އެމެރިކާއާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމެއްގައި 24 ގަޑިއިރު ތެރޭގައި ސޮއިކުރަން މަސައްކަތް ކުރަނީ
13 ޖޫން 2026 - 16:59
އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މި އެއްބަސްވުން ފައިނަލް ކުރެވިދާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ޝަރީފް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތައް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.

Ad by Hajj Corporation
"އަޅުގަނޑުމެން މިތިބީ މީގެ ކުރިން ދުވަހަކުވެސް ސުލްހައިގެ އެއްބަސްވުމަކާ ގާތްނުވާ މިންވަރަށް ގާތްވެފައި،" ޝަރީފް ލިޔުއްވާފައިވެއެވެ.
އަދި މި އެއްބަސްވުން ފައިނަލްވުމާއެކު އިލެކްޓްރޯނިކްކޮށް ސޮއިކުރުމުގެ ތައްޔާރީތައް ޕާކިސްތާނުން ވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޮޑުވަޒީރު ޝަރީފް އިތުރަށް ވިދާޅުވީ، އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭ ޓެކްނިކަލް ފެންވަރުގެ މަޝްވަރާތައް އަންނަ ހަފުތާގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މި މަޝްވަރާތަކުގައި ވޮޝިންޓަނާއި ތެހެރާނުން ބައިވެރިވަމުންދާތީ އެ ދެ ގައުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ސްވިޒަލޭންޑްގެ ޖެނީވާގައެވެ.
މި ކުރިއެރުމާ ގުޅިގެން ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގް ދާރް ވަނީ ސްވިޒަލޭންޑްގެ ފޮރިން މިނިސްޓަރު އިގްނާޒިއޯ ކާސިސްއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. ދެ ބޭފުޅުންވެސް ވަނީ އެމެރިކާއާއި އީރާނާ ދެމެދު އުފެދެމުންދާ ދޭދޭ تަފަހުމަށް މަރުހަބާ ވިދާޅުވެފައެވެ. ސްވިޒަލޭންޑުން ވަނީ މިކަމުގައި ޕާކިސްތާނުން އަދާކުރާ މެދުވެރިއެއްގެ ދައުރަށް ތައުރީފުކޮށްފައެވެ.
އެއްބަސްވުމުގެ ފަހު ދެލިކޮޕީ
ޕާކިސްތާނުން ބުނެފައިވާ ގޮތުގައި، އެމެރިކާއާއި އީރާނުން މިހާރު ވަނީ އެއްބަސްވުމުގެ ފަހު ދެލިކޮޕީއަށް އެއްބަސްވެފައެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެކުލަވާލާފައިވާ މުހިންމު ލިޔުމެކެވެ. މިދިޔަ އޭޕްރީލް މަހު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައިވެސް ޕާކިސްތާނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި މަޝްވަރާތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނަށް ދޭން އުޅުނު ވައިގެ ހަމަލާތައް ކެންސަލް ކުރީ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބުމާ ގުޅިގެންނެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ޔޫރަޕަށް ދަތުރުފުޅެއް ކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.


