logo
MPL

MPL

ކޯޓް ރޫމް

ދައްޕަރުގެ ބްރޯކަރޭޖް ފީގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޮކްޓޯބަރު 2026 - 17:29
ދައްޕަރުގެ ބްރޯކަރޭޖް ފީގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ހއ. ދައްޕަރުގެ ލީޒްހޯލްޑް ހައްގުތައް ވިއްކުމަށް ބްރޯކަރަކާ ވެވުނު އެއްބަސްވުމުގެ ދަށުން، ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސަސް އޭ.ޖީ.ގެ ފަރާތުން 1.1 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އާދީއްތަ ދުވަހު ނިންމި ‪2023/SC-A/02‬ ގަޒިއްޔާގައި ކަނޑައަޅާފައިވަނީ، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އަނީކް ޢާމިރު ކުރި މި ދައުވާއަކީ އޭނާގެ ނަމުގައި ކުރެވޭނެ ދައުވާއެއް ނޫން ކަމަށެވެ. މި ހުކުމާއެކު ސިވިލް ކޯޓުގެ ‪1195/Cv-C/2018‬ ގަޒިއްޔާގެ ހުކުމާއި، މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި ހައިކޯޓުގެ ‪2019/HC-A/213‬ އަދި ‪2019/HC-A/214‬ ގަޒިއްޔާގެ ހުކުމް ވެސް ބާތިލުވެގެން ދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގެ ފެށުމަކީ 21 ނޮވެންބަރު 2012 ގައި އެމްޓެލް ވެންޗަރސް ލިމިޓެޑާއި ނޫމަޑި އޭ.ޖީ. ހިމެނޭ ފަރާތްތަކުގެ މެދުގައި ސޮއިކުރި ބްރޯކަރޭޖް އެއްބަސްވުމެކެވެ. ސަރުކާރުން ނޫމަޑި އޭ.ޖީ.އަށް ދީފައިވާ ދައްޕަރުގެ ލީޒްހޯލްޑް ހައްގުތައް ގަންނާނެ ފަރާތެއް އެމްޓެލްއިން ހޯދައިދިނުމުން، ބްރޯކަރޭޖް ފީގެ ގޮތުގައި ތިން މިލިއަން ޑޮލަރު ތިން ބައިކޮށް ދައްކަން އެއްބަސްވެފައި ވެއެވެ. ލަސްވާ ކޮންމެ މަހަކަށް 1 ޕަސެންޓުގެ ގެއްލުމުގެ ބަދަލެއް ވެސް އެއްބަސްވުމުގައި ހިމެނެއެވެ. އެއްބަސްވުމަށް 24 ޖަނަވަރީ 2016 ގައި އެޑެންޑަމެއް ގެނެވުނު ނަމަވެސް، އެއީ ބިރުދައްކައިގެން ސޮއިކުރުވި އެއްބަސްވުމެއް ކަމަށް ނޫމަޑި އޭ.ޖީ.އިން ބުނެއެވެ.

އެމްޓެލްގައި މަސްލަހަތު އޮންނަ މުޙައްމަދު އަނީކް ޢާމިރު، އެ ކުންފުނީގެ ބޯޑުން 4 ޑިސެންބަރު 2014 ގައި ފާސްކުރި ގަރާރަކަށް ބިނާކޮށް، 14 މާޗް 2018 ގައި ސިވިލް ކޯޓަށް ދައުވާ ހުށަހެޅިއެވެ. އޭނާ ހޯދަން އެދުނު ފައިސާގެ ތެރެއިން 1,100,000 ޑޮލަރު 24 ފެބުރުއަރީ 2019 އިން ފެށިގެން ހަ މަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން ހުކުމްކުރިއެވެ. ދެ ފަރާތުން ވެސް އެ ހުކުމް ހައިކޯޓަށް އިސްތިއުނާފުކުރުމުން، ބޯޑު ގަރާރު ސައްހަތޯ ކަށަވަރުކުރުމަށް ހައިކޯޓުން މައްސަލަ އަލުން ސިވިލް ކޯޓަށް ފޮނުވިއެވެ.

ސުޕްރީމް ކޯޓުގައި ނޫމަޑި އޭ.ޖީ.އިން ބުނީ، ގަރާރު ސައްހަކަން ސާބިތުކުރުމުގެ ބުރަ އޮތީ ދައުވާކުރި ފަރާތުގެ މައްޗަށް ކަމަށާއި، އެކަން ސިވިލް ކޯޓުގައި ސާބިތުނުކުރާތީ ހައިކޯޓުން ދެވަނަ ފުރުސަތެއް ދިނުމަކީ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށެވެ. އަދި އެއްބަސްވުމުގެ ހުރިހާ ބައިވެރިންގެ ރުހުމެއް ނެތި، އެމްޓެލްގެ ޒިންމާތައް މުޙައްމަދު އަނީކް ޢާމިރަށް ބަދަލުކުރެވިފައިވާ ކަމަށް ވެސް ބުނެއެވެ. އަނެއްކޮޅުން މުޙައްމަދު އަނީކް ޢާމިރު ބުނީ، ބޯޑު ގަރާރުން އެމްޓެލްއިން އޭނާއަށް ބާރު ދީފައިވާއިރު އެ ކުންފުނިން ޝަކުވާއެއް ނުކުރާ ކަމަށާއި، ނޫމަޑި އޭ.ޖީ.ގެ ހުރިހާ ސިޓީއެއް ފޮނުވާފައިވަނީ ވެސް، ފައިސާގެ ރަސީދުތަކުގައި ފައިސާ ލިބޭ ފަރާތުގެ ގޮތުގައި ޖަހާފައިވަނީ ވެސް އޭނާގެ ނަން ކަމަށެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ލިޔުއްވި ރައުޔުގައި، ފަރާތަކަށް ބާރު ދިނުމާއި ހައްގެއް ނަގުލުކުރުން ވަކިކުރައްވާފައި ވެއެވެ. ބާރު ދިނުމުގައި ހައްގުގެ ހަގީގީ ވެރިއަކީ ބާރު ދޭ ފަރާތް ކަމަށާއި، ބޯޑު ގަރާރަކީ ބާރު ދިނުމެއް ނަމަ ދައުވާ ހުށަހަޅަންޖެހެނީ އެމްޓެލްގެ ނަމުގައި ކަމަށް ރައުޔުގައި ވެއެވެ. ގަރާރަކީ ހައްގުތައް ނަގުލުކުރުމެއް ނަމަ، އެކަމުގެ ޝަރުތުތައް ދިވެހި ގާނޫނެއްގައި ނެތުމުން އިނގިރޭސި ގާނޫނަށް ބައްލަވައި، ނަގުލުކުރުން ތަންފީޒުވަނީ ދަރަނިވެރިޔާއަށް ލިޔުމުން ނޯޓިސް ދިނުމުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ނޫމަޑި އޭ.ޖީ.އަށް އެފަދަ ނޯޓިހެއް ދީފައި ނުވާކަން ދެ ފަރާތުގެ ބަހުން އެނގެއެވެ. އަދި އެމްޓެލްގެ ޒިންމާތައް މުޙައްމަދު އަނީކް ޢާމިރާ ހަވާލުކުރުމަށް އާ އެއްބަސްވުމެއް (ނޮވޭޝަނެއް) ވެސް ވެފައި ނުވެއެވެ.

ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ވެސް ފައިސާ ލިބިދިނުމަށް އެމްޓެލްއަށް ކަމަށް ރައުޔުގައި ފާހަގަކުރައްވައެވެ. ބޯޑު ގަރާރުން ކޮން ކޯޓެއްގައި ކޮން ދައުވާއެއް ކުރުމުގެ ބާރު ދިނީ ކަމެއް ވެސް އެނގެން ނެތްކަމަށާއި، އެމްޓެލްއަކީ ވަކި ގާނޫނީ ޝަޚްސެއް ކަމަށް ދައްކާނެ ލިޔުމެއް ވެސް ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. "މި މައްސަލައިގައި ސިވިލް ކޯޓުން ގިނަގުނަ ގޯސްތަކެއް ހަދާފައިވާކަން ކަނޑައެޅިގެން ފެންނަން އޮތް" ކަމަށް ވިދާޅުވެ، ގަރާރު ސައްހަ ކަމަށް ކަނޑައެޅޭނެ ގާނޫނީ ބިންގާއެއް ނެތިއްޔާ، މައްސަލަ އަލުން ސިވިލް ކޯޓަށް ފޮނުވުމަކީ ނޫމަޑި އޭ.ޖީ.ގެ ހައްގުތަކަށް އުނިކަން އަންނަ ކަމެއް ކަމަށް ރައުޔުގައި ކަނޑައަޅާފައި ވެއެވެ.

މި މައްސަލަ ބެލެވީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމްގެ މަޖިލީހުންނެވެ. ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް ތާއީދުކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައްޕަރުގެ ބްރޯކަރޭޖް ފީގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 35 މިނިޓު ކުރިންނަޝީދުގެ ވަޢުދުން އަލަކާ ސިންގްއަށް 150,000 ޑޮލަރު ނުލިބޭނެ: ސުޕްރީމް ކޯޓުކޯޓް ރޫމް | 9 ދުވަސް ކުރިންހުޅުމާލޭ ގޯއްޗެއް ވިއްކިކަމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 12 ދުވަސް ކުރިންމެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދަށް އަމަލުކުރަން ފަށައިފިކޯޓް ރޫމް | 24 ދުވަސް ކުރިން