logo
MPL

MPL

ކޯޓް ރޫމް

އަމިއްލައަށް ލިޔާ ވިކުރާ ފޮތަކުން އެކަނި ދަރަނި ސާބިތެއް ނުވޭ: ހައިކޯޓު

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ނޮވެމްބަރު 2026 - 18:07
އަމިއްލައަށް ލިޔާ ވިކުރާ ފޮތަކުން އެކަނި ދަރަނި ސާބިތެއް ނުވޭ: ހައިކޯޓު

ކްރެޑިޓަށް ވިއްކި ޕެޓްރޯލްގެ އަގުގެ ގޮތުގައި 103,000 ރުފިޔާ ދައްކަން ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް، ވިއްކި ފަރާތުން އަމިއްލައަށް ލިޔެ ބަލަހައްޓާފައިވާ ވިކުރާ ފޮތަކުން އެކަނި ދަރަނީގެ އަދަދު ސާބިތެއް ނުވާނެ ކަމަށް ބުނެ ހައިކޯޓުން ބާތިލުކޮށްފިއެވެ.

ހައިކޯޓުން މި ހުކުމް ކުރީ ‪2023/HC-A/38 ގަޒިއްޔާގައި، މިއަދު، މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހުކުމާއެކު، ށ. ފުނަދޫ ގުޑްލަކް ޙުސައިން އިބްރާހީމްފުޅު، ށ. ފުނަދޫ ވިލުދޮޅި ޢަބްދުﷲ ރަޝީދަށް 103,000 ރުފިޔާ ދައްކަން ޖެހޭ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ބާތިލުވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައަކީ ރަށުގެ ކުދި ވިޔަފާރިއެއްގެ ކްރެޑިޓް ހިސާބަކާ ގުޅިގެން އުފެދުނު ދެބަސްވުމެކެވެ. ޢަބްދުﷲ ރަޝީދު ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ‪10/C15C/2022 މައްސަލައިގައި ބުނީ، 2018 އާއި 2019 ވަނަ އަހަރުގެ އެކި ދުވަސްތަކުގައި ޙުސައިން އިބްރާހީމްފުޅު ކްރެޑިޓަށް ޕެޓްރޯލް ނަގާފައިވާއިރު، އޭގެ އަގުގެ ގޮތުގައި 103,000 ރުފިޔާ ލިބެން ހުރި ކަމަށެވެ.

ޢަބްދުﷲ ރަޝީދު ބުނި ގޮތުގައި، އޭނާގެ ވިޔަފާރި ކުރަމުން އައީ ޕަރޗޭސް އޯޑަރު ނުވަތަ ބިލު ހަދައިގެނެއް ނޫނެވެ. އާންމުކޮށް ފައިސާ ދެއްކުމުން ތެޔޮ އަޅައިދޭއިރު، ކްރެޑިޓަށް ނަމަ ވަކި ދުވަހަކު ފައިސާ ދައްކާނެ ކަމަށް ބުނުމުން، ވިކުރާ ފޮތުގައި ލިޔެ ތެޔޮ ދޫކުރަނީ ކަމަށެވެ. ދަރަނި ބޮޑުވުމުން ވާހަކަ ދައްކައިގެން ހައްލުކުރުމަށާއި، ކުޑަ އަދަދުތަކުން ދައްކާ ނިންމުމަށް ވެސް ފުރުސަތު ދިން ނަމަވެސް، އެއްބާރުލުން ނުލިބުމުން ކޯޓަށް ދިޔައީ ކަމަށް ވެސް އޭނާ ބުނެއެވެ.

ދަޢުވާ ސާބިތުކުރަން ދަށު ކޯޓަށް ހުށަހެޅި ހަމައެކަނި ހެއްކަކީ، ރޮނގުދެމި އާދައިގެ ފޮތެއްގައި އަތުން ލިޔެފައިވާ ވިކުރާ ފޮތުގެ ގަނޑުތަކެއްގެ ކޮޕީއެވެ. އެ ވިކުރާ ފޮތުގައި ތެޔޮ އެޅި އަދި ފައިސާ ބަލައިގަތް މުވައްޒަފުންގެ ނަންތައް ލިޔެފައި ހުރި ނަމަވެސް، ޙުސައިން އިބްރާހީމްފުޅުގެ ސޮއެއް ނެތެވެ. ވިކުރާ ފޮތުގެ ހިސާބުތަކުގެ ޖުމްލައަކީ 103,750 ރުފިޔާ ކަމުން، ދަޢުވާކުރި އަދަދާ 750 ރުފިޔާގެ ތަފާތެއް ވެސް އޮތެވެ.

ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ، ދެފަރާތުގެ މެދުގައި 2018 އާއި 2019 ގައި މުއާމަލާތްތައް ހިނގާފައިވާ ކަމަށާއި، 103,000 ރުފިޔާ ކޯޓުން ކަނޑައަޅާ ތާވަލަކަށް ދައްކަން ޖެހޭ ކަމަށެވެ. ޙުސައިން އިބްރާހީމްފުޅު ހުށަހެޅި އިޖުރާއީ އިއުތިރާޒު ބަލައިނުގަތީ، އޭނާ މުއާމަލާތްތަކަށް މުޅިން އިންކާރުކޮށްފައި ނުވާތީއެވެ.

ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގައި ޙުސައިން އިބްރާހީމްފުޅު ބުނީ، ޢަބްދުﷲ ރަޝީދުގެ ދަރިއަކު އަމިއްލައަށް ފޮތެއްގައި ނޯޓުކޮށްފައިވާ ހިސާބުތަކެއް ފިޔަވައި އެހެން ލިޔުމެއް ނުވަތަ ހެކިވެރިއެއް ނެތި، އޭނާގެ އިންކާރަށް ބަރުދަނެއް ނުދީ ހުކުމްކުރީ ކަމަށެވެ. އިޖުރާއީ އިއުތިރާޒާމެދު ގޮތެއް ނުނިންމާ ކުއްލިއަކަށް ހުކުމްކުރުމުން ދިފާއީ ހެކި ހުށަހެޅުމާއި، ހެކި ތަޢުނުކުރުމާއި، ޚުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު ގެއްލުނު ކަމަށް ވެސް އޭނާ ބުނެއެވެ. އޭނާގެ ވާހަކައަކީ ތެޔޮ ނަގަމުން ދިޔައީ ކްރެޑިޓަށް ނޫން ކަމަށާއި، ދަތުރެއް ނިންމާ އައުމުން ފައިސާ ދީގެން މެނުވީ ދެން ދަތުރަކަށް ތެޔޮ ނުލިބޭތީ، އެހާ ބޮޑު ދަރަންޏެއް އެރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ. ދަށު ކޯޓުގައި ވެސް އޭނާ ބުނީ ލިޔުންތަކުގެ އަދަދުތައް ޗެކްކުރަން ބޭނުންވާ ކަމަށާއި، ދޭން ޖެހޭ ފައިސާއެއް ނަމަ ދޭނެ ކަމަށާއި، ނުދެއްކޭ އަދަދެއް އޮވެދާނެ ނަމަވެސް މިހާ ބޮޑު އަދަދެއް ނޯންނާނެ ކަމަށެވެ.

ހައިކޯޓުގެ ރައުޔު ލިޔުއްވި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ވިދާޅުވީ، އިޖުރާއީ އިއުތިރާޒާމެދު ދަށު ކޯޓުން ނިންމި ގޮތް މަހުޟަރުގައި ރެކޯޑުކޮށްފައިވާތީ، ލިޔުމުން ވަކިން ނިންމުމެއް ނުނިންމުމަކީ ހުކުމް ބާތިލުކުރާނެ ސަބަބެއް ނޫން ކަމަށެވެ. ލިޔުމުން ނިންމުމަކީ އެންމެ ފުރިހަމަ ގޮތް ނަމަވެސް، އެގޮތަށް ޙުސައިން އިބްރާހީމްފުޅު އެދިފައި ނުވާ ކަމަށް ވެސް ހައިކޯޓުން ފާހަގަކުރެއެވެ.

ކުދި ވިޔަފާރިތަކަށް ބަރުދަން އޮތް ނިންމުމެއްގައި ހައިކޯޓުން ބުނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ކޮންމެ މުއާމަލާތަކަށް ޕަރޗޭސް އޯޑަރު، ޑެލިވަރީ ނޯޓު ފަދަ ރަސްމީ ލިޔެކިޔުން ބެލެހެއްޓުމަކީ އަބަދުވެސް ކުރެވޭ ކަމަކަށް ނުވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ‪2009/SC-A/30 ގަޒިއްޔާއަށް ބިނާކޮށް، ލިޔެފައިވާ ކޮންޓްރެކްޓެއް ނުވަތަ ޕަރޗޭސް އޯޑަރެއް ނެތުމަކީ މުއާމަލާތެއް ނުހިނގާ ކަމުގެ ދަލީލެއް ނޫން ކަމަށް ހައިކޯޓުން ކަނޑައަޅައި، ދެފަރާތުގެ މެދުގައި ފަހުން ފައިސާ ދޭ ގޮތަށް ޕެޓްރޯލް ވިއްކުމުގެ މުއާމަލާތެއް ހިނގާފައިވާ ކަމަށް ބަލައިގަތެވެ.

ނަމަވެސް، މުއާމަލާތެއް ހިނގި ނަމަވެސް، ދައްކަން ޖެހޭ ވަކި އަދަދެއް ސާބިތުކުރުމުގެ ބުރަ އޮންނަނީ ދަޢުވާކުރާ ފަރާތުގައި ކަމަށް ހައިކޯޓުން ބުނެއެވެ. ވިޔަފާރީގެ ރެކޯޑުތަކަކީ ހެއްކާބެހޭ ގާނޫނުގެ ދަށުން ކޯޓުން ބަލައިގަނެ ބަރުދަން ދެވޭނެ ހެއްކެއް ނަމަވެސް، ވިއްކާ ފަރާތުން އަމިއްލަ މަންފާއަށް، އަނެއް ފަރާތުގެ ބަހެއް ނެތި ލިޔެ ބަލަހައްޓާ ފޮތަކުން އެކަނި އެއްވެސް މީހެއްގެ މައްޗަށް ދަރަންޏެއް ކަނޑައެޅޭނެ ގޮތެއް ނެތެވެ. "އަނެއް ފަރާތުގެ ސޮޔެއް ނުވަތަ އިއުތިރާފެއް ނެތް ލިޔުމަކީ މުސްތަޤިއްލުކޮށް ދަރަންޏެއް ސާބިތުކުރެވޭނެ ފުރިހަމަ ޙުއްޖަތެއް ނޫނެވެ،" ހައިކޯޓުން ބުނެއެވެ.

އެފަދަ ފޮތަކަށް ބާރުލިބެން ޑެލިވަރީ ނޯޓު، އިންވޮއިސް، ނުވަތަ ހިސާބު ބެލެހެއްޓި ނުވަތަ މުއާމަލާތް ހިންގި މުވައްޒަފެއްގެ ހެކިބަސް ފަދަ މިނިވަން ހެއްކެއް ބޭނުންވާ ކަމަށް ހައިކޯޓުން ބުނެއެވެ. މި މައްސަލައިގައި ވިކުރާ ފޮތުގައި ނަން ލިޔެފައިވާ މުވައްޒަފުންގެ ހެކިބަސް ނަގަން އެދިފައި ނުވާ ކަމަށާއި، ޢަބްދުﷲ ރަޝީދު ހައްޖަށް ދިޔަ ދުވަސްވަރު ވިޔަފާރި ބެލެހެއްޓި ފަރާތުގެ ފަރުވާކުޑަކަމުން ކްރެޑިޓް ފައިސާ ދެއްކުން ލަސްވި ކަމަށް އޭނާ ވެސް ކޯޓުގައި ބުނި ކަމަށް ހައިކޯޓުން ފާހަގަކުރެއެވެ. އެހެންކަމުން، ވިކުރާ ފޮތުގެ އަދަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށް ހައިކޯޓުން ބުނެއެވެ.

އެހެންކަމުން، ދަޢުވާކުރި 103,000 ރުފިޔާ މަދަނީ މައްސަލަތަކުގައި ބަލާ މިންގަނޑު ކަމަށްވާ "ބެލެންސް އޮފް ޕްރޮބަބިލިޓީސް" އިން ސާބިތުވެފައި ނުވާ ކަމަށާއި، މިއީ ދަށު ކޯޓުގެ ހުކުމް ބާތިލުކުރަން ޖެހޭ އިސްތިސްނާ ހާލަތެއް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލަ ބެލީ ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފަނޑިޔާރު އިސްމާޢީލް ޝަފީޢެވެ. ފަނޑިޔާރު ފަރްހީޒާގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ތާއީދުކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމިއްލައަށް ލިޔާ ވިކުރާ ފޮތަކުން އެކަނި ދަރަނި ސާބިތެއް ނުވޭ: ހައިކޯޓުކޯޓް ރޫމް | 11 މިނިޓު ކުރިންއިމިގްރޭޝަން އޮފިސަރުންނަށް ޝަރަފުގެ ކުލައާއި މެޑަލް ދޭން ގަވާއިދު ބަދަލުކޮށްފިކޯޓް ރޫމް | 2 ދުވަސް ކުރިންއެޑްވާންސް ކުލި ދައްކައިގެން ހަވާލުނުކުރި ފްލެޓަށް 600,000 ރުފިޔާގެ ބަދަލުކޯޓް ރޫމް | 5 ދުވަސް ކުރިންޗައިނާ ރައްޔިތަކަށް ލޯނު އަނބުރާ ދައްކަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފިކޯޓް ރޫމް | 5 ދުވަސް ކުރިން