އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައި: ވޭންސް
22 ޖޫން 2026 - 03:39

ސްވިޒަލޭންޑުގައި ކުރިއަށްދާ މަޝްވަރާތަކުގައި އީރާނާއެކު ފާއިތުވި މަދު ގަޑިއިރުތަކުގެ ތެރޭގައި "ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.
ބާގަންސްޓޮކްގައި ބާއްވާ މި ބައްދަލުވުންތައް ފެށުމުގެ ކުރިން ވާހަކަދައްކަވަމުން ވޭންސް ވަނީ ކުރިއަށް އޮތް ގަޑިއިރުތަކުގައި އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލްޘާނީ އިސްވެ ތިއްބަވައިގެން ފެއްޓެވި މި މަޝްވަރާތަކުގެ މައިގަނޑު މަގްސަދަކީ ޖޫން 17 ގައި ސޮއިކުރި އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ތަންފީޒު ކުރުމެވެ. ވޭންސް ވިދާޅުވި ގޮތުގައި މި މަޝްވަރާތަކުގެ އަމާޒަކީ މެދުއިރުމަތި "ބަދަލުކޮށްލުން" ކަމަށެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރާ މަސައްކަތް ދާއިމީކޮށް ދޫކޮށްލަން ތައްޔާރަށް އޮތް ނަމަ، އެމެރިކާއިން ތެހެރާނާއެކު އޮންނަ ގުޅުން އަސާސީ ގޮތުން ބަދަލުކުރަން ތައްޔާރަށް އޮތް ކަމަށް ވޭންސް ވިދާޅުވިއެވެ. "އެއީ ކަނޑައެޅިގެން އަޅުގަނޑުމެންގެ ލަނޑުދަނޑި،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ ތާރީޚީ ބައްދަލުވުމެއްގެ ގޮތުގައި ވޭންސް ސިފަކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ދުވަހަކުވެސް އިސްލާމްއާބާދުން ބޭރުގައި، އެމެރިކާ އާއި އީރާނުގެ އިސްވެރިން މިފަދަ މަތީ ފެންވަރެއްގައި ބައްދަލުކުރައްވާފައެއް ނުވެއެވެ.
ލުބުނާނުގައި އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުންދާ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން، ވޭންސް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމުގައި ބޮޑެތި ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށެވެ. "ފާއިތުވި ދެތިން ދުވަހު ލުބުނާނުގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮތްކަން ކަށަވަރު ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ފެނިފައި،" އޭނާ ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ވޭންސް ވިދާޅުވީ މިފަދަ ކަންކަމަކީ އަބަދުވެސް އުނދަގޫ ކަންތައްތަކެއް ކަމަށާއި، ނަމަވެސް މީގެ ތިން މަސް ކުރިއާ އަޅާބަލާއިރު މިހާރުގެ ހާލަތު މާ ބޮޑަށްވެސް ރަނގަޅުވެފައިވާ ކަމަށެވެ.


