އާޖެންޓީނާގެ މިސް ޔުނިވާސްގެ ތާޖު ފުރަތަމަ ފަހަރަށް ވަޒީފާ އަދާކުރާ މަންމައަކު ކާމިޔާބުކޮށްފި
27 މޭ 2026 - 13:58

އާޖެންޓީނާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ވަޒީފާ އަދާކުރާ އަދި ދަރިން ތިބި މަންމައަކު އެ ގައުމުގެ މިސް ޔުނިވާސްގެ ތާޖު ކާމިޔާބުކޮށް، ގައުމު ތަމްސީލުކުރުމުގެ ފުރުސަތު ހޯދައިފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 28 އަހަރުގެ މޮޑެލް ތަމާރާ ރޮގުސްކީ ވަނީ މިދިޔަ ހަފުތާގައި ބޭއްވުނު މިސް ޔުނިވާސް އާޖެންޓީނާގެ ފައިނަލް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ "ބެސްޓް ފޭސް އެވޯޑް" އަދި "އީވްނިންގް ޑްރެސް އެވޯޑް" ވެސް ކާމިޔާބުކޮށް، ތިން އެވޯޑާއެކު ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މި ކާމިޔާބީއާއެކު، އަންނަ ނޮވެމްބަރު މަހު ކޮސްޓަރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސް ޔުނިވާސް މުބާރާތުގައި އާޖެންޓީނާ ތަމްސީލުކުރާނީ އޭނާއެވެ.

Ad by Hajj Corporation
މުބާރާތުގެ އިންތިޒާމު ކުރާ ކޮމިޓީން ހާމަކުރި ގޮތުގައި، ރޮގުސްކީއަށް ފަނޑިޔާރުންގެ މަތީ މާކްސް ލިބުނީ ހަމައެކަނި އޭނާގެ ރީތިކަމަކަށް ނޫނެވެ. މުޅި މުބާރާތުގެ ތެރޭގައި އޭނާ ދެމުންދިޔަ އިޚްލާޞްތެރި މެސެޖުތަކާއި ދެއްކި ވާހަކަތަކަށް ފަނޑިޔާރުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
އާޖެންޓީނާގެ މިސްޔުނިވަރސް، އޭނާ އަކީ ވަޒީފާ އަދާކުރާ މަންމައެއް
ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ރޮގުސްކީ ބުނީ، މާކެޓިންގް ދާއިރާގެ މީހެއްގެ ހައިސިއްޔަތުން ބަސްތަކުގެ ބާރު އޭނާއަށް އެނގޭ ކަމަށާއި، މަންމައެއްގެ ހައިސިއްޔަތުން އޭނާ ނިންމާ ކޮންމެ ނިންމުމަކީ އެހެން މީހަކަށް ހިތްވަރަކަށް ވެދާނެކަން ދަސްވެފައިވާ ކަމަށެވެ. "އަޅުގަނޑުމެން އެންމެންގެ ކިބައިގައިވެސް ދުނިޔެއަށް ފައިދާހުރި ކަންތައްތަކެއް ކުރުމުގެ އަގުހުރި ސިފަތަކެއްވޭ. މުހިންމީ އެކަން ދެނެގަނެ، ތަރައްގީކޮށް، އެހެން މީހުންނަށްޓަކައި އެ ބޭނުންކުރުމުގެ ހިތްވަރު ހުރުން،"ރޮގުސްކީ ބުންޏެވެ.
އުމުރުން އެންމެ 12 އަހަރުގައި މޮޑެލްކުރަން ފެށި ރޮގުސްކީއަކީ ޔުނިވާސިޓީ ތައުލީމު ނިންމުމުގެ އިތުރުން ސެލްފް-ޑިވެލޮޕްމަންޓް ކޯޗެއްގެ ސެޓްފިކެޓްވެސް ހާސިލުކޮށްފައިވާ ފަރާތެކެވެ. މިހާރު ކުޑަ އަންހެން ދަރިއަކު ބަލަމުންދާ ރޮގުސްކީ ބުނީ، ދަރިފުޅު ބެލުމާއި ވަޒީފާގެ ކަންކަން ބަލަހައްޓަމުން މިފަދަ ކާމިޔާބީއެއް ހޯދުމަކީ ބޮޑު ގުރުބާނީއަކާއި މަސައްކަތެއް ކުރަންޖެހުނު ކަމެއް ކަމަށާއި، މިހާރު އިހުސާސް ކުރެވެނީ ބުނެދޭން ނޭނގޭ ފަދަ ފަޚުރުވެރިކަމެއް ކަމަށެވެ.


