logo
MPL

MPL

ކޯޓް ރޫމް

ޗައިނާ ރައްޔިތަކަށް ލޯނު އަނބުރާ ދައްކަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 އޮކްޓޯބަރު 2026 - 15:52
ޗައިނާ ރައްޔިތަކަށް ލޯނު އަނބުރާ ދައްކަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

ޗައިނާގެ ރައްޔިތެއް ކަމަށްވާ ފޭން ޖިއަންގްލިންގެ އަތުން ނެގި 32,000 ޑޮލަރު އަނބުރާ ދައްކަން ސ. ހިތަދޫ، ރެޑްބާޑް މުޙައްމަދު އާރިފްއަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ‪2021/HC-A/199‬ ގަޒިއްޔާ ނިންމީ 29 އޮކްޓޫބަރު 2026 ގައި، ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ސިވިލް ކޯޓުން 15 އެޕްރީލް 2021 ގައި ކުރި ހުކުމުގައި، ފައިސާ ތިން މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު ޖެހޭ ޢަދަދަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކަމުން ގޮސް ދަރަނި ޚަލާސްކުރަން އާރިފްއަށް އަންގާފައިވެއެވެ. އެ ހުކުމަށް ހައިކޯޓުން އެއްވެސް ބަދަލެއް ނުގެނެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަޒިއްޔާގައިވާ ގޮތުން، 15 އެޕްރީލް 2018 ގައި ދެފަރާތުގެ މެދުގައި "Certificate of Loan" ގެ ނަމުގައި ލިޔުމެއްގައި ސޮއިކުރެވުނެވެ. އިނގިރޭސި ބަހުން ލިޔެފައިވާ އެ ލިޔުމުގައި ބުނެފައިވަނީ، އާރިފް ފޭން ޖިއަންގްލިންގެ އަތުން 32,000 ޑޮލަރު ނަގުދު ފައިސާއިން ނެގިކަމަށާއި، 15 ޖޫން 2018 ގެ ކުރިން އެ ފައިސާ އަނބުރާ ދައްކާނެ ކަމަށެވެ. ލިޔުމުގައި އާރިފްގެ ނަން ލިޔެ، ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާފައިވެއެވެ.

ނަމަވެސް، ފައިސާ ދީފައިވަނީ ނަގުދަކުން ނޫނެވެ. ފޭން ޖިއަންގްލިންގެ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށްވާ ޕާރލް އެޓޯލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައިވާ އެކައުންޓަކުން، 14 އެޕްރީލް 2018 ގެ ތާރީޚު ޖަހައި ދޫކުރި 32,000 ޑޮލަރުގެ ޗެކަކުންނެވެ. ޗެކު ލިޔެފައިވަނީ ވެސް އާރިފްގެ ނަމަށް ނޫނެވެ. "Nevi Marine" ގެ ނަމަށެވެ. ނެވި މެރިންއަކީ މެރިން ކޮންސެޕްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ވިޔަފާރި ނަމެކެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ ޚުދު އާރިފްކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. ޗެކުގައި ނެވި މެރިންގެ ނަން ޖެހީ އާރިފް އެދިގެން ކަމަށް ވެސް ގަޒިއްޔާގައި ބުނެފައިވެއެވެ.

އެއްބަސްވި މުއްދަތު ހަމަވިއިރު ފައިސާ ނުދެއްކުމުން، ފޭން ޖިއަންގްލިން 2020 ވަނަ އަހަރު ސިވިލް ކޯޓަށް ދައުވާ ކުރިއެވެ. 30 އޮގަސްޓް 2020 ގައި ހުށަހެޅި ޖަވާބުގައި އާރިފް ބުނީ، މިއީ ހަގީގަތެއް ނެތް ދައުވާއެއް ކަމަށާއި، ފައިސާ ނަގާފައި ނުވާނެ ކަމަށެވެ. ލޯނުގެ ލިޔުމުގައިވާ ސޮއި އާއި އިނގިލީގެ ނިޝާނަކީ އޭނާގެ ނޫން ކަމަށާއި، އެ ދުވަސްވަރު ރާއްޖޭގެ އެއްވެސް ބޭންކަކުން 2,000 ޑޮލަރަށްވުރެ ގިނައިން ނަގުދު ނުދޭ ކަމަށާއި، ޗެކުގެ ތާރީޚާއި ލިޔުމުގެ ތާރީޚު ތަފާތު ކަމަށާއި، ނެވި މެރިންއަކީ ވަކި ގާނޫނީ ޝަޚްޞެއް ކަމަށް ވެސް އޭނާ ބުންޏެވެ. ޗެކުގައިވާ ސޮއި ވެސް އޭނާގެ ނޫން ކަމަށް އޭނާ ބުންޏެވެ.

އޭގެ ރައްދުގައި ފޭން ޖިއަންގްލިން ހުށަހެޅީ، ޗެކު ދޫކުރީ ފޭން ޖިއަންގްލިން އެދިގެން އާރިފްއަށް ފައިސާ ދިނުމަށް ކަމަށް ބުނެ ޕާރލް އެޓޯލުން 16 ޖެނުއަރީ 2020 ގައި ދޫކުރި ލިޔުމެކެވެ. އެ ފައިސާގެ ހުރިހާ ހައްގެއް ލިބިގެންވަނީ ފޭން ޖިއަންގްލިންއަށް ކަމަށް ބުނެ ކުންފުނިން އެފިޑެވިޓެއް ވެސް ހުށަހެޅިއެވެ. ޗެކަށް ފައިސާ ދޫކުރިކަން ބޭންކް އޮފް ސިލޯނުން 7 ސެޕްޓެންބަރު 2020 ގެ ސިޓީއަކުން ކަށަވަރުކޮށްދިނެވެ. މީގެ އިތުރުން، މި މުޢާމަލާތުގެ ހަ މަސްދުވަސް ކުރިން ދެފަރާތުގެ މެދުގައި ހިނގި އެހެން މުޢާމަލާތެއްގައި ވެސް އާރިފް މިގޮތަށް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށް ފޭން ޖިއަންގްލިން ބުންޏެވެ.

ސޮއި އާއި ނިޝާނާ މެދު ދެފަރާތުގެ ބަސް ތަފާތުވުމުން، ސިވިލް ކޯޓުން ލޯނުގެ ލިޔުމުގެ އަސްލު ތަހުލީލުކުރަން ފުލުހުންނަށް ފޮނުވިއެވެ. ފުލުހުންގެ ފިންގަރޕްރިންޓް ތަހުލީލުން ފެނުނީ، ލިޔުމުގައިވާ ނިޝާނަކީ ފުލުހުންގެ ޑޭޓާބޭހުގައިވާ އާރިފްގެ ކަނާތު ބޮޑުވައި އިނގިލީގެ ނިޝާން ކަމަށެވެ. ލިޔުމާއި ޗެކުތަކުގައިވާ ސޮއި އަޅާކިޔުމުން، އެ ހުރިހާ ސޮއިއެއް ކޮށްފައިވަނީ އެއް މީހަކު، އެއީ އާރިފް ކަމަށް ވެސް ފުލުހުންގެ ފޮރެންސިކް ތަހުލީލުން ނިންމިއެވެ.

އެ ނަތީޖާއާއެކު، ސޮއި އާއި ނިޝާނާ ގުޅޭ އާރިފްގެ އިންކާރު ނަފީވެއްޖެ ކަމަށް ސިވިލް ކޯޓުން ނިންމިއެވެ. ޗެކުގެ ތާރީޚަށްވުރެ ލިޔުމުގެ ތާރީޚު އެއް ދުވަސް ފަހުވުމަކީ ލިޔުމުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމެއް ނޫން ކަމަށާއި، ފައިސާ ލިބުނީ ޗެކަކުން ކަމަށްވާތީ ބޭންކުތަކުން ނަގުދު ދޫނުކުރާ ވާހަކައަކުން ވެސް ސުވާލެއް ނުއުފެދޭ ކަމަށް ކޯޓުން ބުންޏެވެ.

ހައިކޯޓަށް ކުރި އިސްތިއުނާފުގައި އާރިފް ހުށަހެޅީ ތިން ނުކުތާއެވެ. ފުރަތަމަ، ލިޔުމުގައި ބުނަނީ ނަގުދުން ފައިސާ ދިން ކަމަށް ކަމަށްވާއިރު ފައިސާ ދީފައިވަނީ ޗެކަކުން ކަމަށްވުމާއި، ތާރީޚުތައް ދިމާނުވުމުން، މަދަނީ މައްސަލަތަކުގައި ބޭނުންކުރާ މިންގަނޑަށް ދައުވާ ސާބިތުނުވާ ކަމަށެވެ. ދެވަނައަށް، ފައިސާ ދައުރުވެފައިވަނީ ޕާރލް އެޓޯލުން ނެވި މެރިންއަށް ކަމަށްވާތީ، މިއީ ދެ ކުންފުންޏެއްގެ މެދުގެ މުޢާމަލާތެއް ކަމަށާއި، ކުންފުނިތަކުގެ ވަކި ގާނޫނީ ޝަޚްޞިއްޔަތުގެ އުސޫލުން އޭނާ ޒާތީގޮތުން ޒިންމާ ނުވާނެ ކަމަށެވެ. ތިންވަނައަށް، އެ ދެ ކުންފުނީގެ ބަސް ނުހޯދައި ސިވިލް ކޯޓުން މައްސަލަ ނިންމީ ގާނޫނާ ޚިލާފަށް ކަމަށެވެ.

މައިގަނޑު ރައުޔު ލިޔުއްވި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ވިދާޅުވީ، ފޮރެންސިކް ތަހުލީލުން ސޮއި އާއި ނިޝާން ސާބިތުވެ، ލިޔުމުގެ ޢަދަދާއި ބޭންކު ރެކޯޑުތައް ދިމާވާއިރު، ސިވިލް ކޯޓުން ހެކި ވަޒަންކުރުމުގައި ގޯހެއް ހެދިފައި ނުވާ ކަމަށެވެ. ހެކި އަލުން ވަޒަންކުރަން ހައިކޯޓަށް ޖެހޭނީ ބުއްދީގެ ހަމަތަކާ ޚިލާފަށް ހެކި ވަޒަންކޮށްފައިވާ ފަދަ ޚާއްސަ ހާލަތެއްގައި ކަމަށާއި، މި މައްސަލައިގައި އެފަދަ ހާލަތެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުންފުނިތަކުގެ ނުކުތާގައި ފަނޑިޔާރު ފަރްހީޒާ ވިދާޅުވީ، ދެ މީހެއްގެ މެދުގެ އަމިއްލަ މުޢާމަލާތެއްގައި ފައިސާ ދެއްކުމަށް ކުންފުނީގެ ޗެކެއް ބޭނުންކުރުމުން، ކުންފުނީގެ ވަކި ޝަޚްޞިއްޔަތުގެ އުސޫލަކީ "އެ މުޢާމަލާތުގެ އަޞްލު ޙަޤީޤަތާއި ދަރަނީގެ މަސްއޫލިއްޔަތު އޮޅުވާލުމަށް ނުވަތަ ފޮރުވުމަށް ބޭނުންކުރެވޭނެ ނިވަލެއް ނޫނެވެ" ކަމަށެވެ. ލޯނުގެ ލިޔުމަކީ ފޭން ޖިއަންގްލިން އާއި އާރިފްގެ މެދުގައި ސީދާ ވެވުނު އެއްބަސްވުމެއް ކަމަށާއި، ޗެކު ދޫކުރި ސަބަބު ކުންފުނީގެ އެފިޑެވިޓުގައި ސާފުކޮށް ބުނެފައިވާތީ، ޗެކުގައި ކުންފުނިތަކުގެ ނަން އޮތުމަކީ އާރިފްގެ އަމިއްލަ ދަރަނިން ބަރީއަވާނެ ސަބަބެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުންފުނިތައް މައްސަލައަށް ޝާމިލުނުކުރުމާ ބެހޭގޮތުން ހައިކޯޓުން ނިންމީ، ޚަސްމުން އިތުރުކުރަނީ ޚަސްމުން ނުވަތަ މަސްލަހަތު އޮތް ފަރާތެއް އެދިގެން ކަމަށާއި، މި ކުންފުނިތަކަކީ ހަމައެކަނި ފައިސާ ދައުރުކުރަން ބޭނުންކުރި ވަސީލަތްތައް ކަމަށްވާތީ ކޯޓުން އަމިއްލައަށް އެ ކުންފުނިތައް ޝާމިލުކުރަން ލާޒިމެއް ނޫން ކަމަށެވެ. ޕާރލް އެޓޯލުގެ ބަސް އޭގެ އެފިޑެވިޓުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައި ކަމަށާއި، މެރިން ކޮންސެޕްޓްގެ މެނޭޖިންގ ޑިރެކްޓަރަކީ ޚުދު އާރިފް ކަމަށްވާތީ، ދިފާއުވުމުގެ ފުރުސަތު އޭނާއަށް ލިބިފައިވާ ކަމަށް ވެސް ހައިކޯޓުން ފާހަގަކުރިއެވެ.

މި މައްސަލަ ބެލީ ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު ޙުޒައިފާ މުޙައްމަދެވެ. ފަނޑިޔާރު ފަރްހީޒާގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ތާއީދުކުރެއްވިއެވެ. ސިވިލް ކޯޓުގައި މި މައްސަލަ ބެލީ ގާޟީ ޢަބްދުއްނާޞިރު ޝަފީޤެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާ ރައްޔިތަކަށް ލޯނު އަނބުރާ ދައްކަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފިކޯޓް ރޫމް | ގަޑިއިރެއް ކުރިންދިއްފުށިފަޅުގެ ކުލީގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް: ހައިކޯޓުކޯޓް ރޫމް | 15 ގަޑިއިރު ކުރިންދައްޕަރުގެ ބްރޯކަރޭޖް ފީގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިކޯޓް ރޫމް | 5 ދުވަސް ކުރިންމެޝިން ހިލޭ، ރީއެޖެންޓް ގަންނަންވީ މެޑިކްއިޕުން: ހައިކޯޓުޚަބަރު | 6 ދުވަސް ކުރިން