ކުރެދިފުށި ޒަކީއަށް ނުލިބުނީ ފައިސާ ނުދެއްކުމުން: ހައިކޯޓު
6 ނޮވެމްބަރު 2026 - 11:32

ތ. ކުރެދިފުށި ރިޒޯޓަކަށް ތަރައްގީކުރަން ދިނުމަށް ވެފައިވާ އެއްބަސްވުމާ ދައުލަތުން ޚިލާފުވެއްޖެ ކަމަށް ބުނެ މ. އަހްމަދީއާބާދު މުހައްމަދު ޒަކީ ގެއްލުމުގެ ބަދަލު ހޯދަން ކުރި ދައުވާގައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.
ހައިކޯޓުން 2023/HC-A/8 ގަޒިއްޔާގައި ހުކުމް ކުރީ 05 ނޮވެންބަރު 2026 ގައި، ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ހުކުމާއެކު، ޒަކީ އެދުނު ގޮތަށް ގެއްލުމުގެ ބަދަލު ނުދެވޭނެ ކަމަށް ސިވިލް ކޯޓުން 2123/Cv-C/2020 ގަޒިއްޔާގައި 26 އޮކްޓޫބަރު 2022 ގައި ކުރި ހުކުމް ދެމިއޮތެވެ.
.png&w=750&q=75)
Ad by Hajj Corporation
ހުކުމުގައިވާ ގޮތުން، ކުރެދިފުށި 100 އެނދުގެ ރިޒޯޓަކަށް ތަރައްގީކުރުމުގެ ހުށަހެޅުމެއް ޒަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއަށް ހުށަހެޅީ 20 ޖުލައި 2011 ގައެވެ. ރަށުގެ ބަދަލުގައި ތ. އޮމަދޫ އާއި ތ. ކިނބިދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ. އެ ހުށަހެޅުން ސަރުކާރުން ގަބޫލުކޮށް 01 ޑިސެންބަރު 2011 ގައި ގެޒެޓްކުރިއެވެ. އޭގެ ފަހުން، 23 ޖަނަވަރީ 2012 ގައި ޒަކީ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު "ސީއެސްއާރު އެއްބަސްވުމުގައި" ސޮއިކުރިއެވެ. ރިޒޯޓު ތަރައްގީކުރާނީ ދައުލަތުގެ 5 އިންސައްތަ ހިއްސާ ހިމެނޭ ގޮތަށެވެ.
17 އޭޕްރިލް 2014 ގައި ޒަކީ އޭރުގެ ޓޫރިޒަމް މިނިސްޓަރަށް ސިޓީއެއް ފޮނުވައި، ނަރުދަމާ މަޝްރޫއުގެ ބަދަލުގައި ސަރުކާރަށް ފައިސާ ދައްކާގޮތަށް ހަމަޖައްސައިދިނުމަށް އެދުނެވެ. 15 ޖޫން 2014 ގައި ޓޫރިޒަމް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނީ، ސީއެސްއާރު އެއްބަސްވުން ބާތިލުކޮށް، ރަށުގެ އެކުއިޒިޝަން ކޮސްޓް ހެކްޓަރަކަށް 600,000 ޑޮލަރުގެ ރޭޓުން ދައްކަން ޖެހޭނެ ކަމަށެވެ. އޭގެ 20 އިންސައްތަ ކަމަށްވާ 1,092,000 ޑޮލަރު، ސަރުކާރާއެކު ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ޖެހޭނެ ކަމަށް ސިޓީގައި ވެއެވެ. ޝަރުތުތައް ގަބޫލުކުރާނަމަ 14 ދުވަހުގެ ތެރޭގައި އަންގަން ވެސް އެދިފައިވެއެވެ.
25 ޖޫން 2014 ގައި ޒަކީ ލިޔުމުން އެ ޝަރުތުތައް ގަބޫލުކޮށް، ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ޑްރާފްޓް ފޮނުވައިދިނުމަށް އެދުނެވެ. 02 ޖުލައި 2014 ގައި ޓޫރިޒަމް މިނިސްޓްރީން ޖޮއިންޓް ވެންޗަރ ކުންފުނި އުފެއްދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީއަށް އަންގައި، 11 އޯގަސްޓް 2015 ގައި ފިނޭންސް މިނިސްޓްރީން އެއްބަސްވުމުގެ ޑްރާފްޓާއި ކުންފުނީގެ ގަވާއިދުގެ ޑްރާފްޓް ޒަކީއަށް ފޮނުވިއެވެ. ނަމަވެސް ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިއެއް ނުކުރެއެވެ. ޖޮއިންޓް ވެންޗަރ ކުންފުންޏެއް ވެސް ނުއުފައްދައެވެ.
2016 ވަނަ އަހަރު ސަރުކާރުން ރިޒޯޓު ރަށްތަކުގެ އެކުއިޒިޝަން ފީ އަލުން ކަނޑައެޅުމުން، އެ ބަދަލު ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ހިމަނައިދިނުމަށް އެދި ޒަކީ 20 ޑިސެންބަރު 2016، 01 ނޮވެންބަރު 2017 އަދި 23 މާރިޗު 2019 ގައި މިނިސްޓްރީއަށް ސިޓީ ފޮނުވިއެވެ. އެންމެ ފަހުގެ ސިޓީގެ ޖަވާބުގައި މިނިސްޓްރީން ބުނީ، އެކުއިޒިޝަން ފީގެ 20 އިންސައްތަ ދައްކާފައި ނުވާތީ މުއާމަލާތް ކުރިއަށް ގެންދަން ސަރުކާރު މަޖުބޫރެއް ނޫން ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާ ކަމަށެވެ. އެކަން ޒަކީއަށް އަންގާފައިވަނީ 04 ނޮވެންބަރު 2019 ގައެވެ. އެ ތާރީޚާ ހަމައަށް އެ ފައިސާގެ އެއްވެސް ބައެއް ދައްކާފައި ނުވާކަމަށް ދައުލަތުން ބުނެފައިވާއިރު، ޒަކީ ވެސް އެކަމާ އިންކާރެއް ނުކުރެއެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ޒަކީ ސިވިލް ކޯޓަށް ދައުވާ ކުރިއެވެ.
އިސްތިއުނާފުގައި ޒަކީ ބުނީ، ސީއެސްއާރު އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށާއި، ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚެއް މިނިސްޓްރީން ނުއަންގާތީ ފައިސާ ނުދެއްކިކަމަށެވެ. ހައިކޯޓުން ކަނޑައެޅީ، ސީއެސްއާރު އެއްބަސްވުން ބާތިލުކުރުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުން ޒަކީ ލިޔުމުން ގަބޫލުކުރުމާއެކު އެ އެއްބަސްވުން ނިމުނު ކަމަށާއި، ފައިސާ ދައްކަން 30 ދުވަސް ދީފައިވާކަން މިނިސްޓްރީގެ ސިޓީން ސާފުވާ ކަމަށެވެ. ލިޔެކިޔުންތަކުން ކަންކަން ސާފުވާތީ، ޒަކީ ހުށަހެޅި ހެކިން ހާޒިރުނުކުރުމުގައި ވެސް ގޯހެއް ނެތް ކަމަށް ހައިކޯޓުން ބުންޏެވެ.
މި މައްސަލަ ބެލީ ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުސައިން މަޒީދެވެ. މައިގަނޑު ރައުޔު ލިޔުއްވީ ފަނޑިޔާރު ޝަފީއެވެ.

-01.jpg&w=3840&q=75)
