އަހުމަދިއްޔާ ސްކޫލަށް ބަޔަކު ވަދެ ޓީޗަރަކަށް އިންޒާރުދީފި
5 ޖޫން 2026 - 10:56

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ބަޔަކު ވަދެ، އެ ސްކޫލުގެ ޓީޗަރަކަށާއި އޭނާގެ އާއިލާއަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު ސްކޫލުގެ ކިޔެވުން ނިމި، ދަރިވަރުން ބަލައި ގިނަ އަދަދެއްގެ ބެލެނިވެރިން ގޮސް ތިބި ވަގުތެއްގައެވެ.

Ad by Hajj Corporation
މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި، މިކަން ހިނގީ ދަރިވަރަކު ބަލައި ސްކޫލަށް ދިޔަ ބެލެނިވެރިއަކު ރުޅިގަދަވެގެންނެވެ. އެ ބެލެނިވެރިޔާ އެ ސްކޫލުގެ އިސް ޓީޗަރެއްގެ ގާތު ދަރިވަރު ކޮބާތޯ އެހީ އެ ދަރިވަރު އަސްލު އުޅޭ ގްރޭޑް ނޫން އެހެން ގްރޭޑެއް ބުނެ ކަމަށް މަންޒަރު ދުށް މީހުން ބުނެފައި ވެއެވެ.
ބެލެނިވެރިޔާ ބުނި ގްރޭޑްގެ ދަރިވަރުން ނެތް ކަމަށް ބުނުމުން ބެލެނިވެރިޔާ ރުޅިގަދަވެ, އެއްޗެހި ގޮވާ ހެދީ ކަމަށް ވެސް ވެއެވެ.
މަންޒަރު ދުށް މީހުން އިތުރަށް ކިޔައިދިން ގޮތުގައި އެކަން އެ ހިސާބުން ނުނިމި، އެ ބެލެނިވެރިޔާ ވަނީ އިތުރު ދެ މީހަކު ސްކޫލު ތެރެއަށް ގެނެސްފައެވެ. އަދި އެ މީހުންނާ ގުޅިގެން ޓީޗަރަށް ބިރުދައްކައި، ޓީޗަރުގެ އިތުރުން އޭނާގެ ދަރިންނަށް ވެސް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް މަންޒަރު ދުށް މީހުން ކިޔައިދިނެވެ.
ޓީޗަރުންނަށް އަމާޒުކޮށް ދެވޭ މިފަދަ އިންޒާރުތަކަކީ ތައުލީމީ ނިޒާމަށް އޮންނަ އިތުބާރު ކުޑަވެ، ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.


