logo
MPL

MPL

ކޯޓް ރޫމް

ދިއްފުށިފަޅުގެ ކުލީގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް: ހައިކޯޓު

މުހައްމަދު މޫސާމުހައްމަދު މޫސާ
31 އޮކްޓޯބަރު 2026 - 01:30
ދިއްފުށިފަޅުގެ ކުލީގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް: ހައިކޯޓު

ކ. ދިއްފުށިފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުމަށް 50 އަހަރަށް ޙާމިދު އިސްމާޢީލްއަށް ކުއްޔަށްދިން އެއްބަސްވުމަކީ ސައްހަ، ދެމިއޮތް އެއްބަސްވުމެއް ކަމަށް ހައިކޯޓުން ކަނޑައަޅައި، 2017 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން އެ އެއްބަސްވުން ބާތިލުކުރި ނޯޓިސް ބާތިލުކޮށްފިއެވެ.

ހައިކޯޓުގެ ‪2022/HC-A/173 މައްސަލައިގައި 29 އޮކްޓޫބަރު 2026 ގައި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކުރި ހުކުމުގައި، 2015 ގެ އެއްބަސްވުމަކީ ފެށުނީއްސުރެ ބާތިލު އެއްބަސްވުމެއް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވެއެވެ. ފަޅު މިހާރު ކުއްޔަށް ހިފާފައިވާ މެރީނާ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިދިނުމަށް އެދުނު އެދުމަށްވެސް ހައިކޯޓުން ތާއީދުކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުއާމަލާތު ފެށުނީ 22 ޖޫން 2008 ގައި ކ. ކާށިދުއްފަރު ފަޅު ހިއްކައިގެން 200 އެނދުގެ ރިސޯޓެއް ހެދުމަށް ސަރުކާރާއި އެހެން ފަރާތަކާ ދެމެދު ވެވުނު އެއްބަސްވުމަކުންނެވެ. އެ ފަރާތުން 10 އަހަރުގެ ކުލީގެ 15 އިންސައްތައިގެ ގޮތުގައި 2,310,000 ޑޮލަރު ސަރުކާރަށް ދައްކާފައިވެއެވެ. 2012 ވަނަ އަހަރު އެ އެއްބަސްވުމުގެ ހައްގުތައް ޙާމިދު އިސްމާޢީލްއަށް ބަދަލުކުރެވުނުއިރު، ކާށިދުއްފަރަކީ ރިސޯޓަކަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ތިމާވެށީގެ ރިޕޯޓުން ފާހަގަކުރުމުން، 15 އޮކްޓޫބަރު 2012 ގައި އެ ފަޅުގެ ބަދަލުގައި ކ. ދިއްފުށިފަޅު ދޫކުރެވުނެވެ.

19 ފެބުރުވަރީ 2015 ގައި "އެމެންޑެޑް އެންޑް ރީސްޓޭޓެޑް" ނަމުގައި ޙާމިދު އިސްމާޢީލްއާއި މިނިސްޓްރީއާ ދެމެދު އައު އެއްބަސްވުމެއްގައި ސޮއިކޮށް، 50 އަހަރަށް ފަޅު ކުއްޔަށްދީ، ކުލި ދައްކަން ފަށަންޖެހޭނީ ސޮއިކުރި ތާރީހުން ފެށިގެން ހަތަރު އަހަރު ފަހުން، އެބަހީ 19 ފެބުރުވަރީ 2019 ގައި ކަމަށް ކަނޑައެޅިއެވެ. 2015 ވަނަ އަހަރުގެ މާރިޗުގައި ފަޅު ހިއްކަން ފެށިކަމަށާއި، ފަސް ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް ޙާމިދު އިސްމާޢީލް ބުނެއެވެ. ނަމަވެސް 19 ޖޫން 2017 ގައި، 2008 ގެ އެއްބަސްވުމަށް ހަވާލާދީ، ކުލި ނުދެއްކި ކަމަށް ބުނެ، ހަތް ދުވަހުން އެއްބަސްވުން ނިމޭނެ ކަމުގެ ނޯޓިހެއް މިނިސްޓްރީން ފޮނުވިއެވެ. 19 ސެޕްޓެމްބަރު 2018 ގައި ފަޅު މެރީނާ ޑިވެލޮޕްމަންޓަށް ކުއްޔަށްދިނެވެ.

ނޯޓިސް ބާތިލުކޮށްދިނުމަށް ޙާމިދު އިސްމާޢީލް ސިވިލް ކޯޓަށް ހުށަހެޅި ‪4114/Cv-C/2019 މައްސަލައިގައި 29 މާރިޗު 2022 ގައި ކޯޓުން ހުކުމްކުރީ، 2015 ގެ އެއްބަސްވުމަކީ 2010 ވަނަ އަހަރު ޓޫރިޒަމް ގާނޫނުގެ 8 ވަނަ މާއްދާއަށް ގެނައި އިސްލާހާ ހިލާފަށް ހެދި ބާތިލު އެއްބަސްވުމެއް ކަމަށާއި، ނޯޓިސް ފޮނުވީ 2008 ގެ އެއްބަސްވުމުގެ ދަށުން ކުލި ނުދެއްކުމުން ކަމަށެވެ. މައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް، ފަޅުގައި މަސައްކަތްކުރުން ހުއްޓުވުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް 2021 ވަނަ އަހަރު ހައިކޯޓުން ތާއީދުކޮށްފައިވެއެވެ.

ހައިކޯޓުގައި ދައުލަތުން ބުނީ، އެއްބަސްވުމުގެ ސުރުހީގައިވާ "އެމެންޑެޑް އެންޑް ރީސްޓޭޓެޑް" އިން ދައްކަނީ އެއީ 2008 ގެ އެއްބަސްވުމަށް ގެނައި އިސްލާހެއްކަން ކަމަށާއި، 25 އަހަރުން 50 އަހަރަށް މުއްދަތު ބަދަލުކުރެވޭނީ ގާނޫނުގެ 8 ވަނަ މާއްދާގެ އިޖުރާއަތުން، އެބަހީ އަހަރަކަށް 100,000 ޑޮލަރުގެ ފީ ދައްކައިގެން ކަމަށެވެ. އެއްބަސްވުމުގެ ސޮއިތަކާ މެދު ދައުލަތުން ސުވާލު އުފައްދައި ފުލުހުންނަށް ތަހުލީލަށް ފޮނުވި ނަމަވެސް، ސޮއިތައް ދިމާވާ ކަމަށް ފުލުހުން ބުނިއެވެ. ފަޅު މިހާރު ކުއްޔަށް ދީފައިވަނީ ދެމިއޮތް އެއްބަސްވުމެއްގެ ދަށުން ކަމަށް މެރީނާ ޑިވެލޮޕްމަންޓުން ބުނިއެވެ. ޙާމިދު އިސްމާޢީލްގެ ފަރާތުން ބުނީ، އެއްބަސްވުން ތައްޔާރުކުރީ މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓުން ކަމަށާއި، އިޖުރާއަތު ފުރިހަމަނުކުރުމުގެ މަންފާ ދައުލަތަށް ނުލިބެންވާނެ ކަމަށެވެ.

އަޣްލަބިއްޔަތުގެ ރައުޔު ލިޔުއްވި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ކަނޑައަޅުއްވާފައިވަނީ، އެއްބަސްވުމެއްގެ ގާނޫނީ ސިފަ ނިންމާނީ ސުރުހީއަކުން ނޫން، އޭގެ މާއްދާތަކުން ކަމަށެވެ. 2015 ގެ އެއްބަސްވުމުގެ 26 ވަނަ މާއްދާއިން ކުރީގެ ހުރިހާ އެއްބަސްވުމެއް ބާތިލުކޮށް، މުއްދަތު ފެށޭ ތާރީހާއި ރިސޯޓު ހަދަން ދޭ މުއްދަތު އައުކޮށް، 2008 ގެ އެއްބަސްވުމުގައި ނެތް ފަރާތަކާއެކު ހެދުމުން، އެއީ މުއްދަތު އިތުރުކުރުމެއް ނޫން، މުޅިން އައު އެއްބަސްވުމެއް ކަމަށް ހައިކޯޓުން ނިންމިއެވެ. އެހެންކަމުން 50 އަހަރަކީ ގާނޫނުގެ ހަދުގެ ތެރޭގައިވާ ސައްހަ މުއްދަތެއް ކަމަށާއި، މުއްދަތު އިތުރުކުރުމުގެ 100,000 ޑޮލަރުގެ ފީ މި މުއާމަލާތަށް ނުހިނގާނެ ކަމަށް ހުކުމުގައިވެއެވެ.

ނޯޓިސް ފޮނުވީ އުވާލެވިފައިވާ 2008 ގެ އެއްބަސްވުމަށް ހަވާލާދީ، 2015 ގެ އެއްބަސްވުމުގައިވާ 60 ދުވަހުގެ ނޯޓިސް މުއްދަތާ ހިލާފަށް، އަދި ކުލި ދައްކަން ފަށަންޖެހޭ ވަގުތު އައުމުގެ ކުރިން ކަމަށްވާތީ، އެއީ ބާތިލު ނޯޓިހެއް ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. ސައްހަ އެއްބަސްވުމެއް ދެމިއޮއްވާ، ދައުލަތުގެ ބާތިލު އަމަލެއްގެ މައްޗަށް ބިނާކޮށް ތިންވަނަ ފަރާތަކާ ހަދާ އެއްބަސްވުމަކުން އަސްލު ހައްގުވެރިޔާގެ ހައްގު ނިގުޅައިނުގަނެވޭނެ ކަމަށްވެސް ހުކުމުގައިވެއެވެ. ފަޅު ޙާމިދު އިސްމާޢީލްއަށް އަނބުރާ ދިނުމަކީ ދައުލަތަށް މާލީ ގޮތުން އެންމެ ގެއްލުން ކުޑަ ހައްލު ކަމަށްވެސް ފަނޑިޔާރު ޝަނީޒް ފާހަގަކުރައްވާފައިވެއެވެ. ފަޅު ހިއްކަން ހޭދަކުރީ ޙާމިދު އިސްމާޢީލް ކަމަށާއި، މެރީނާ ޑިވެލޮޕްމަންޓުން ހޭދަކުރި ކަމަށް މައްސަލައިގައި އެއްވެސް ޢަދަދެއް ހުށަހަޅާފައި ނުވާ ކަމަށް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.

އެ ރައުޔަށް ތާއީދުކުރައްވައި އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ ފާހަގަކުރެއްވީ، އެއްބަސްވުމަކީ ކޮރަޕްޝަނުގެ ތެރެއިން ވުޖޫދުވި އެއްބަސްވުމެއްކަން އެނގޭކަށް ނެތް ކަމަށާއި، އެއީ އިސްލާހެއް ކަމަށް ބެލިޔަސް ގާނޫނާ ހިލާފުވާ ބައި ފިޔަވައި ބާކީ ބައި ދެމިއޮންނާނެ ކަމަށެވެ. ކުލި ދައްކަން ފަށަންޖެހޭ ވަގުތު ނުޖެހެނީސް ފޮނުވި ނޯޓިހަކީ "ޤާނޫނީ ނަތީޖާއެއް ނެރެނުދެވޭނޭ، ހުސް ކަރުދާސްކޮޅެކެވެ" ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢު ހިލާފު ރައުޔެއް ދެއްވައި ވިދާޅުވީ، މުއްދަތު އިތުރުކުރަން ޙާމިދު އިސްމާޢީލް އެދިފައިވާކަމާއި ފީ ދައްކާފައިވާކަން އެނގެން ނެތް ކަމަށާއި، ތަކުރާރުކޮށް އެންގި ނަމަވެސް ކުލި ނުދެއްކުމުން އެއްބަސްވުން ބާތިލުކުރި ކަމަށްވާތީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

މި މައްސަލަ ބެއްލެވީ ހައިކޯޓުގެ އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ފަނޑިޔާރު ޙަސަން ޝަފީޢެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްފުށިފަޅުގެ ކުލީގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް: ހައިކޯޓުކޯޓް ރޫމް | ގަޑިއިރެއް ކުރިންމެޝިން ހިލޭ، ރީއެޖެންޓް ގަންނަންވީ މެޑިކްއިޕުން: ހައިކޯޓުޚަބަރު | 5 ދުވަސް ކުރިންޑްރޯނުން ޖަލަށް ޑްރަގް ވައްދަން އުޅުނު މީހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓުޚަބަރު | 2 މަސް ކުރިންވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށްޚަބަރު | 6 މަސް ކުރިން