ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ޗައިނާއަށް ކުރެއްވި ކާމިޔާބު ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
12 ޖޫން 2026 - 13:00

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ޗައިނާއަށް ކުރެއްވި ކާމިޔާބު ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ޔުނާން ޕްރޮވިންސްގެ ކުންމިންގް އިން މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު އިރުތިޝާމް ވަނީ 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ފޯރަމްގައި ދެއްވި މުހިންމު ތަޤުރީރުގައި، ދެކުނު އޭޝިއާ ސަރަޙައްދުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ގުޅުންތައް ބަދަހިކޮށް، ދޭދޭ ދޭހަވުންތައް އިތުރުކުރުމަށްޓަކައި ޗައިނާއާއި ސަރަޙައްދީ ބައިވެރިންނާއެކު ގާތްގުޅުމެއް ބޭއްވުމަށް ދިވެހިރާއްޖެއިން އަބަދުވެސް އިސްކަންދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ވަޒީރު އިރުތިޝާމް ވަނީ 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ބައްލަވާލައްވައި، މިއަހަރުގެ އެކްސްޕޯގައި ބައިވެރިވި ދިވެހި ވިޔަފާރިވެރިންގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ވިޔަފާރިވެރިންނަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން އެކަމަނާ މަޝްވަރާކުރެއްވިއެވެ.
ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔޫބޯއާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ޔުނާން ޕްރޮވިންސާ ދެމެދު އޮތް ގާތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ތަޢުލީމީ، ކުޅިވަރު އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ޔުނާން ޕްރޮވިންސުން ދެމުންގެންދާ އެހީތެރިކަމަށްޓަކައި ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ޚާރިޖީ ވަޒީރު ވަނީ ޔުނާން ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި، ކުންމިންގްގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާއި އެ ސަރަޙައްދުގައި މަސައްކަތްކުރާ ދިވެހި ފަންނީ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. ދަރިވަރުން ހޯދަމުންދާ ތަޢުލީމީ ކާމިޔާބީތަކަށް ތައުރީފުކުރައްވައި، ރާއްޖޭގެ މުސްތަޤުބަލުގެ ތަރައްޤީގައި ހިއްސާވުމަށް އެކަމަނާ ދަރިވަރުންނަށް ހިތްވަރު ދެއްވިއެވެ.
މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި، ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ފަޒީލް ނަޖީބާއި، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޞަލާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤްގެ އިތުރުން، ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.


