ސަރުކާރުން ގެންދަވަނީ ހަރުދަނާ މާލީ ސިޔާސަތުތަކެއް އެކަށައަޅަމުން: ވަޒީރު މޫސާ ޒަމީރު
19 މޭ 2026 - 16:38

ސަރުކާރުން ގެންދަވަނީ ހަރުދަނާ މާލީ ސިޔާސަތުތަކެއް އެކަށައަޅަމުން ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މޫސާ ޒަމީރު މިފަދައިން ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމަށް އެކުލަވައިލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރަނި އަދާނުކުރެވިދާނެކަމުގެ ބިރުވެރިކަން ކަމަށާއި އެހެން ނަމަވެސް ދެމެހެއްޓެނެވި މިންގަނޑެއްގައި ދަރަނި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ގެނައި މާލީ އަދި ހިންގުމުގެ ބޮޑެތި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ދަރަނީގެ ބޮޑު މިންވަރެއް މިހާރު ދައްކައި ޚަލާސްކުރެވިފައިވާ ކަމަށެވެ.
2023 އަހަރާ ހިސާބަށް އައިއިރު އަޑުއިވެމުން ދިޔައީ ރަނގަބީލު އަޅަނިއްޔޭ، އެ ފައިސާއެއް މި ފައިސާއެއް ނުދެއްކޭނޭ ކަމަށް ބުނާ ވާހަކަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަކު ހަރަދުތައް ރޭޝަނަލައިޒްކޮށް އިގުތިސާދީ އެޖެންޑާއެއް ގެންގުޅެ ހަރުދަނާ ބަދަލުތަކެއް ގެނެވުނީމާ އޭގެ ނަތީޖާއަކީ ހަގީގަތުގައި ދަރަނިތައް ދައްކައި، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދުވަހުން ދުވަހަށް ދީ މިކަންކަން ކުރެވުން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ދައުލަތުން ދަރަންޏެއް ނަގަންޖެހިއްޖެ ހާލަތެއްގައިވެސް، އެ ދަރަނި އަދާކުރެވޭނެ ހަރުދަނާ އިންތިޒާމުތަކާއި ޕްލޭންތަކެއް އެކުލަވައިލުމަށްފަހު ނޫނީ ދަރަނި ނުނަގާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހަނގުރާމައާ ގުޅިގެން ކުރިމަތިވަމުން އަންނަ ކަންކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ކޮންޓްރޯލް އޮތް ކަމަކަށް ނުވި ނަމަވެސް، ސަރުކާރުން ސަބްސިޑީ ދީގެން ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް އައިއިރު ތެޔޮ ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިވެފައި ނުވާކަމަށެވެ.


