ޝަމްޢާން ވަހީދުގެ މައްސަލަ ތަހުޤީކޮށްފައިވާނީ އެއްވެސް ފަރާތެއްގެ ނޫފޫޒެއް ނެތި: ފުލުހުން
11 ޖޫން 2026 - 09:39

ޝަމްޢާން ވަހީދުގެ މައްސަލަ ތަހުޤީކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނޫފޫޒެއް އޮވެގެން ނޫންކަމަށާއި ތަހުޤީޤު ނިންމާފައިވަނީ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ
ފުލުހުން މިހެން ބުނެފަިވަނީ، ޝަމްޢާން މައްޗަށް ދައުލަތު ކުރި ދައުވާތައް ސާބިތުވުމުގެ ކުރިން އޭނާ މީޑިއާއަށް ދިން ބަޔާނެއްގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ދާޚިލީ ވަޒީރަށް ނިސްބަތްކޮށްފައިވުމާއި ގުޅިގެންނެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މުޙައްމަދު ޝަމްޢާން ވަޙީދާއި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ކުރި ތަހުޤީޤުގެ ތަފްސީލްތައް ހިއްސާކޮށްފައެވެ. ފުލުހުން ބުނީ މިމައްސަލައިގެ ތަހުޤީޤު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ކަމަށެވެ.
މިގޮތުން މައްސަލަ ފެށުމާއެކު އެކި މަރުހަލާތަކުގައާއި، މައްސަލައިގެ ތަހުޤީޤު ހޯދުންތައް މީޑިއާއާ ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުންބުނެފައިވެއެވެ. އެގޮތުން ތަހުޤީޤަށް ލިބުނު މައުލޫމާތުން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއް ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް ޝަމްޢާން އެނގޭކަން ތަހުގީގަށް ވަނީ ކަށަވަރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ އޮޕަރޭޝަން މިދިޔަ އަހަރުގެ މާރިޗު މަހުގެ 11ވަނަ ދުވަހު ކުރިއަށް ގެންދިޔަ ނަމަވެސް އޭގެ ހަފްތާއެއްހާ ދުވަސް ކުރިން ޝަމްޢާންގެ އޮފީހުގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރިވަނީ ބުނެފައެވެ.

Ad by Hajj Corporation
މިމައްސަލައާ ގުޅުންހުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައިރޭ އެކަން ޝަމްޢާންއަށް އަންގާފައިވާ ކަމަށާއި، އޭގެ ފަހުން އޭގެ ތެރެއިން އެކަކު ދޫކޮށްލުމުގެ އިޖުރާއަތްތައް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.އަދި ސްޕޮންސަރުގެ ނަމުގައި އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީއެއް އިމިގްރޭޝަނަށް ލިބުމާއެކު، އެއީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާގުޅޭ މުވައްޒަފުންނަށް ޝަމްޢާން އިރުޝާދު ދިންކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މީގެ އިތުރުން ބިދޭސީ މީހާ ދޫކުރުމަށް ފަހު އޭނާގެ އަތުން ބަދަލެއްގެ ގޮތުގައި ހޯދި ފައިސާގެ މަޝްވަރާތައް އިމިގްރޭޝަންގެ ދެ މުވައްޒަފަކު އެ މީހާ ގޮވައިގެން އިމިގްރޭޝަންގެ ވެހިކަލެއްގައި މާލެ ތެރޭގައި ދަތުރުކުރަމުން އެރޭ ކޮށްފަިއވާކަން ފުލުހުން ފާހަގަކުރިއެއެވެ. މިފައިސާގެ އަދަދު ކަށަވަރުކުރަން ޝަމްޢާން ގުޅާފައިވާކަންވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ބިދޭސީ މީހާ ދޫކޮށްލުމުގެ ބަދަލެއް ގޮތުން ނަގާފައިވަނީ 500،000ރ އެވެ.
އިމިގްރޭޝަން ވެހިކަލް ޕާކް ކުރުމަށް ފަހު ޝަމްއާން ދިރިއުޅޭގެ ހުންނަ ސަރަހައްދަށް ގޮސް ޝަމްޢާން ދިރިއުޅޭ އެޕާޓްމެންޓް އިމާރާތަށް ވަދެފައިވަނީ ދަންވަރު 3:00ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެތަނަށް އެ މުވައްޒަފުން ދިޔައީ ފައިސާ ހުރި ކޮތަޅެއް ހިފައިގެންކަމަށް ބުނެފައިވެއެވެ. އެމުވައްޒަފުން އެ އިމާރާތުން 3 މިނެޓު ފަހުން ނިކުތް އިރު ފައިސާ ކޮތަލޫ ނެތް ކަަމަށް ފުލުހުންވަނީ ބުނެފައެވެ.. އޭގެ ޖެހިގެން އައި މާރިޗު 13 ވަނަ ދުވަހު، ޝަމްޢާން ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދެ އެކައުންޓަކަށް ޖުމްލަ 259,837.35 ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ތަހުޤީޤަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ނޫން ކަމަށާއި، ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ތުހުމަތު ތަކެއް ކަމަށެވެ. އަދި ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުއައްސަސާއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތައް ކަމަށް ފުލުހުން ބުނެފަިވެއެވެ.
މިމައްސަލާގައި ޝަމްޢާން ފޯނުގެ ކޯޑު ދީފައި ނުވުމުން އޭނާ ފޯނު ބަލައި ތަހުޤީޤަށް މައުލޫމާތު ނެގިފައި ނުވާކަން ފުލުހުން ފާހަގަކުރެއެވެ. ނަމަވެސް އަންގާރަ ދުވަހު މީޑިއާތަކާއި ވާޙަކަ ދައްކަވަމުން، ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް ބުނި ނަމަވެސް، އެއްވެސް މަރުހަލާއެއްގައިވެސް އަދި ބަންދުން ދޫކޮށްލިފަހުންވެސް އެފަދަ މައުލޫމާތެއް ފުލުހުންނާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަ ބަލާ އެހެން އިދާރާއަކަށްވެސް ހުށަހަޅާފައި ނުވާކަން ފުލުހުން ޔަޤީންކޮށްދެއެވެ.
ފުލުހުން ވަނީ ތަހުޤީޤުތައް ހިންގަނީ ނުފޫޒެއް ނެތި ކަމަށާއި، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުންވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަންދީފައެވެ. މިމައްސަލާގައި ހުކުމް މިހާރު އިއްވާފައިވާއިރު އިސްތިއުނާފް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.


