ހިސާބުގެ އިންޓަނޭޝަނަލް މުބާރާތަކުން ދިވެހި ދަރިވަރުންނަށް ރަން ވަނަތަކެއް ލިބިއްޖެ
5 ޖޫން 2026 - 02:10

ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ "ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026" (ވައި.އެމް.އެސް.އޭ) މުބާރާތުން ދިވެހި ދަރިވަރުން ތާރީޚީ ރަން ވަނަތަކެއް ޙާޞިލުކޮށްފިއެވެ. 'MathsThroughStories.org' އިން އިންތިޒާމުކުރި މި މުބާރާތުގެ ތިން އުމުރުފުރާ ކަމަށްވާ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ ބައިންވެސް އެއްވަނަ ހޯދާފައިވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނެވެ. މިއީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ފަޚުރުވެރި ވަނަތައް އެއް ޤައުމަކުން ހާސިލުކުރި ފުރަތަމަފަހަރެވެ.
ދަ ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް މުބާރާތަކީ، ހިސާބު ޢިލްމު އުނގެނޭ އެކި އުމުރުފުރައިގެ ދަރިވަރުންނަށް އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރީޢާއިން ހިސާބުގެ ތަޞައްވުރުތައް ދައްކުވައިދިނުމަށް ބާއްވާ ދުނިޔޭގެ އެންމެ ބޮޑު މިފަދަ އަހަރީ މުބާރާތެވެ. 2019 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުން 7،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.

Ad by Hajj Corporation
ރާއްޖޭގެ ބައިވެރިވުން ފާހަގަކޮށްލެވޭ
ދުނިޔޭގެ 34 ޤައުމަކުން ދަރިވަރުން ބައިވެރިވި މިއަހަރުގެ މުބާރާތުގައި، ރާއްޖެއިން 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. މިއާއެކު، މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ނިސްބަތުން އެންމެ ގިނަ ދަރިވަރުން ބައިވެރިވި އެއް ޤައުމުގެ ޝަރަފުވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. މިއީ ކްރިއޭޓިވް މެތަމެޓިކަލް ލިޓްރެސީގެ ދާއިރާއިން ދިވެހި ދަރިވަރުންގެ ހުނަރު ބައިނަލްއަޤުވާމީ ފެންވަރުގައި ސާބިތުކޮށްދިން ފުރުޞަތެކެވެ.
މި ކާމިޔާބީގެ ބިންގަލަކީ އެޑިއުކޭޝަން މިނިސްޓްރީއާއި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގުޅިގެން ކުރި މަސައްކަތްތަކެވެ. ވަކިން ޚާއްޞަކޮށް، މުދައްރިސުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމްތަކުގެ ތެރެއިން، ވާހަކަ ކިޔައިދިނުމުގެ ތެރެއިން ހިސާބު އުނގަންނައިދޭނެ އުފެއްދުންތެރި ގޮތްތަކަށް މުދައްރިސުން އަހުލުވެރިކުރުވުން ހިމެނެއެވެ.
މީގެ އިތުރުން، މެތު ތޯޓް ސްޓޯރީޒް އޯގަނައިޒޭޝަނުގެ ބާނީ ޑރ. ނަތަޕޮޖް ވިންސެންޓް ޓްރަކުލްފަޑެޓްކްރައި ވަނީ ދިވެހި މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ފަންނީ ތަމްރީނުތައް ފޯރުކޮށްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މިއީ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން ލިބުނު ނަތީޖާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި ތާރީޚީ ކާމިޔާބީއަކީ ރާއްޖޭގެ ތަޢުލީމީ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ ވާދަކޮށް ކުރިއަރައިދެވޭނެކަން ސާބިތުކޮށްދިން ކަމެކެވެ. މިއީ ރާއްޖޭގެ ހިސާބު ޢިލްމު ކިޔަވައިދިނުމުގެ އުފެއްދުންތެރިކަމުގެ އައު ދައުރެއް ފެށިގެންދިޔުމުގެ ނިޝާނެއްގެ ގޮތުގައި މުޅި ޤައުމުން މިއަދު ދަނީ ފާހަގަކުރަމުންނެވެ.


