ގައިދީންނަށް ގުނަވަން ހަދިޔާކުރެވޭ ގޮތަށް އޮތުމުން، ޓްރާންސްޕްލާންޓް ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި
17 ޖޫން 2026 - 05:48

އިންސާނީ ގުނަވަންތައް ޓްރާންސްޕްލާންޓް ކުރުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް ތަސްދީގު ނުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ މަޖިލީހަށް ފޮނުއްވާލައްވައިފިއެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާންމު ވަނީ އިއްވަވާފައެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ ސިޓީގައި ބިލު އަނބުރާ ފޮނުއްވާލެއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، ބިލުގެ އަސްލުގައި ހިމެނޭ ދެ ޝަރުތެއް މަޖިލީހުން ބިލު ފާސްކުރިއިރު އުނިކޮށްފައި އޮތުމެވެ. އެއީ ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުގައި ނުވުމާއި، އަދި ކުށުގެ ތުހުމަތުގައި ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުމެވެ.
މިކަމާ ގުޅޭގޮތުން ރައީސް ފާހަގަކުރެއްވީ، ބަންދެއްގައި ތިބޭ މީހުންނަކީ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ހަނިވެފައިވާ ބަޔަކަށް ވާއިރު، އެމީހުންނަށް ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު ދިނުމަކީ ގާނޫނު ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
މި ބިލަކީ ދިރިހުރި މީހެއްގެ ހަށިގަނޑުން (ލައިވް ޑޯނާ) ގުނަވަން ނަގައިގެން ޓްރާންސްޕްލާންޓު ކުރުމުގެ ހުއްދަދޭ ބިލެކެވެ. ބިލުގައިވާ ގޮތުން ގުނަވަން ހަދިޔާކުރާ މީހަކީ 18 އަހަރު ފުރިފައިވާ، ބުއްދި ސަލާމަތުން ހުރި އަދި،އިތުރުން އަމިއްލަ އިޚުތިޔާރުގައި ރުހިގެން ހަދިޔާކުރުމުގެ ފުރުސަތު ލިބިފައިވާ މީހެއް ކަމުގައި ވުން ހިމެނެއެވެ.
މީގެ އިތުރުން، މި ބިލުގައި ޓްރާންސްޕްލާންޓް ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބަންޑާރަނައިބުގެ އޮފީހުގެ އިރުޝާދާއެކު ބޮޑެތި އަދަބުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. ރައީސުލްޖުމްހޫރިއްޔާ ބިލު އަނބުރާ ފޮނުއްވާލެއްވުމުން، މަޖިލީހުން ދެން ޖެހޭނީ ރައީސް ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް ބިލަށް އިސްލާހު ގެނައުމަށް ނުވަތަ އޮތް ގޮތަށް ފާސްކުރުމާ މެދު އަލުން ގޮތެއް ނިންމާށެވެ.


