އިމިގްރޭޝަން އޮފިސަރުންނަށް ޝަރަފުގެ ކުލައާއި މެޑަލް ދޭން ގަވާއިދު ބަދަލުކޮށްފި
3 ނޮވެމްބަރު 2026 - 12:10

އިމިގްރޭޝަން އޮފިސަރުންގެ ޚިދުމަތް ވަޒަންކޮށް، އެ އޮފިސަރުންނަށް ޝަރަފުގެ ކުލައާއި މެޑަލް ދިނުން ލާޒިމުކޮށް، އިމިގްރޭޝަން އޮފިސަރުންގެ ގަވާއިދަށް ސިވިލް ސަރވިސް ކޮމިޝަނުން އިޞްލާޙެއް ގެނެސްފިއެވެ.
ގަވާއިދު ނަންބަރު 2013/R-57 (އިމިގްރޭޝަން އޮފިސަރުންގެ ގަވާއިދު) އަށް ގެނައި 3 ވަނަ އިޞްލާޙު، ގަވާއިދު ނަންބަރު 2026/R-91، ދިވެހި ސަރުކާރުގެ ގެޒެޓުގެ 55 ވަނަ ވޮލިއުމްގެ 162 ވަނަ އަދަދުގައި ޝާއިޢުކުރީ 2 ނޮވެންބަރު 2026 ގައެވެ. އިޞްލާޙަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރި ދުވަހުން ފެށިގެން ކަމަށް ވާތީ، އެ ބަދަލު މިހާރު ވަނީ ހިނގަން ފަށައިފައެވެ.
.png&w=750&q=75)
Ad by Hajj Corporation
އިޞްލާޙުގެ ދަށުން، ގަވާއިދުގެ 8 ވަނަ މާއްދާގެ ފަހަތަށް 9 ވަނަ މާއްދާގެ ގޮތުގައި "ޝަރަފުގެ ކުލަޔާއި މެޑަލް" ގެ ނަމުގައި އާ މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. އެ މާއްދާގައި ބުނާ ގޮތުން، އޮފިސަރުންގެ އަގު ވަޒަންކޮށް، އެމީހުންނަށް ހިތްވަރުދީ، އެމީހުންގެ މަސައްކަތް ބަލައިގަންނަކަމުގެ ރަމްޒެއްގެ ގޮތުން ޝަރަފުގެ ކުލައާއި މެޑަލް ދޭންވާނެއެވެ.
ކުލައާއި މެޑަލް ދޭނީ މޯލްޑިވްސް އިމިގްރޭޝަނުގައި އެ ކަންކަން ބަލަހައްޓައި ހިންގުމަށް ކޮންޓްރޯލަރ ޖެނެރަލް އެކުލަވައިލާ ކޮމިޓީއަކުންނެވެ.
ނަމަވެސް، ކުލައާއި މެޑަލް ދޭނެ ގޮތާއި، އެއަށް ހަމަވާން ޖެހޭ ޝަރުތުތައް އަދި ވަނީ ކަނޑައަޅާފައެއް ނޫނެވެ. އިޞްލާޙުގައި ބުނަނީ، އެކަމާ ގުޅޭ އުސޫލު އެކުލަވައިލައި ގެޒެޓުގައި ޝާއިޢުކުރަންވާނީ، މި ގަވާއިދު ޝާއިޢުކުރާތާ 30 ދުވަހުގެ ތެރޭގައި ކަމަށެވެ.

-01.jpg&w=3840&q=75)
