3740 ކުލާސްރޫމް އޭސީކޮށް ނިންމަން ވާންޖެހޭ ތައްޔާރީތައް މިހާރުވަނީ ނިމިފައި: އެޑިޔުކޭޝަން
7 އޭޕްރީލު 2025 - 09:54

ސްކޫލުތަކުގައި ދަރިވަރުން އުނގެނޭ މާހައުލަކީ ހިތްގައިމު، ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކައި، ފެށި ކޫލް ސްކޫލް ޕްރޮގްރާމްގެ ދަށުން ސަރުކާރު ސްކޫލުތަކުގައި އޭސީ ހަރުކުރަން ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ދެއްވި ދިރާސީ އަހަރުގެ ޚިޠާބުގައި ވިދާޅުވީ، ސަރުކާރުގެ ސްކޫލްތަކުގައި ހުރި 3740 ކުލާސްރޫމް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާނެ ކަމަށާއި އެ މަސައްކަތް ކުރަން ބޭނުންވާ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ.

Ad by Hajj Corporation
ކޫލް ސްކޫލް ޕޮރޮގްރާމް އެ މިނިސްޓްރީން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހުއެވެ.
މިނިސްޓަރު ވިދާޅުވީ، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅާއި ވާގިފުޅާއެކު މިފެށޭ 2025 ވަނަ އަހަރުގެ ދިރާސީއަހަރު ވެގެންދާނީ، ރާއްޖޭގެ މަދަރުސީ ނިޒާމުގެ ފެންވަރު ކަށަވަރުކޮށް ފެންވަރު އިތުރަށް ރަގަޅުކުރުމަށްޓަކައި މުހިއްމު ކަންތައްތަކެއް ތަންފީޒުކުރެވިގެންދާނެ އަހަރަކަށް ކަމަށާއި ތަޢުލީމަށް އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައި ރާވާފައިވާ ބައެއްކަންކަން ނިމިދިޔަ ދިރާސީ އަހަރު ފަށައިގެން ކުރިއަށް ގެންދާއިރު، މިއަހަރުގެ ތެރޭގައި މުހިއްމު އިތުރު ކަންތައްތައް ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، 90,000 އެއް ހާ ދަރިވަރުން މިދިރާސީ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި އެކިއެކި މަރުހަލާތަކުގައި ކިޔަވަމުންދާނެއެވެ. މި ދަރިވަރުންގެ ޚިދުމަތުގައި ގާތްގަޑަކަށް 11,000 މުދައްރިސުން ސްކޫލުތަކުގައި އުނގަންނައި ދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދާނެ ކަމަށެވެ.


