ވަގަށް އެތެރެކޮށް ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން އަތުލައިގަނެފި
14 މޭ 2026 - 07:05

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިޔަފާރިކުރަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

Ad by Hajj Corporation
މި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ފުލުހުން ވަނީ މާލެ އާއި ހުޅުމާލޭގެ ތިން ތަނެއް ބަލައި ފާސްކޮށްފައެވެ. އެގޮތުން މާލޭ ގަލޮޅު ސަރަހައްދުގެ ގެއަކާއި، ހުޅުމާލެ ފޭސް 2 ގައި ހުންނަ "އަމާން ދޯދި" އެޕާޓްމަންޓްގެ އިތުރުން ވޭންއެއް ބަލައި ފާސްކޮށްފައިވެއެވެ.
މި ފާސްކުރުންތަކުގެ ތެރެއިން 18 ކޭސް ދުންފަތާއި، 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މީގެ އިތުރުން، މި މައްސަލައިގައި ބޭނުންކުރި ވޭން ފުލުހުން ވަނީ ޓޯކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


