logo
MPL

MPL

ޚަބަރު

މެޝިން ހިލޭ، ރީއެޖެންޓް ގަންނަންވީ މެޑިކްއިޕުން: ހައިކޯޓު

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޮކްޓޯބަރު 2026 - 18:43
މެޝިން ހިލޭ، ރީއެޖެންޓް ގަންނަންވީ މެޑިކްއިޕުން: ހައިކޯޓު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ލެބޯޓަރީ މެޝިނެއް ހިލޭ ބެހެއްޓި ކުންފުންޏާ ހެދި އެއްބަސްވުން ހޮސްޕިޓަލުން ނިންމާލި މައްސަލައިގައި، މެޝިން ބޭނުންކުރި މުއްދަތުގައި ރީއެޖެންޓް އެ ކުންފުނި މެދުވެރިކޮށް ނުގަތުމުން ގެއްލުމެއް ލިބިފައިވާނަމަ، އޭގެ ބަދަލު ހޯދުމަށް ވަކި ދައުވާއެއް ކުރުމުގެ ހައްގު ކުންފުންޏަށް އޮތްކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން 21 އޮކްޓޫބަރު 2026 ގައި ނިންމި ‪2024/HC-A/124 ގަޒިއްޔާގައި، ސިވިލް ކޯޓުގެ ‪2336/Cv-C/2021 ގަޒިއްޔާގެ ހުކުމް ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައެޅިއެވެ. މި ނިންމުމާއެކު، ހޮސްޕިޓަލުން އެއްބަސްވުން ނިންމާލީ އެއްބަސްވުމާ ޚިލާފަށްކަން ސާބިތުނުވާކަމަށް ސިވިލް ކޯޓުން ކުރި ނިންމުމާއި، ގެއްލުމެއް ލިބިފައިވާނަމަ މެޑިކްއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެކަމަށް ވަކި ދައުވާއެއް ކުރެވިދާނެކަމަށް ކުރި ނިންމުން ވެސް ދެމިއޮތެވެ. ގެއްލުމެއް ލިބިފައިވޭތޯ ނުވަތަ ބަދަލުގެ އަދަދެއް މި މައްސަލައިގައި ކަނޑައަޅާފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުކުމުގައިވާ ގޮތުން، 03 ސެޕްޓެންބަރު 2014 ގައި ހޮސްޕިޓަލާއި މެޑިކްއިޕް މޯލްޑިވްސް ސޮއިކުރި އެއްބަސްވުމަކީ، ހޮސްޕިޓަލުގައި ބޭނުންކުރަމުން ދިޔަ ޕަރަނާ ވައިޓްރޯސް ކެމިސްޓްރީ އަދި އިމިއުނޯއެސޭ މެޝިނުގެ ބަދަލުގައި އައު ވައިޓްރޯސް 5600 މެޝިނެއް ބެހެއްޓުމުގެ އެއްބަސްވުމެކެވެ. މެޝިން އިންސްޓޯލްކޮށްދެނީ ހިލޭއެވެ. އެއާއެކު، ޓެކްސް ނުވަތަ ފޮރިން އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލު ފިޔަވައި، މެޝިނަށް ބޭނުންވާ ރީއެޖެންޓްގެ އަގު ފަސް އަހަރު ވަންދެން ބަދަލު ނުކުރާނެކަމަށާއި، ހޮސްޕިޓަލުން ކޮންމެ ކުއާޓަރަކަށް ރީއެޖެންޓްގެ ފޯކާސްޓެއް ދޭންވާނެކަމަށާއި، ރީއެޖެންޓާއި އެހެނިހެން ސާމާނު ހޮސްޕިޓަލުން ބޭނުންވާ ސަޕްލަޔަރަށް ފޯރުކޮށްދޭނީ މެޑިކްއިޕް މޯލްޑިވްސް މެދުވެރިކޮށް ކަމަށް އެއްބަސްވުމުގައި ބުނެއެވެ.

21 ނޮވެންބަރު 2017 ގައި ހޮސްޕިޓަލުން ކުންފުންޏަށް ސިޓީއެއް ފޮނުވައި، ހޮސްޕިޓަލުގައި ބަހައްޓާފައިވާ ވައިޓްރޯސް 4600، 5600 އަދި 3600 މެޝިންތައް ހޮސްޕިޓަލުގައި ބޭނުންކުރާ މެޝިންތަކަކަށް ނުވާތީ ގެންދިޔުމަށް އެދުނެވެ. އެއީ މެޝިނުގައި މައްސަލައެއް ޖެހުން ނުވަތަ ޝަރުތަކަށް އަމަލުނުކުރުން ފަދަ، އެއްބަސްވުން ބާތިލުކުރުމަށް އެއްބަސްވުމުގައިވާ ސަބަބެއް ނޫނެވެ. ފަސް އަހަރު ހަމަވުމުގެ ކުރިން އެއްބަސްވުން ނިންމާލީ އެއްބަސްވުމާއި ގާނޫނާ ޚިލާފަށްކަމަށް ބުނެ، އެއްބަސްވުމަށް އަމަލުކުރުމަށް އަމުރުކޮށް، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ކަނޑައަޅައިދިނުމަށް އެދި ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރިއެވެ.

ސިވިލް ކޯޓުން 29 ފެބްރުއަރީ 2024 ގައި ނިންމި ހުކުމުގައި، ހިލޭ މެޝިނުގެ ބަދަލުގައި ރީއެޖެންޓާއި ސާމާނު ކުންފުނި މެދުވެރިކޮށް ގަތުމަށް ހޮސްޕިޓަލުން އެއްބަސްވެފައިވާތީ އެއްބަސްވުމުގައި މުގާބިލެއް އޮތްކަމަށް ކަނޑައެޅިއެވެ. ނަމަވެސް، ފަސް އަހަރުގެ ކުރިން އެއްބަސްވުން ނިންމާލާނަމަ އަމަލުކުރަންވީ ގޮތެއް އެއްބަސްވުމުގައި ނެތުމާއި، އެއްބަސްވުން ނިންމާލީ އޭގެ ކޮން މާއްދާއަކާ ޚިލާފަށްކަން ކުންފުނިން ސާބިތުނުކުރުމުން، ހޮސްޕިޓަލުން އެއްބަސްވުމާ ޚިލާފުވިކަމަށް ކޯޓުން ނުނިންމައެވެ. ހަމައެއާއެކު، އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމާ ހަމައަށް ރީއެޖެންޓް ކުންފުނީގެ އަތުން ނުގަތުމުން ގެއްލުމެއް ލިބިފައިވާނަމަ، ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ކުންފުންޏަށް ލިބިގެންވާކަމަށް ކަނޑައެޅިއެވެ.

ދައުލަތުން ހައިކޯޓުގައި ބުނީ، މި މުއާމަލާތަކީ ހިލޭ އެހީއެއްގެ ގޮތުގައި ކުންފުނިން މެޝިނެއް ދިން މުއާމަލާތެއް ކަމަށާއި، މެޝިނުގެ ބަދަލުގައި ހޮސްޕިޓަލުން ކުރަންޖެހޭ ކަމެއް ނެތްކަމަށެވެ. ރީއެޖެންޓް ކުންފުނީގެ އަތުން ގަންނަންޖެހޭނެކަމަށް އެއްބަސްވުމުގައި ސާފު އިބާރާތުން ބުނެފައި ނުވާކަމަށާއި، މެޝިން ބޭނުންކުރި ދެ އަހަރު ދުވަހު ވެސް ރީއެޖެންޓް ގަނެފައިވަނީ އެސްޓީއޯއިން، ކުންފުނީގެ އަތުން ދުވަހަކުވެސް ނުގަންނަކަމަށް ދައުލަތުން ބުންޏެވެ. އެކަމުގެ ލިޔެކިޔުން ހުށަހެޅި ނަމަވެސް ސިވިލް ކޯޓުން އެއަށް ރިއާޔަތްނުކުރިކަމަށް ދައުލަތުން ބުންޏެވެ. އަދި ދައުލަތުން އެއްބަސްވުމާ ޚިލާފުނުވާކަމަށް ކަނޑައަޅާފައި ވަނިކޮށް ބަދަލު ހޯދުމުގެ ހައްގު ދިނުމަކީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ ‪2019/SC-A/85 ދައުލަތް ވ. ވިލާ އެއަރ ގަޒިއްޔާއާ ޚިލާފު ކަމެއްކަމަށް ދައުލަތުން ބުންޏެވެ.

ކުންފުނިން ބުނީ، ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އޮތްކަން ދައުލަތުން ވެސް ގަބޫލުކުރާކަމަށާއި، މުގާބިލަކީ މުޅި ކޮންޓްރެކްޓަށް ނިސްބަތްވާ އެއްޗެއްކަމަށާއި، ހޮސްޕިޓަލުން މެޝިން ބޭނުންކޮށް އެއްބަސްވުމުގެ މަންފާ ލިބިފައިވާކަމަށެވެ. ހޮސްޕިޓަލަށް އެސްޓީއޯ މެދުވެރިކޮށް ރީއެޖެންޓް ހޯދަމުން ދިޔައީ ވެސް ކުންފުނި މެދުވެރިކޮށް ކަމަށާއި، ކުއާޓަރުގެ ފޯކާސްޓާ ގުޅިގެން ހޮސްޕިޓަލުން ގިނަ ފަހަރު ކުންފުންޏާ ގުޅާފައިވާކަމަށް ކުންފުނިން ބުންޏެވެ. އަދި އެއްބަސްވުމެއް ނިންމާލުމުން، އެ ވަގުތާ ހަމައަށް އުފެދިފައިވާ ހައްގުތައް ނެތިނުދާނެކަމަށް ކުންފުނިން ބުންޏެވެ.

ހައިކޯޓުގެ އިސް ރައުޔު ލިޔުއްވި ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ކަނޑައެޅުއްވީ، އެއްބަސްވުމެއްގައި މުގާބިލު ހިމެނޭތޯ ބަލާއިރު އެއްބަސްވުން ހެދުނު ފަސްފަހަތާއި އޭގެ މަގުސަދަށް ބަލަންޖެހޭކަމަށެވެ. ރީއެޖެންޓާއި ސާމާނު "routed through Mediquip Maldives Pvt Ltd" ކަމަށް އެއްބަސްވުމުގައި ސާފުކޮށް ބުނެފައިވާތީ، އެއީ ހިލޭ މެޝިނުގެ މުގާބިލުކަން ސާފުކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. އެ ސާމާނު އެހެން ފަރާތަކުން ހޯދުމަކުން ނުވަތަ ކުންފުނި މެދުވެރިކޮށް ނުހޯދުމަކުން އެ ހަގީގަތް ނެތިނުދާތީ، ހޮސްޕިޓަލާއި އެސްޓީއޯއާ ދެމެދު ކުރި މުއާމަލާތުގެ ލިޔެކިޔުމުން އެކަން ނަފީނުވާނެކަމަށް ވެސް ހައިކޯޓުން ކަނޑައެޅިއެވެ. ދައުލަތުން ހަވާލާދިން ސުޕްރީމް ކޯޓުގެ އިބްރާހީމް ރަޝީދު ގަޒިއްޔާގެ އުސޫލު ހިނގަނީ ކޮންޓްރެކްޓެއް އުފެދުނުތޯ ސުވާލު އުފެދޭ ހާލަތްތަކުގައި ކަމަށާއި، މި މައްސަލައިގައި ކޮންޓްރެކްޓެއް އޮތްކަން ދައުލަތުން ގަބޫލުކުރާތީ އެ އުސޫލު މިތާނގައި ނުހިނގާނެކަމަށް ހައިކޯޓުން ބުންޏެވެ.

ދެވަނަ ނުކުތާގައި ދައުލަތުގެ ބަހުސްގެ ބައެއް ހައިކޯޓުން ގަބޫލުކުރިއެވެ. ހޮސްޕިޓަލުން އެއްބަސްވުމާ ޚިލާފުވެފައި ނުވާތީ، ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބަދަލު ނަގައިނުދެވޭނެކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. ނަމަވެސް ސިވިލް ކޯޓުން ކަނޑައެޅި ހައްގަކީ އެ ބާވަތުގެ ބަދަލެއް ނޫނެވެ. "މިއީ އެއްބަސްވުމާ ޚިލާފުވުމުގެ މައްޗަށް ބިނާވާ ގެއްލުމުގެ ބަދަލެއްނޫނެވެ،" ހުކުމުގައި ވެއެވެ. އެއީ މެޝިން ބޭނުންކުރި މުއްދަތުގައި ރީއެޖެންޓް ކުންފުނި މެދުވެރިކޮށް ހޯދުމުގެ ޒިންމާ ހޮސްޕިޓަލުން އަދާނުކުރުމުން އުފެދިދާނެ ގެއްލުމަކަށް ވަކި ދައުވާއެއް ކުރުމުގެ ހައްގު ކަމަށާއި، އެފަދަ ދައުވާއެއް މަނާކުރާ ޝަރުއީ ނުވަތަ ގާނޫނީ އުސޫލެއް ނެތްކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ފަނޑިޔާރު ޙުސައިން މަޒީދާއި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ތާއީދުކުރެއްވިއެވެ. ހައިކޯޓުގައި ދައުލަތުގެ ފަރާތުން ހާޒިރުވީ ސީނިއަރ ސްޓޭޓް އެޓަރނީ އީމާން ހާނީ، އަދި މެޑިކްއިޕް މޯލްޑިވްސްގެ ފަރާތުން ހާޒިރުވީ ޢަބްދުﷲ މުޢިއްޒެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޝިން ހިލޭ، ރީއެޖެންޓް ގަންނަންވީ މެޑިކްއިޕުން: ހައިކޯޓުޚަބަރު | 39 މިނިޓު ކުރިންޑްރޯނުން ޖަލަށް ޑްރަގް ވައްދަން އުޅުނު މީހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓުޚަބަރު | 2 މަސް ކުރިންވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށްޚަބަރު | 5 މަސް ކުރިންމައްސަލަ އިސްތިއުނާފުކޮށް ޚިޔާނާތުގެ ބޮޑު ތުހުމަތެއް ކުރެވޭ ސީލައިފް އަންމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފިޚަބަރު | 6 މަސް ކުރިން