ވާވެރިންގެ ރަށް: ރ. ވާދޫ
25 މޭ 2026 - 05:58

އާދެ،“ މާތްވެގެންވާ ހަނދުވަންހައިގެ ރަސްގެފާނެވެ.“ — މިއީ އިސްދޫ ލޯމާފާނުގައި ދިވެހިރާއްޖޭގެ ފުރަތަމަ ރަސްގެފާނު ކޮއިމަލާ ރަސްގެފާނަށް މުޚާތަބުކޮށްފައިވާ ގޮތެވެ. ކޮއިމަލާ ރަސްގެފާނު ދިވެހިރާއްޖޭގައި ގާއިމުކުޅަ ރަސްކަމަކީ ރާއްޖޭގެ ފުރަތަމަ ރަސްކަން ކަމުގައި ގިނަ ތާރީޚީ ލިޔުންތަކާއި ފަތްފޮތްތަކުގައި އިއްތިފާޤުވެފައިވެއެވެ. މިޒަމާނުގެ ތާރީޚު ދިރާސާކުރައްވާ ދިރާސާވެރިންވެސް މިކަމުގައި އިއްތިފާޤުވެއެވެ.
އަޙުމަދު އަލާ ދީދީ އޭނާގެ ތާރީޚީ ލިޔުއްވުމެއް ކަމަށްވާ ”މާޅޮސް މަޑުލު: އެވޭލާ ޒަމާނުގެ ބައިނަލްއަގުވާމީ ބަނދަރެއް“ މިލިޔުމުގައި ބުނެފައިވަނީ، ބޯދާ ދިވެހި ތާރީހާއި މާޅޮސް މަޑުލާ ގުޅައިދޭ ވާހަކައެއްގެ ގޮތުގައި މަޝްހޫރު ކޮއިމަލާކަލޯގެ ވާހަކަ ފާހަގަކުރެވޭ ކަމަށެވެ. މިވާހަކަ ބޮޑަށް ގުޅެނީ މާޅޮސް މަޑުލު އުތުރު ނުވަތަ ރ. އަތޮޅަށެވެ.

Ad by Hajj Corporation
ކޮއިމަލާ ވާހަކަ އައިސްފައިވާ ގޮތަށް ބަލާއިރު މި ޝާހީ ޖޯޑަކީ (ކޮއިމަލާކަލޯއާއި އެރަސްގެފާނުންގެ އަނބިކަނބަލުންނަކީ) އިންޑިޔާގެ ރަސްކަލެއްގެ ދަރިކަލަކާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. މި ރަސްފުތް މަނިކުފާނުގެ ބައްޕާފުޅު އެމަނިކުފާނު ދެކެ ކޯފާވެގެން އެ މަނިކުފާނާއި އެ މަނިކުފާނުގެ އަނބިކަނބަލުންނާއި 700 އަޅުން ދެ ނަވަށް ލައްވާފައި ފުރުވައިލެއްވީއެވެ. ދެން މި ބޭފުޅުންނަށް ވަޑައިގެންނެވުނީ ދިވެހިރާއްޖޭގެ ރަސްގެތީމަށެވެ.
މާތްވި އިސްލާމްދީން ރާއްޖެ އައުމުގެ ކުރިން ރާއްޖޭގައި ފުރަތަމަ މީހުން އާބާދުވެ ރަސްކަމެއް ފެށުނީ ރ. ރަސްގެތީމުގައި ކަމަށް ތާރީހުގެ ފޮތްތަކުގައި ވެއެވެ. އެއީ ކޮއިމަލާކަލޯ ކުރެއްވި ރަސްކަމެވެ.
އަހުމަދު އަލާ ދީދީ ލިޔުއްވާފައިވާ ގޮތުގައި، ކޮއިމަލާ ރަސްގެފާނު ރަސްގެތީމުގައި ބަނދަރުކުރެއްވީ އެ އަތޮޅުން އެރަސްގެފާނު ދެކެވަޑައިގަތް އެންމެ މަލަރީތި ރަށް ކަމަށް ވާތީއެވެ. އެރަށަށް ރަސްގެ ތީމު ކިޔުނެވެ. އަޅުވެރީން ފޭބި ރަށަށް އަޅުގެ ތީމު (އަނގޮޅިތީމު) ކިޔުނެވެ. އަދި ވާވެރިން ފޭބި ރަށަށް ވާދޫ އޭ ކިޔުނުކަމުގައިވެއެވެ.
ރާއްޖޭގެ ޤަދީމީ ރަސްމަތިފުށާ ގުޅިފައިވާ ރ. ވާދޫއަކީ ”އަލިފުށި އަތޮޅު“ގެ ދެކުނަށް އޮތް މާރަށެކެވެ. މާޅޮސްމަޑުލު ވާދުވަކީ ރާއްޖޭގެ ގަދީމީ ތިނެސްކަނެއްގެ ރަށެކެވެ. ވާވެރިންނަކީ ރާވެރިކަމާއި ވަލުން އާމްދަނީ ނެރުމުގެ މީހުންނެވެ. ފަހަކާ ޖެހެންދެން ވެސް ވާދޫގެ އާމްދަނީ އަކީ ވަލުން އުފައްދާ ތަކެއްޗެވެ. ރާވެރިކަމާއި އޭގެ ނަފައެވެ. މަސްވެރިކަމަކީ ވާދޫގެ ދެވަނަ މަސައްކަތެވެ. ރާވެރިކަމަށް ހާއްސަ ވާދޫގައި ރާވެރިންގެ މާލޫދު ކިޔައި އުޅުނެވެ. ރާވެރިންގެ ވާދޫ މިއަދު ވެފައިވަނީ “ރެދަން ވާދޫ”އަށެވެ.
ދިވެހިރާއްޖޭގައި ލާ ރެދަނަކީ އުތުރު ތަނޑީގެ “ނޯރދާން ލައިޓްސް” ފަދަ ފަތުރުވެރި މަގުބޫލުކަމެކެވެ. ރެދަންލާ ދުވަސްވަރުތައް ފާހަގަކޮށް، ދުރާލާ ދަތުރު ހަދައި، ވާދުވަށް ރެދަން ބަލަން ފަތުރުވެރިން އާދެއެވެ. ރ. ވާދޫގެ ގޮނޑުދޮށް ރެދަނުން ދިއްލޭ ހިތްގައިމު މަންޒަރާ ގުޅުވައި “އަސޫސް” ކުންފުނީގެ ލެޕްޓޮޕެއް ޑިޒައިންކޮށް އެ ލެޕްޓޮޕަށް އެ ރަށުގެ ނަން ވަނީ ދީފައެވެ. ވާދޫގެ އަދުގެ ފަހުރަކީ ރެދަނުން އެ ރަށަށް ލިބުނު ނަމެވެ. “ރެދަން ވާދޫއެވެ." ދުނިޔޭގެ މަގުބޫލުކަމެވެ.
ނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިރަށުގެ ޤަދީމީ ފަޚުރަކީ ވާވެރިންނެވެ. މިރަށުގައި އެންމެ އިހު އުޅުނު ކަމަށް ލިޔެކިޔުމުން ފެންނަނީ އެ ވާވެރިންގެ ވާހަކައެވެ. ރަށުގެ ނަމަކަށްވީ ވެސް ވާވެރިންގެ ދޫއެވެ. ކުރުކޮށް އަހަރެމެންނާ ހަމައަށް އައީ ވާދޫއެވެ.


