logo
Bank of Maldives

Bank of Maldives

ރިޕޯޓް

ކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖޫން 2026 - 12:18
ގަލޮޅު ދަނޑުގައި ބޭއްވި ފީފާ ރައީސް އިވެންޓްގައި ކުޑަކުދިންތަކެއް ބޯޅަ ކުޅެނީ، ފޮޓޯ: ރައީސް އޮފީސް
ގަލޮޅު ދަނޑުގައި ބޭއްވި ފީފާ ރައީސް އިވެންޓްގައި ކުޑަކުދިންތަކެއް ބޯޅަ ކުޅެނީ، ފޮޓޯ: ރައީސް އޮފީސް

2028 އިން 2023 އަށް ވޭތުވި ތިން ދައުރުގައި ރާއްޖޭގެ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދާއި، ޢަބުދުﷲ ޔާމީނާއި އަދި އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ގައުމަށް ގެންނާން ހިތްމައްޗަށް ވެސް ނުގަންނަ އެތައް ހެޔޮ ބަދަލެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދަނީ ގެންނަވަމުންނެވެ. އެއިގެ ތެރެއިން އެއް ދާއިރާ އަކީ ވީދި ކުދިކުދިވެފައި އޮތް އަޚްލާގިއްޔަތާއި އިޖުތިމާއީ ގުޅުމާއި އުޅުން އިޔާދަކުރެއްވުމުގެ މަސައްކަތްޕުޅެވެ. އެންމެ ޅަފަތުން ފެށިގެން އިސްލާމީ ރިވެތި އަދަބުތައް ޅަ ދަރީންނަށް ދަސްކޮށްދީ، ޒުވާނުން ހެޔޮ ޚުލްޤަށް ހިތް ޖައްސުވައި، ހާނުވައި، ވިސްނައިދީ ރިވެތި ސިފަ އަށަގެންނެވުމުގެ ޤައުމީ މަޝްރޫޢުތައް ރައީސް މުޢިއްޒުގެ ސަރުކާރުގައި ދަނީ އެކި ނަންނަމުގައި ހިންގަވަމުންނެވެ. އެކަމުގެ ކާމިޔާބީތައް ވެސް އިރާދަކުރެއްވިއްޔާ ދަނީ ފެންނަމުންނެވެ. ނަމަވެސް ހަގީގަތަކީ މިއީ ދުރުރާސްތާއިން ބޮޑުބައި ހާސިލްވާނެ، ވަގުތާއި ދުވަސް ނަގާނޭ ކަންކަންކަމެވެ. މިއިން އެއްވެސްކަމެއް ވެރިކަމުގައި ނުކުރަށްވާ ފައިބައިވަޑައިގެންނެވި ތިން ރައީސަކަށް މިކަންކަން ދުށުމީ ހިތްޕުޅަށް ކުޅަދާނަކަމެއްކަމުގައި ނުވީކަމަށް ވެދާނެއެވެ. އެއް މޭޒުދޮށަށް ވަޑައިގެން އެ ފެއްޓެވި މަސައްކަތްޕުޅަކީ އެއީ ބާވައޭ ހިތާހިތާ ކިޔައިލެވެނީ ސަރުކާރުގެ މަސައްކަތުގެ ދުވެލި މަޑުޖައްސުވައި، މަސައްކަތްތަކަށް ހުރަސްއަޅަން ތިން ރައީސަކު ބައިއަތު ހިފާންޖެހޭ އެއްވެސް ސަބަބެއް މި ދެ އަހަރާއި ބައިގައި ފެންނާންނެތީތީއެވެ. ''ހިތްޕުޅުތަކަށް ބަރުދާސްތު ނުވެގެން'' އެއުޅުއްވަނީ ތިމާމެނަށް ނުކުރެވުނުކަންކަން ކުރައްވާތީ ކަމަށް ވެދާނެބާވައެވެ؟

ޔަގީނުންވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވާފަދައިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ މި ދިވެހި މުޖުތަމަޢުގައި، ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއް ބައްޓަންކުރަންޖެހެނީ އިސްލާމީ ރަނގަޅު އާދަކާދަތަކުގެ މައްޗަށެވެ. މިގޮތުން މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ރާއްޖޭގެ އިސްލާމީ އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ހުރިހާ ކަމެއްގައިވެސް ދެމެހެއްޓުމަށެވެ. މީގެ ތެރެއިން އެއް ދާއިރާއަށް ބަލާއިރު، ކުޅިވަރުގެ މައިދާނަކީ ގިނަ ޒުވާނުންނާއި ކުޑަކުދިން ހަރަކާތްތެރިވާ ތަނެކެވެ. އެ ތަންތަނުގައި ދީނީ އަޅުކަންތަކަށް އިސްކަންދެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ހެޔޮ އަޚްލާޤުގެ ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފިޔަވަޅުތައް އަޅުއްވާނެކަން ރައީސް މުޢިއްޒު ވަނީ މި ޖޫން މަހުގެ 1 ވަނަ ދުވަހު ޢިއުލާން ކުރަށްވާފައެވެ. އެކަންކަމަށް މިތާ ނަޒަރުކޮށްލާއިރު،

އިސްލާމީ އުޞޫލުތަކާއި ޢަމަލީ ދިރިއުޅުން ގުޅުވާލުން

ސަރުކާރުގެ މެނިފެސްޓޯގައިވާ ވަޢުދުތަކާއި މިނިސްޓްރީތަކުގެ މެންޑޭޓްތައް ތަންފީޒު ކުރުމުގައި، މި ސަރުކާރުގެ އަމާޒަކީ ދިވެހީންނަކީ ހުރިހާ މާނައެއްގައި ޢަމަލީގޮތުން އިސްލާމްދީނުގެ ހަމަތަކަށް ތަބާވާ ބަޔަކަށް ހެދުމެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި، ހާއްސަކޮށް ކުޅިވަރު ކުޅޭ ވަގުތުތަކުގައިވެސް، އިސްލާމީ އުޞޫލުތައް ފެންނަން އޮންނަންވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮތް އާދައަކީ ކުޅިވަރުގެ ފޯރީގައި ތިބެވޭއިރު، ނަމާދު ވަގުތުތަކަށް އެދެވޭ ސަމާލުކަމެއް ނުދެވުމެވެ. މިއީ ގަސްދުގައި ކުރާ ކަމަކަށް ނުވިޔަސް، މި އާދަ ބަދަލުކޮށް، ކުޅިވަރުގެ މައިދާނުގައިވެސް ނަމާދު ވަގުތަށް އިސްކަންދޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހެއެވެ. އެހެންކަމުން ރައީސް ވަނީ އެކަމަށް ފިޔަވަޅެއް ޢިއުލާން ކުރަށްވާފައެވެ.

ކުޅިވަރު ވަސީލަތްތަކުގައި ނަމާދުކުރާނެ އިންތިޒާމު ހަމަޖެއްސުން

މި ސިޔާސަތުގެ ދަށުން، ސަރުކާރުން އަޅާ ހުރިހާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ކުޅިވަރު މަރުކަޒުތަކުގައި ނަމާދުކުރެވޭނެ ޒަމާނީ ފެސިލިޓީތައް ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި:

މާފަންނު ސްޓޭޑިއަމާއި އެކުވެނި: މިހާރު މި ތަންތަނުގައި އެކަށީގެންވާ ނަމާދުކުރާނެ ތަނެއް ނެތް ނަމަވެސް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ވުޟޫކުރެވޭނެ އިންތިޒާމާއެކު އެންމެ ޒަމާނީ ފެންވަރުގެ ނަމާދުކުރާ ތަންތަން މި ތަންތަނުގައި ބިނާކުރެވޭނެއެވެ.

އައު މަޝްރޫޢުތައް: މިހާރު ސޮއިކުރެވިފައިވާ ބޯލިންގ އެރީނާ، އާރކެއިޑް ގޭމް ސެންޓަރު، އިންޑޯ ސްޕޯޓްސް ސެންޓަރު އަދި ނެޓްބޯލް ކޮމްޕްލެކްސް ފަދަ ހުރިހާ ތަނެއްގައިވެސް ނަމާދުކުރާނެ ފެސިލިޓީ ހިމެނުން ވަނީ މަޖުބޫރުކުރެވިފައެވެ.

ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުން

ހަމައެކަނި ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން، ޢަމަލީގޮތުން ނަމާދަށް ވަގުތު ހުސްކުރުމުގެ ގޮތުން ބަންގިގޮވާ ވަގުތުން ފެށިގެން ގާތްގަނޑަކަށް 20 މިނިޓަށް ހުރިހާ ކުޅިވަރު ހަރަކާތްތަކެއް މެދުކަނޑާލުމުގެ އުޞޫލެއް ތަންފީޒުކުރެވޭނެއެވެ. މީގެ ބޭނުމަކީ ކުޅިވަރުގެ ތެރޭގައި އުޅޭއިރު ނަމާދު ވަގުތު ފާއިތުވެގެން ދިޔަ ނުދިނުމެވެ.

ހަމައެކަނި ކުޅިވަރުގެ އިންތިޒާމުތަކަށް ގެނެވޭ ބަދަލެއް ނޫން

މި ފިޔަވަޅުތަކަކީ ހަމައެކަނި ކުޅިވަރުގެ އިންތިޒާމުތަކަށް ގެނެވޭ ބަދަލެއް ނޫނެވެ. މިއީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޙަޤީޤީ އައިޑެންޓިޓީ ހާމަކޮށްދޭ، އަދި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ހަރުދަނާކުރުމަށް އެޅޭ ރަނގަޅު ބޮޅެކެވެ. މިކަމުގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ޒުވާނުންނަކީ ދީނީ ކަންކަމަށް ލޯބިކުރާ، ވަގުތަށް އިސްކަންދޭ ބަޔަކަށް ވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ހެޔޮ ބަދަލުތަކާއެކު، އަޅުގަނޑުމެން އެންމެން ބަލައިގަންނަ، އަޚްލާޤީ ގޮތުން ނަމޫނާ މުޖުތަމަޢެއް ބިނާކުރުމެވެ.

އެ ތިން ރައީސުން ގަޔާނުވަނީީ މި ސަރުކާރުން މިފަދަ ކަންކަން ކުރަށްވާތީތޯއްޗެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ގޮތްހުސްވެފައި އޮންނަ ގައުމެއް ނޫން: ރައީސްޚަބަރު | 43 މިނިޓު ކުރިންކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟ރިޕޯޓް | 2 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީޚަބަރު | 2 ގަޑިއިރު ކުރިންމި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ވަނީ ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި: ރައީސްޚަބަރު | 13 ގަޑިއިރު ކުރިން