސާލެއް!
10 މޭ 2026 - 04:52

ޤުދުރަތުން ލިބޭނެ އެންމެ މަތިވެރި ލޯތްބަކީ މައިވަންތަ ކަމުގެ ލޯތްބެވެ. މަންމައެއްގެ ގުރުބާނީ ފެށެނީ ދަރިފުޅު ދުނިޔެއަށް ނޭވާލުމުގެ މާ ކުރިންނެވެ. ނުވަ މަސް ދުވަހު އުފުލި ތަދާއި ވޭނަކީ އިންސާނަކަށް ތަހައްމަލު ކުރަން ފަސޭހަވާނޭ ކަންކަމެއް ނޫނެވެ. ދަރިފުޅު ދުނިޔެއަށް އައުމަށްފަހު، ދަރިފުޅު ބޮޑުވަމުން އަންނަ ކޮންމެ މަރުހަލާއެއްގައި، މަންމަގެ އަމިއްލަ އަރާމާއި، ނިންޖާއި، އަދި އަމިއްލަ އެދުންތައް ގުރުބާން ކުރަނީ އެއްވެސް ޝަކުވާއެއް ނެތިއެވެ.
އިންސާނަކަށް ތަހައްމަލު ކުރެވޭނެ އެންމެ ގަދަ ވޭނަކީ ވިހެއުމުގެ ވޭނެވެ. ނަމަވެސް، މަންމަ އެ ވޭން އުފުލަނީ ހިނިތުންވުމާއެކުގައެވެ. ދަރިފުޅުގެ ފުރަތަމަ ރުއިމުގެ އަޑާއެކު، މަންމަ އުފުލި ހުރިހާ ތަދެއް ފިލައިގެން ދެއެވެ. އެއީ އަމިއްލަ އެދުމެއް ނެތް ލޯތްބަކީ ކޮބައިކަން ދުނިޔެއަށް ދައްކުވައިދޭ އެންމެ މަތިވެރި ހެތްކެވެ.

Ad by Hajj Corporation
ކޮންމެ ކުއްޖެއްގެވެސް އެންމެ ފުރަތަމަ މުދައްރިސަކީ މަންމައެވެ. ހިނގަން ދަސްކޮށްދިނުމުން ފެށިގެން، ދުނިޔޭގައި ރީތި އަޚުލާޤާއެކު އުޅެން ދަސްކޮށްދެނީ މަންމަގެ އޯގާތެރި އަތުންނެވެ. ކުއްޖެއްގެ ޝަޚުޞިއްޔަތު ބައްޓަންކުރުމުގައި މަންމަގެ ދައުރަކީ އެހެން އެއްވެސް މީހަކަށް އަދާނުކުރެވޭނެ ދައުރެކެވެ. އަޅުގަނޑުމެން ދެރަވާ ވަގުތު ހިތްވަރުދީ، ބަލިވާ ވަގުތު ހޭލާ ހުރެ ފަރުވާދީ، އަދި ކާމިޔާބީގެ ވަގުތުގައި އެންމެ ބޮޑަށް އުފާކުރާ ފަރާތަކީ މަންމައެވެ. ރަނގަޅާއި ނުބައި ވަކިކޮށްދީ، މީހުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެނީ މަންމަގެ އޯގާތެރި ބަސްތަކުންނެވެ. ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގައި ފަސްނުޖެހި ކުރިއަށްދާން ދަސްކޮށްދޭ "ހަކަތައަކީ" މަންމަގެ ހިތްވަރުގަދަ ބަސްތަކެވެ. ކޮންމެ މަންމައެއްގެ ދުޢާއަކީ އެ ދަރިފުޅުގެ ވަށައިގެންވާ ރައްކާތެރިކަމުގެ އައްޑަނައެކެވެ.
މަންމަ އިންގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެން މި ހަނދާންކުރަނީ ހަމައެކަނި އަޅުގަނޑުމެން ދުނިޔެއަށް އުފަންކުރި ފަރާތުގެ މަތީންނެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ހަށިގަނޑުގައި ހިނގާ ކޮންމެ ލޭތިއްކެއްގެ ބަޠަލެވެ. ކޮންމެ ކާމިޔާބީއެއްގެ ސިއްރެވެ. އަދި ކޮންމެ މުސީބާތެއްގައި ހިޔާދޭ އަމާން އައްސޭރިއެވެ.
އިސްލާމްދީނުގައި މަންމައަށް ދެވިފައިވަނީ ނުހަނު މަތިވެރި ދަރަޖައެކެވެ. މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅެއްގައިވާ ފަދައިން، "ސުވަރުގެވަނީ މަންމަގެ ފައިތިލަދަށުގައެވެ." މިއީ މަންމައަށް ކަމޭހިތުމާއި، ކިޔަމަންތެރިވުމުގެ މުހިންމުކަން އަންގައިދޭ އެންމެ ވަރުގަދަ ހެތްކެވެ. ކީރިތި ޤުރުއާނުގައި މައިންބަފައިންނަށް އުފް ވެސް ނުބުނުމަށް އަންގަވާފައިވަނީ މަންމަގެ ހިތުގައި ޖެހިދާނެ އެންމެ ކުޑަ ކަމަކުންވެސް ދަރިފުޅަށް ގެއްލުން ވެދާނެތީއެވެ. މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުން އެނގޭ ގޮތުގައި، ދުނިޔޭގައި އެންމެ ހެޔޮކޮށް ހިތުން ހައްގުވަނީ މަންމައަށެވެ. އެއީ ބައްޕައަށްވުރެ ތިން ގުނަ އިސްކޮށް މަންމަގެ ވާހަކަ ޛިކުރު ކުރެވިފައިވާތީއެވެ.
މަންމަ އިންގެ ދުވަސް ފާހަގަކުރުމަކީ އަހަރަކު އެއްފަހަރު މަލެއް ނުވަތަ ހަދިޔާއެއް ދިނުމުން ނިމޭ ކަމެއް ނޫނެވެ. މަންމަ އަޅުގަނޑުމެންނަށްޓަކައި ވީ ގުރުބާނީތަކަށް ހިތުގެ އަޑިން ޝުކުރުވެރިވުމެވެ. މިއަދުގެ ބުރަ ދިރިއުޅުމުގައި މަންމައަށް އެންމެ ބޭނުންވަނީ އަޅުގަނޑުމެންގެ ވަގުތާއި އަޅާލުމެވެ. މަންމަ މުސްކުޅިވާ ދުވަހު، އަޅުގަނޑުމެން ކުޑައިރު މަންމަ ބެލި ފަދައިން ކެތްތެރިކަމާއެކު ބެލުމެވެ.
ކޮންމެ އިންސާނެއްގެ ހަޔާތުގައިވެސް މަންމައަކީ ބަދަލު ނުކުރެވޭނެ ފަރާތެކެވެ. މަންމައެއްގެ ލޯތްބަކީ އެއްވެސް ޝަރުތެއް ނެތް، އަދި ދުނިޔޭގެ އެއްވެސް މުދަލަކަށް ގަނެވޭނެ އެއްޗެއް ނޫނެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބަކީ މަންމަގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރުމާއި، މަންމަ ދުނިޔޭގައި ހުރިނަމަ ހެޔޮކޮށް ހިތުމެވެ. އަދި ދުނިޔެ ދޫކޮށްފައިވާނަމަ، މަންމައަށްޓަކައި ދުޢާކުރުމުގައި ދެމިހުރުމެވެ.
ދުނިޔޭގެ ހުރިހާ މަންމަ އިންނަށް އުފާވެރި މަންމަ އިންގެ ދުވަހަކަށް އެދެމެވެ! ތިޔައީ އަޅުގަނޑުމެންނަށް ދުނިޔެމަތީގައި ލިބިފައިވާ އެންމެ ބޮޑު ނިޢުމަތެވެ.


