ޕާސްޕޯޓު ސްޓޮކް މައްސަލަ ހައްލުވެއްޖެ، އާދިއްތައިން ފެށިގެން އާންމު ހާލަތަށް
8 އޮކްޓޯބަރު 2026 - 14:02

ޕާސްޕޯޓު ސްޓޮކަށް ދިމާވި މައްސަލަ ހައްލުވެ، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި އާންމު އުސޫލުން ޕާސްޕޯޓުގެ ޚިދުމަތް ލިބެން ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ދިވެހި ޕާސްޕޯޓު ދޫކުރުމަށް މިދިޔަ އޮގަސްޓު މަހުގެ 27 ގައި ބަދަލުތަކެއް ގެނައީ، ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައަކާ ގުޅިގެން ރާއްޖެއަށް ބުކްލެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުންނެވެ. އެ ބަދަލުތަކާ އެކުވެސް ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނާއި ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް އިސްކަންދީގެން ޕާސްޕޯޓު ދޫކުރަމުން އައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ވަޒީރު ވިދާޅުވީ ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދޭ ކުންފުންޏަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށާއި، މި ހަފުތާ ބަންދުގައި އައު ސްޓޮކް ލިބޭނެ ކަމަށެވެ. އެއާއެކު އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ 39 މަރުކަޒަކުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.
"ނޯމަލް އޮޕަރޭޝަން ސަންޑޭއިން ފެށިގެން ކުރިއަށްދާއިރު އެހިސާބުން ފެށިގެން ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް މިހުރި 39 ލޮކޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭނަން. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ޕާސްޕޯޓެއް އިޝޫކުރުމަށް އެބަނަގާ 28 ދުވަސް، 40 ދުވަސް، 1 މަސް ދުވަސް އެބަނަގާ ބައެއް ފަހަރު. އަޅުގަނޑުމެން ނޯމަލް ހާލަތައް ގެނެވުނީމަ 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓެއް ހަދާ ނިންމާނެ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ޕާސްޕޯޓު ދޫކުރުމަށް އެޅުނު ހުރަސްތަކާ ގުޅިގެން މިހާރު ބެކްލޮގުގައި 2,646 ރިކުއެސްޓް އެބައޮތެވެ. ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 350 ރިކުއެސްޓް އަންނައިރު، އައު ސްޓޮކް ލިބުމާއެކު ގާތްގަނޑަކަށް ފަސް ދުވަހުގެ ތެރޭގައި އެ ބެކްލޮގް އެއްކޮށް ކްލިއަރ ކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ބެކްލޮގް އަވަހަށް ނިންމުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ޚިދުމަތް ދޭ ވަގުތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އޮފީސް ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރުމުގެ އިތުރުން، ޕްރިންޓިންގ ކެޕޭސިޓީ އިތުރުކޮށްގެން އަވަހަށް ޕާސްޕޯޓުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

-01.jpg&w=3840&q=75)
