8.49 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
11 ޖޫން 2026 - 08:16

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

Ad by Hajj Corporation
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އާއި މުކުރިމަގު ، ފޭރުގަސްދޮށުގެ ، ލ.ގަން / އަޙްމަދު އަފްރާޙް (33އ) އާއި ކ.މާލެ / ހ.ކަހަފަތި ، އިލްޔާސް އަޙްމަދު (42އ) އާއި ކ.މާލެ / ގ.ހޭޅި ، ޙަސަން ޝަމްޢޫން (36އ)އެވެ.
ފުލުހުން ބުނީ މި ފަސްމީހުންނަކީ އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ފަސް މީހުންނެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލްއެވެ. މި ތަކެތީގެ ބަރުދަނަކީ ޖުމްލަ 8490 ގްރާމް ނުވަތަ 8.4 ކިލޯ އެވެ. މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާ އަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


