ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި
2 ޖޫން 2026 - 16:44

ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 24 މެއި 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއަށް އައި ފަސިންޖަރެއްގެ އަތުންނެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައެވެ.

Ad by Hajj Corporation
ކަސްޓަމްސް އިން ބުނި ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 941 ގްރާމް ހުއްޓެވެ. އަދި އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އަށް ޕޮޒިޓިވް ވެފައެވެ.
މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.
ކަސްޓަމްސްއިން ވަނީ މީގެ ކުރީން ވެސް ރާއްޖޭގެ ދޮރާށިތަކުން އެތެރެކުރަން މީހުން މަސައްކަތްކުރި ޑްރަގް އެކި ފަހަރުގެ މަތިން އަތުލައިގަތުމުގެ ކާމިޔާބު އޮޕަރޭޝަންތައް ހިންގާފައެވެ.


