އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިންމާލީ އިސްލާމް ދީނަށް ޖޯކު ޖެހި މީހުންނަށްރައްޔިތުންގެ ފައިސާއިން މުސާރަ ދެމުން: ރައީސް
16 ޖޫން 2026 - 03:50

އެމްޑީޕީގެ މިދިޔަ ވެރިކަމުގެ ދައުރު ނިންމާލީ އިސްލާމް ދީނަށް ޖޯކު ޖެހި މީހުންނަށް ރައްޔިތުންގެ ފައިސާއިން މުސާރަދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad by Hajj Corporation
ރައީސް މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުމާ ގުޅިގެން އެ ރަށުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މީގެ ކުރިން ފެނިގެން ގޮސްފައިވަނީ ދީނާ ދުރު ސިޔާސަތުތަކެއް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި "އޯލްޓަނޭޓިވް ނެރެޓިވް" ނުވަތަ ދީނީ ޢިލްމްވެރިން ދައްކާ ވާހަކަ ނޫން ގޮތެއް ހޯދުމުގެ ސިޔާސަތު ގެންގުޅުނު ކަމަށާއި، ކީރިތި ޤުރްއާނާއި ސުންނަތުގައި އޮތްގޮތް ފިޔަވައި އެއަށްވުރެ މޮޅު ގޮތެއް ހޯދުމަށް މަސައްކަތް ކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނިމިދިޔަ ސަރުކާރުގައި އެމްޑީއެން ރިޕޯޓުގެ ސިޔާސަތު އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، "އަޅުގަނޑުމެންގެ އަގީދާއަށް ޖޯކު ޖެހުމުގެ ސިޔާސަތު، މި ޖޯކު ޖެހި މީހުންނަށް ރައްޔިތުންގެ ފައިސާއިން މުސާރަދީގެން ފަސް އަހަރު ނިންމާލި ސިޔާސަތު، މިއީ ހަގީގަތް،" ކަމަށެވެ. އަދި މިއީ ހިނގާފައިވާ ކަންކަން ކަމަށާއި އެކަންކަމަށް ލޯ މަރާލެވެން ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ ސިޔާސަތަކީ އިސްލާމްދީނަށް ނަސްރު ދިނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތުއްތުކުދިންނުން ފެށިގެން ހުރިހާ ރައްޔިތުންނަށް ކަންކަން ތަރުތީބުކުރުމުގައި މި ސަރުކާރުގެ މައިގަނޑު އަސާސަކީ ދީނަށް ނަސްރުދިނުން ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތައް ކުރީގެ ސަރުކާރުތަކާ އުޑާބިމާހާ ތަފާތުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން ޑްރަގާއި ވޭޕް ފަދަ ތަކެތި އާންމުކުރުމުގެ ސިޔާސަތެއް ގެންގުޅުނު ނަމަވެސް، މި ސަރުކާރުން ވޭޕް މަނާކޮށް "ޖެނެރޭޝަން ބޭން" އެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މިހާރު ފެށިފައިވާ ބިނާކުރުވަނިވި ފިކުރުގެ ސިޔާސަތުތަކުގެ ސަބަބުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތްކޮށް، އެކުދިންނަކީ ގައުމަށް ފައިދާހުރި ބަޔަކަށް ހެދޭނެ ކަމުގެ އުންމީދު ވަނީ އައު ކުރަށްވާފައެވެ.


