އީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ: އިމިގްރޭޝަން
23 މޭ 2026 - 04:00

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް އީދު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ހައްޖު ދުވާހާއި ޢީދު ބަންދުގައި މާލެ، ހުޅުމާލެ، އައްޑޫ ސިޓީ އަދި އަތޮޅު ތެރޭގައި ހުންނަ އިމިގްރޭޝަންގެ އޮފީސްތަކުން މިޚިދުމަތް ދިނުމަށް ވަކި ތާވަލެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިތާވަލަށް އަމަލުކުރާނީ، 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

Ad by Hajj Corporation
އިމިގްރޭޝަނުން ބުނީ މިމަހުގެ 27 ވާ ބުދަ ދުވަހަކީ އަޟްހާ ޢީދު ދުވަސް ކަމަށްވާތީ، އެދުވަހު އިމިގްރޭޝަންސްގެ ހުރިހާ އޮފީހެއް ބަންދުކުރުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް އިމުގާ ޕޯޓަލް imuga.immigration.gov.mv/passport މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ހުޅުމާލެ އަދި އައްޑޫ ސިޓީގައި ހުންނަ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ، 24 ވާ އާދީއްތަ ދުވަހުން ފެށިގެން 28ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 16:00 އަށް ކަމަށާއި 29 ވާ ހުކުރު ދުވަހު ޚިދުމަތް ދޭނީ، 09:00 އިން 11:00 އަށް ކަމަށް ވެސް ބުނެއެވެ.
މީގެއިތުރުން އަތޮޅުތެރޭގެ އޮފީސްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ހއ. ދިއްދޫ، ލ. ފޮނަދޫ، ނ. ފުނަދޫ، ދ. ކުޑަހުވަދޫ އަދި ބ. އޭދަފުށީގައި ހުންނަ އޮފީސްތަކުން ޕާސްޕޯޓު ދޫކުރާނީ، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 08:30 އިން 16:00 އަށް ކަމަށާއި މި ތަންތަނުންވެސް ހުކުރު ދުވަހު ޚިދުމަތް ދޭނީ، 09:00 އިން 11:00 އަށް ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ އަތޮޅުތެރޭގެ ރަށްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް 24 އަދި 25 ވަނަ ދުވަހު ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި 2 ދުވަހުވެސް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ، ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. މީގެއިތުރުން މެޑިކަލް އެމަރޖެންސީ ފަދަ ޚާއްސަ ހާލަތްތަކުގައި ޕާސްޕޯޓުގެ ޚިދުމަތަށް އެދި ގުޅުއްވާނީ، 955333 ނަންބަރު ފޯނަށް ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއްވައެވެ.
އިމިގްރޭޝަނުން ކޮންމެ އަހަރަކުވެސް ފިތުރު އަދި އަޟްހާ ޢީދުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ދެނީ، ރައްޔިތުންނަށް ދަތި ނުވާނެހެން ތާވަލަށް ބަދަލުތަކެއް ގެނެސްގެންނެވެ.


