މައްސަލަ އިސްތިއުނާފުކޮށް ޚިޔާނާތުގެ ބޮޑު ތުހުމަތެއް ކުރެވޭ ސީލައިފް އަންމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފި
13 އޭޕްރީލު 2026 - 18:54

މައްސަލަ އިސްތިއުނާފުކޮށް ޚިޔާނާތުގެ ބޮޑު ތުހުމަތެއް ކުރެވޭ އަޙްމަދު މޫސާ މުޙައްމަދު (ސީލައިފް އަންމަޓީ)ގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ޕީޖީގެ އޮފީހުން މިރޭ ބުނި ގޮތުގައި، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާ ސާބިތުނުވާކަމަށް 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، އެ އޮފީހުން ވަނީ ދިވެހިރާއްޖޭހެ ހައިކޯޓަށް ހުށަހަޅާފައެވެ.

Ad by Hajj Corporation
އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.
މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް ވެސް އެދިފައިވެއެވެ. އެ ކަމަށް އެދި ޕީޖީގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، 13 އެޕްރީލް 2026 ދުވަހު އަޙްމަދު މުސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ވަނީ ނެރުއްވާފައެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރި މަޝްރޫޢާ ގުޅިގެން މަކަރާއި ޙީލަތުން ފައިސާ ހޯދިކަމުގެ ތުހުމަތުގައި ސީލައިފްގެ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ 42 ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ކޯޓުން ނިންމީ މިއީ ޖިނާއީ މައްސަލައެއްގެ ބަދަލުގައި މަދަނީ މައްސަލައެއް ކަމަށެވެ. ނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ނިންމުމާ މެދު ހިތްހަމަނުޖެހި، ކޯޓުން ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ، މި މައްސަލަ މިހާރު މިވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ 13 މާރިޗު 2014 ގައެވެ. ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، އެޕާޓްމަންޓްތައް ވިއްކާނެކަމަށް ބުނެ 280 އަށްވުރެ ގިނަ މީހުންގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ މަގުން، ޖުމްލަ 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގާފައިވެއެވެ. މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެޗްޑީސީން ވަނީ އެއްބަސްވުން ބާޠިލުކޮށްފައެވެ.
މި ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާއެއް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅީ 30 މޭ 2021 ގައެވެ. މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި އަންމަޓީ ފިލައިގެން ސްރީލަންކާގައި އުޅެނިކޮށް، 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފައިވަނީ 2021 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އޭގެ ފަހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމާއި، ޞިއްޙީ ސަބަބުތަކަށްޓަކައި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އެތައް މަރުޙަލާތަކެއް ކޯޓުތަކުގައި ހިނގާފައިވެއެވެ.
މި 42 ދަޢުވާ ސާބިތުވިނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ޙުކުމެއް އައުމުގެ ފުރުޞަތު އޮތެވެ.

.gif&w=1920&q=75)
