ނިޔާވި ސިފައިންގެ މީހާގެ ކަށުނަމާދު މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައި
16 މޭ 2026 - 14:43

ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޓޫރިސްޓުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ހާލު ދެރަވެގެން ނިޔާވި ސިފައިންގެ އޮފިސަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ކަށުނަމާދު މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

Ad by Hajj Corporation
އުމުރުން 43 އަހަރުގެ މަހުދީގެ މޫނު ދެއްކުން މިރޭ 19:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާއިރު، އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިރޭ 22:00 ގައި ހަމަ އިސްލާމީ މަރުކަޒުގައެވެ.
މަހުދީ ނިޔާވީ ވ. އަލިމަތާ ކައިރިން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޓޫރިސްޓުންނާއި ޑައިވިން އިންސްޓްރަކްޓަރު ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި އުޅެނިކޮށެވެ.
މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެކެއްގެ ހަށިގަނޑެވެ. އެ މީހާ ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު މީހުން އަދިވެސް ނުފެންނަ އިރު، އެމްއެންޑީއެފުން ބުނެފައިވަނީ އެ މީހުން ވީކަމަށް ލަފާކުރެވެނީ 200 އެއްހާ ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށެވެ.
މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކީ ވަރަށް ބޮޑު ރިސްކެއް އޮތް އޮޕަރޭޝަނެއްގެ ގޮތުގައި އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.
މަހުދީ ނިޔާވުމުގެ ހިތާމާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތައުޒިޔާ ފޮނުއްވާފައިވާއިރު، އެމަނިކުފާނު ވަނީ އިއްޔެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެތަނަށް ވަޑައިގެންފައެވެ.
މަހުދީ ނިޔާވުމުން މަހުދީގެ އާއިލާ އަށާއި އެމްއެންޑީއެފަށް ފޮނުވި ތައުޒިޔާގެ މެސެޖުގައި މަހުދީ ނިޔާވުމަކީ އެމަނިކުފާނަށާއި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއްކަމަށާއި،އަދި މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް ކަމަށް ވިދާޅުވެފަވެއެވެ. އަދި މަހުދީ އަށް ޝަހީދެއްގެ ދަރަޖަދެއްވައި، ސުވަރުގޭގައި ދާއިމަށް ލެހެއްޓެވުމަށްއެދި ދުޢާކުރަށްވާފައިވެެއެވެ.


