ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފި
17 އޮކްޓޯބަރު 2026 - 17:11

ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމުކޮށްދިނުމަށް އިސްލާމީ އެއްބާރުލުމުގެ ޖަމްއިއްޔާ (އޯއައިސީ) ގެ މެންބަރު ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލެއްވީ އިރާގުގެ ވެރިރަށް ބަޣުދާދުގައި މިއަދު ފެށި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން އަދި ސިޔާދަތީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާ ކުރުން އެކަމަނާ ތަކުރާރުކުރެއްވިއެވެ. އަދި ފަލަސްތީނުގެ މި މުހިންމު މަސައްކަތުގައި މެންބަރު ގައުމުތަކުގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ގޮވާލެއްވިއެވެ.
މިއަހަރަކީ ރާއްޖެ އޯއައިސީގެ މެންބަރަކަށް ވީތާ 50 އަހަރު ފުރޭ ރަންޔޫބީލް އަހަރުކަން ފާހަގަކުރައްވައި، އިސްލާމީ އުންމަތުގެ މަސްލަހަތު ހިމާޔަތްކުރުމަށާއި ގުޅުން ބަދަހިކުރުމަށް އޯއައިސީގެ މެންބަރު ގައުމުތަކާއެކު ގާތުން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށްޓަކައި އެއްބައިވަންތަކަމާއި މަޝްވަރާ އިސްކުރުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށާއި، އަންހެނުންނާއި ޒުވާނުން މުޖުތަމައުގެ ކަންކަމުގައި ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.
މި ސަމިޓުގެ ހަވާސާގައި މިނިސްޓަރު އިރުތިޝާމް ވަނީ އޯއައިސީގެ ބައެއް މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.

-01.jpg&w=3840&q=75)
