ދިވެހި ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފި
27 އޯގަސްޓު 2026 - 19:26

ދިވެހި ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
މި ބަދަލު ގެންނަން ނިންމާފައިވަނީ ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލަ ހައްލުވި ނަމަވެސް، ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކަކާ ގުޅިގެންނެވެ.

Ad by Hajj Corporation
މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައާ ގުޅިގެން، އަންދާޒާކުރި ތާރީޚަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު ހުރި ޕާސްޕޯޓް ސްޓޮކް މެނޭޖްކުރުމުގެ ގޮތުން އޮގަސްޓް 28 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓް ދޫކުރުމުގައި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.
ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގައި ހުރެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދޭ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027 ގެ ނިޔަލަށް އިތުރުކޮށްދިނުން ހިމެނެއެވެ. މިގޮތަށް މުއްދަތު އިތުރުކޮށްދޭނީ އެއްވެސް ފީއަކާ ނުލައި ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަޖެންސީ ޕާސްޕޯޓް" ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ. އިމަޖެންސީ ޕާސްޕޯޓަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ، 1 އަހަރު ދުވަހުގެ މުއްދަތު އޮންނަ، މެޝިން ރީޑަބަލް 8 ސަފްހާގެ ޕާސްޕޯޓެކެވެ. މި ޚިދުމަތްވެސް ފޯރުކޮށްދެނީ މުޅިން ހިލެއެވެ.
ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ކުންފުންޏަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައިވެސް އެއްވެސް މައްސަލައެއް ނުޖެހި މި ތަކެތި ފޯރުކޮށްދެމުން އައި ފަރާތެއްކަން ފާހަގަކުރައްވައި އިމިގްރޭޝަނުން ވަނީ، މި ބަދަލުތައް ގެނައި ނަމަވެސް އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ދަތިކަމެއް ނުވަތަ ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

-01.jpg&w=3840&q=75)
