logo
MPL

MPL

ކޯޓް ރޫމް

އެޑްވާންސް ކުލި ދައްކައިގެން ހަވާލުނުކުރި ފްލެޓަށް 600,000 ރުފިޔާގެ ބަދަލު

މުހައްމަދު މޫސާމުހައްމަދު މޫސާ
31 އޮކްޓޯބަރު 2026 - 18:50
އެޑްވާންސް ކުލި ދައްކައިގެން ހަވާލުނުކުރި ފްލެޓަށް 600,000  ރުފިޔާގެ ބަދަލު

5 އަހަރުގެ ކުލި 300,000 ރުފިޔާ އެޑްވާންސްކޮށް ދައްކައިގެން ކުއްޔަށް ހިފި ފްލެޓް ހަވާލުނުކުރުމުން، ކުއްޔަށް ދިން މީހާ ކުއްޔަށް ހިފި މީހާއަށް 600,000 ރުފިޔާގެ ބަދަލު ދޭން ހައިކޯޓުން ހުކުމްކޮށްފިއެވެ. އެޑްވާންސްކޮށް ދެއްކި 300,000 ރުފިޔާ ވެސް އަނބުރާ ދޭން ޖެހޭނެއެވެ.

މި ހުކުމް ކުރީ ނ. ވެލިދޫ، ރަންގަލި، ޢަލީ ނާޒް ތ. ވިލުފުށި، ހިޔަލީގެ، މަޙްމޫދު ނިޔާޒްގެ މައްޗަށް ކުރި ދައުވާގެ އިސްތިއުނާފު (‪2022/HC-A/148‬) ގައި، 29 އޮކްޓޫބަރު 2026 ގައެވެ. 600,000 ރުފިޔާ ހުކުމް ކުރި ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކަން ނިޔާޒަށް އަންގާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިޔާޒް 2015 ވަނަ އަހަރުގެ 15 ފެބްރުއަރީން ފެށިގެން 10 އަހަރަށް ކުއްޔަށް ހިފާފައިވާ ގ. މަލަސް ޢިމާރާތުގެ ސެކަންޑް ފްލޯރ، ނާޒަށް ކުއްޔަށް ދިނުމަށް ދެމީހުން އެއްބަސްވެފައިވަނީ 21 މެއި 2015 ގައެވެ. އެ ވަގުތު އެ ޢިމާރާތް ހަދަމުން ދިޔައިރު، މަސައްކަތް ނިންމައި 20 ޖުލައި 2015 ގެ ކުރިން ތަން ހަވާލުކުރާނެ ކަމަށް ނިޔާޒް އެއްބަސްވިއެވެ. ލަސްވެއްޖެނަމަ ލަސްވާ ކޮންމެ މަހަކަށް 10,000 ރުފިޔާ ނާޒަށް ދައްކާނެ ކަމަށް ވެސް އެއްބަސްވުމުގައި ބުނެއެވެ.

އެއްބަސްވުމުގައި ސޮއިކުރިއިރު، ފުރަތަމަ 5 އަހަރުގެ ކުލީގެ ގޮތުގައި ނާޒް 300,000 ރުފިޔާ އެއްފަހަރާ ނިޔާޒަށް ދިނެވެ. ނަމަވެސް ތަން ނާޒާ ހަވާލުކޮށްފައިވާކަން ސިވިލް ކޯޓަށް ނޭނގެއެވެ. ކުލި ދައްކާފައިވާ މުއްދަތު ހަމަވުމާއެކު، 2021 ވަނަ އަހަރު ނާޒް ސިވިލް ކޯޓަށް ދައުވާ ކުރިއެވެ.

އެ ދައުވާގައި ނާޒް ހޯދަން އެދުނީ ޖުމްލަ 1,170,000 ރުފިޔާއެވެ. އެއީ އެޑްވާންސް ފައިސާ 300,000 ރުފިޔާއާއި، 72 މަހުގެ ބަދަލުގެ ގޮތުގައި 720,000 ރުފިޔާއާއި، ވަކީލު ފީގެ ގޮތުގައި 150,000 ރުފިޔާއެވެ. ނިޔާޒް ހާޒިރުނުވެ ކުރި ހުކުމުގައި، ސިވިލް ކޯޓުން 4 އޭޕްރީލް 2022 ގައި ނިންމީ 300,000 ރުފިޔާ އަނބުރާ ދޭން ޖެހޭ ކަމަށެވެ. ބަދަލު ނުނަގައިދިނީ މަހަކު 10,000 ރުފިޔާ ދައްކާ މާއްދާއަކީ ޕެނަލްޓީއެއް ކަމަށް ބަލައިގެންނެވެ. ވަކީލު ފީއާ މެދު އެއްބަސްވެފައި ނުވާތީ އެ ފައިސާ ވެސް ނުނަގައިދިނެވެ.

ހައިކޯޓުގައި ނާޒް ބުނީ، މާކެޓުގައި 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަކީ އެންމެ ދަށްވެގެން 16,000 ރުފިޔާ ކަމަށާއި، މަހަކު 10,000 ރުފިޔާއަކީ ތަން ނުލިބުމުން ލިބޭ ގެއްލުމަށްވުރެ ކުޑަ ޢަދަދެއް ކަމަށެވެ. ނިޔާޒް ބުނީ، ބަދަލު ނުދިނުމަށް ސިވިލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށާއި، ތަން ނުނިމޭނެކަން ނާޒަށް އަންގައި ފައިސާ އަނބުރާ ދޭނެކަމަށް ބުނެ، ދެ ފަހަރެއްގައި ފައިސާ ޓްރާންސްފަރ ކޮށްފައިވާ ކަމަށެވެ.

ހައިކޯޓުން ކަނޑައެޅީ، 5 އަހަރުގެ ކުލި އެއްފަހަރާ ދައްކާފައިވާ ވިޔަފާރީގެ ކުލީގެ އެއްބަސްވުމެއްގައި، މަހަކު 10,000 ރުފިޔާއަކީ ގެއްލުމުގެ ހަގީގީ އަންދާޒާއެއް ކަމަށާއި، އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. ނަމަވެސް ބަދަލު ލިބެންޖެހެނީ ނާޒް އެދުނު 72 މަހަށް ނޫން، ކުލި ދައްކާފައިވާ 5 އަހަރަށް، ނުވަތަ 60 މަހަށެވެ. އެގޮތުން ބަދަލުގެ ޢަދަދަކީ 600,000 ރުފިޔާއެވެ. ވަކީލު ފީ ނުނަގައިދިނުމަށް ސިވިލް ކޯޓުން ކުރި ނިންމުން ހައިކޯޓުން ދަމަހައްޓައިފިއެވެ.

މި މައްސަލަ ބެއްލެވީ ހައިކޯޓުގެ ފަނޑިޔާރުން ކަމަށްވާ މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުސައިން މަޒީދު އަދި ޢަބްދުލްމާނިޢު ޙުސައިންއެވެ. ހުކުމް ކުރީ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޑްވާންސް ކުލި ދައްކައިގެން ހަވާލުނުކުރި ފްލެޓަށް 600,000 ރުފިޔާގެ ބަދަލުކޯޓް ރޫމް | ގަޑިއިރެއް ކުރިންޗައިނާ ރައްޔިތަކަށް ލޯނު އަނބުރާ ދައްކަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފިކޯޓް ރޫމް | 4 ގަޑިއިރު ކުރިންދިއްފުށިފަޅުގެ ކުލީގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް: ހައިކޯޓުކޯޓް ރޫމް | 19 ގަޑިއިރު ކުރިންދައްޕަރުގެ ބްރޯކަރޭޖް ފީގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 5 ދުވަސް ކުރިން