ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް, އިމިގްރޭޝަންގެ ތާރީޚީ މައުރަޒު ހުޅުވައިފި
24 ޖުލައި 2026 - 04:22

މޯލްޑިވްސް އިމިގްރޭޝަންގެ މުއްސަނދި ތާރީޚު ރަމްޒުކޮށްދޭ އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ މައުރަޒު ހުޅުވައި، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު އައު ބަދަލުތަކެއް ގެނެސް އިފްތިތާޙުކޮށްފި އެވެ.
އިމިޤްރޭޝަންގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މިދެ ކަންތައް އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ.

Ad by Hajj Corporation
ވެލާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަންގެ ހެޑް އޮފީހުގެ ތެރޭގައި ދާއިމީ މައުރަޒެއްގެ ގޮތުގައި ތަރައްޤީ ކޮށްފައިވާ މިތަނުން ފެނިގެންދާނީ، 1950 ވަނަ އަހަރު އިމިގްރޭޝަން އުފެދުނީއްސުރެ މިއަދާ ހަމައަށް މުއައްސަސާ ބައްޓަން ކުރުމުގައި ހިއްސާވި ފަރާތްތަކާއި، ހޯދާފައިވާ ކުރިއެރުންތަކުގެ ފުރިހަމަ ތަސްވީރެވެ.
އިމިގްރޭޝަނުން ބުނީ ދިވެހި ރައްޔިތުންނަށް ދޭ ޕާސްޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު މޯލްޑިވްސް އިމިގްރޭޝަނުން ގެނައި އައު ބަދަލުތަކަކީ، ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ތަކުލީފުތައް ކުޑަކޮށް، އަވަސް އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމަށް ގެނައި މުހިންމު އިޞްލާޙުތަކެއް ކަމަށެވެ.
އަލަށް ތަޢާރަފު ކުރި ޚިދުމަތްތަކުގެ ތެރޭގައި، ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް އިސްކަންދީގެން، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ. އެގޮތުން، އިސްރަށްވެހިންނަށް ޕާސްޕޯޓު ފޮޓޯ ނެގުމާއި، އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ އިންތިޒާމެއް މިހާރު ވަނީ އެ އިދާރާއިން ހަމަޖައްސާފަ އެވެ. މީގެ އިތުރުން، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާޙައުލެއް ޤާއިމުކޮށް، ޢާންމު މަޢުލޫމާތާއި އިރުޝާދު ދިނުމަށް ޚާއްސަ "އިންފޮމޭޝަން ކައުންޓަރެއް" ވެސް ވަނީ ހުޅުވާފަ އެވެ.
އަލަށް މި ގެނައި ބަދަލުތަކަކީ ޒަމާނީ އީޖާދުތަކުގެ އެހީގައި، އިތުބާރު ހުރި އަދި ހަރުދަނާ ޚިދުމަތެއް ރައްޔިތުންނަށް ދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް އިމިގްރޭޝަނުންބުނެ އެވެ.


