logo
Bank of Maldives

Bank of Maldives

ރިޕޯޓް

އީރާނާއި އެމެރިކާގެ މި އެއްބަސްވުމަށް ފުން ނަޒަރެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ޖޫން 2026 - 03:27
އީރާނާއި އެމެރިކާގެ މި އެއްބަސްވުމަށް ފުން ނަޒަރެއް

އީރާނަށް އެމެރިކާއާއި އިސްރާއީލުން ބޮން އަޅަން ފެށިތާ 100 އަށްވުރެ ގިނަ ދުވަސް ފަހުން، ދެ ފަރާތުންވެސް ދަނީ ކާމިޔާބީ ލިބިއްޖެ ކަމަށް ދައުވާ ކުރަމުންނެވެ. މިއީ ހަނގުރާމައިން ބޭރުވާނެ މަގެއް ހޯދުމަށް ދެގައުމުންވެސް ބޭނުންވެފައި ތިބި މިންވަރު ހާމަކޮށްދޭ ކަމެކެވެ. މިކަން މިހެން އޮތް ނަމަވެސް އެއްބަސްވެވޭ ޙަޤީޤަތެއް އެބައޮތެވެ. ދުނިޔޭގެ ސުޕަރ ޕަވަރ އެމެރިކާ އާއި އެމީހުންގެ ވާގިވެރިޔާ އިޒްރޭލާއި އަދި އެމީހުންނަށް ވާގިވެރިވާ ގަލްފްގެ ޤައުމުތަކާއި ހުޅަނގުގެ ގައުމުތަކުގެ މައްޗަށް އީރާނުން ވަނީ ގިނިކަންޏާ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

އީރާނާއި އެމެރިކާއިން ގާއިމު ކުރި އެއްބަސްވުމަކާއެކު ރަސްމީކޮށް ހަނގުރާމަ ހުއްޓާލާފައިވީ ނަމަވެސް، މިއަށްވުރެ އުނދަގޫ މަޝްވަރާތައް އަދި ކިރިޔާ ފެށުނީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ފަރާތުންވެސް މި އެއްބަސްވުމަކީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، އެނަލިސްޓުން ތަފްސީލުކޮށްދޭ ގޮތުގައި، އީރާނަށް އެމެރިކާއާއެކު ވެވުނު މި އެއްބަސްވުމަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުމާ އެއްވަރުގެ މުހިންމު ކަމެކެވެ. އެއީ ކުރިއަށްވުރެ ވަރުގަދަކޮށް ކުރިމަތިލުމުން އަރައިގަތުމަށް ހޯދުނު ކާމިޔާބީއެކެވެ.

ފެށުނީއްސުރެ ތެހެރާނުގެ މައިގަނޑު މަގްސަދަކީ އާދައިގެ އަސްކަރީ ގޮތަކުން އެމެރިކާއާއި އިސްރާއީލު ބަލިކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އިސްލާމީ ޖުމްހޫރިއްޔާގެ ނިޒާމު ނުގެއްލި، ލީޑަޝިޕް ދެމިއޮވެ، އަދި މަޝްވަރާ ކުރުމުގެ ބާރު މުޅިން ކެނޑިގެން ނުގޮސް މި ހަނގުރާމައިން އަރައިގަތުމެވެ. މިހާރު އެކުލަވާލެވިފައިވާ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ" (އެމް.އޯ.ޔޫ) ގެ ސަބަބުން އެ މަގްސަދު ހާސިލުވެއްޖެ ކަމަށް ބުނުމުގެ ފުރުސަތު އީރާނަށް ލިބެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަކިވަކިން ސޮއިކުރެއްވި މި ލިޔުމުގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް 60 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ލުބުނާން ހިމެނޭ ގޮތަށް ހުރިހާ ފްރަންޓެއްގައި އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށާއި، އެއް ގައުމުން އަނެއް ގައުމުގެ މިނިވަންކަމަށް އިހުތިރާމް ކުރުމަށާއި، ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދު އުވާލުމަށް ވަނީ އެއްބަސްވެފައެވެ.

އީރާނުން ވަގުތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް މުހިންމު ނަމަވެސް، އެއީ ނިސްބަތުން މަދު ކަންތައްތަކެކެވެ. ހޯރްމޫޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ތެހެރާނުން ވަނީ އެއްބަސްވެފައެވެ. މިއީ ހަނގުރާމައިގެ ކުރިންވެސް އޮތް ގޮތެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދިނުމަށާއި، މަތީ މިންވަރަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްއާއި ޔުރޭނިއަމް ފައްކާކުރާ ޕްރޮގްރާމްގެ މުސްތަގުބަލާ ބެހޭގޮތުން މަޝްވަރާ ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

އެމެރިކާއިން ވެފައިވާ އިލްތިޒާމްތައް މާ ފުޅާކޮށް ފެނެއެވެ. އެމް.އޯ.ޔޫގައިވާ ގޮތުން، ވޮޝިންގޓަނުން ކަނޑުގެ ބްލޮކޭޑް ނައްތާލަން ފަށާނެއެވެ. އަދި އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީ، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމަށް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، ސަރަހައްދީ ބައިވެރިންނާ ގުޅިގެން އީރާނުގެ އިގްތިސާދު އާރާސްތުކުރުމަށް މަދުވެގެން 300 ބިލިއަން ޑޮލަރުގެ ޕްލޭނެއް ތަންފީޒުކުރާނެއެވެ.

މިއީ އީރާނުގެ ފާޑުކިޔުންތެރިންގެ އަޑު މިހާތަނަށް މަޑުވެފައިވާ ސަބަބު ކަމަށް ބެލެވެއެވެ. މި އެއްބަސްވުމުގެ ސަބަބުން އީރާނުގެ ލީޑަޝިޕަށް މިއީ ކާމިޔާބީއެއްގެ ގޮތުގައި ދެއްކުމުގެ ފުރުސަތު ލިބެއެވެ. އެއީ އީރާނުގެ މިނިވަންކަން ގަބޫލުކުރުމާއި، ބްލޮކޭޑް އުވާލުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ލިބުމުގެ އިތުރުން ގައުމު އާރާސްތުކުރުމުގެ ފަންޑުގެ ވާހަކަ ސަރީހަކޮށް އޮތުމުންނެވެ.

ނަމަވެސް މި ހިމޭންކަން ދެމިއޮންނާނެ ކަމަކަށް އެނަލިސްޓުން ނުދެކެއެވެ. އީރާނުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީގެ ފުރަތަމަ ރައްދުވެސް އޮތީ ވަރަށް ބޮޑަށް ބެލެންސްކޮށްފައެވެ. އެމަނިކުފާނު އެއްބަސްވުމާއިގެން ކުރިއަށް ދިއުމުގެ ހުއްދަ ދެއްވީ، މިއީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޒިންމާގެ ދަށުން ގަބޫލުކުރި ކަމެއްކަން ސާފުކޮށްދެއްވަމުންނެވެ.

އެންމެ އުނދަގޫ މައްސަލަތައް ވަނީ ހައްލުކުރުމުގެ ބަދަލުގައި ފަސްކޮށްފައެވެ. އީރާނުގެ މަތީ މިންވަރަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ މުސްތަގުބަލާއި، ޔުރޭނިއަމް ފައްކާކުރާ ސިނާއަތުގެ މިންވަރާއި، އަދި ގެއްލުން ލިބިފައިވާ ނިއުކްލިއާ މަރުކަޒުތައް އަލުން ބިނާކުރުމާ މެދު ކުރިއަށް އޮތް ތަނުގައި މަޝްވަރާ ކުރެވޭނީ ވަރަށް ބޮޑު ފިއްތުންތަކެއްގެ ދަށުންނެވެ.މިއީ ތެހެރާނުގެ ލީޑަރޝިޕަށް ކުރިމަތިވާނެ މައްސަލައެކެވެ. ދައުލަތުގެ މީޑިއާތަކާއި، ރިވޮލިއުޝަނަރީ ގާޑްސްއާއި، މަޖިލީހާއި އީރާންގެ ވެރިކަމަށް ތާއީދުކުރާ ފިކުރުގެ އިސްވެރިން ހަފުތާތަކެއް ވަންދެން އެމީހުންގެ ސަޕޯޓަރުންނަށް ބުނަމުން ދިޔައީ އީރާނުން އެމެރިކާއާއި އިސްރާއީލުގެ މައްޗަށް ކުރިހޯދައިފި ކަމަށެވެ.

ނަމަވެސް، އެއްވެސް ދޫދިނުމެއް ނުވުމަކީވެސް އެހާމެ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ނުވަތަ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށްދާނެ ގޮތާ މެދު ގޮތްދޫކުރަން ތެހެރާނުން ދެކޮޅު ހަދައިފިނަމަ، މުޅި މަރުހަލާ ފުނޑުފުނޑުވެ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްވެސް އޭގެ ނޭދެވޭ އަސަރުކޮށްފާނެއެވެ. އޭގެ ސަބަބުން، އީރާނުން އެމް.އޯ.ޔޫ ބޭނުންކުރަނީ ހަމައެކަނި ވަގުތު ހޯދުމަށް ކަމަށް ބުނާ ވޮޝިންޓަނާއި އިސްރާއީލުގެ ފަރާތްތަކަށް ބާރު ލިބި، ދެ ފަރާތް އަލުން ހަނގުރާމައަކާ ދިމާލަށް ކޮއްޕާލަފާނެއެވެ.

މަޖިލީހުގެ ރައީސް އަދި އީރާނުގެ މަޝްވަރާ ޓީމުގެ އިސްވެރިޔާ މުޙައްމަދު ބާގިރު ގާލިބާފް ސިފަ ކުރައްވާފައިވަނީ މި ވާހަކަތަކަކީ ގޮތްދޫނުކުރުމުގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއްގެ ގޮތުގައެވެ. ދައުލަތުގެ ޓީވީގައި އޭނާ ވިދާޅުވީ، "އަހަރެންނަކީ ޑިޕްލޮމޭޓެއް ނޫން، އެކަމަކު އެމެރިކާއަށް ކަންކަން ވިސްނައިދޭންވީ ގޮތް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ،" ކަމަށެވެ.

އިސް ލީޑަރު ޚާމަނޭއީގެ އިޖާބައިގެ ސަބަބުން އެ މަސައްކަތް ވަނީ ކުރިއަށްވުރެ ވެސް އުނދަގޫވެފައެވެ. އޭނާ ވިދާޅުވީ އުސޫލީ ގޮތުން އޭނާ ގެންގުޅުއްވަނީ "އެހެން ދެކުމެއް" ކަމަށެވެ. ނަމަވެސް، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާގެ ހައިސިއްޔަތުން، އީރާނުގެ ހައްގުތަކާއި އީރާނުގެ ބައިވެރިންގެ ހައްގުތައް ދިފާއުކުރުމުގެ ޒިންމާ ޕެޒެޝްކިއަން އުފުއްލެވުމުން، އެމް.އޯ.ޔޫ ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވީ ކަމަށެވެ.

ގާލިބާފްގެ ބަސްމަގު އަމާޒުކޮށްފައިވަނީ ވޮޝިންޓަނަށްވުރެ ބޮޑަށް އީރާނުގެ އެތެރޭގެ މަސްރަހަށެވެ. ރިވޮލިއުޝަނަރީ ގާޑްސްގެ ކުރީގެ ކޮމާންޑަރު ޖެހެނީ، އެމެރިކާއާއެކު ވާ އެއްވެސް ދޫދިނުމަކަށް ވަރަށް ބޮޑަށް ޝައްކުކުރާ ވެރިކަމަށް ތާއީދުކުރާ ފިކުރުގެ ސަޕޯޓަރުންނަށް މި އެއްބަސްވުން ބަލައިގަނެވޭނެ ގޮތް ހަދާށެވެ.

2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމާ މިކަން އަޅާކިޔުމަކީ ނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫނެވެ. ވޮޝިންޓަނުގައި ބައެއް ފަރާތްތަކުން މި އެމް.އޯ.ޔޫ އަކީ ކުރީގެ އެއްބަސްވުން ކަމަށްވާ ޖޭ.ސީ.ޕީ.އޯ.އޭ އަށްވުރެ ވެސް ގޯސް އެއްބަސްވުމެއްގެ ގޮތުގައި ސިފަކޮށްފާނެއެވެ. އެއީ، ނިއުކްލިއަރ ޕްރޮގްރާމްގެ އެންމެ އުނދަގޫ ސުވާލުތައް ފަސްކޮށްލުމަށްފަހު، އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއިދީ އިގްތިސާދީ ފައިދާތަކެއް ލިބޭނެ އޮނިގަނޑެއް ޓްރަމްޕް ގަބޫލުކުރެއްވީތީއެވެ.

ނަމަވެސް، ތެހެރާނުގައި އޮތް ނުރައްކާ ތަފާތެވެ. ވެރިކަމަށް ތާއީދުކުރާ ފިކުރުގެ މީހުން ސަރުކާރަށާއި މަޝްވަރާ ޓީމަށް ތުހުމަތުކޮށްފާނެ ގޮތުގައި، މިއީ 2015 ވަނަ އަހަރުގެ "ޚިޔާނާތް" ތަކުރާރުކުރުމެވެ. އެ ފަހަރު ރައީސް ޙަސަން ރޫޙާނީއަށް މަޖިލިސް މެންބަރުންނާއި، ކޮންޒަވޭޓިވް މީޑިއާތަކާއި، ސިޔާސީ ވާދަވެރިންގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް އަމާޒުވީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ މެދު މާ ބޮޑެތި ދޫދިނުންތަކެއް ދެއްވި ކަމަށް ބުނެއެވެ.

ޕެޒެޝްކިއަން އާއި ގާލިބާފަށް އޮތް ގޮންޖެހުމަކީ، އެތެރޭގެ ފާޑުކިޔުންތައް ވަރުގަދަވުމުގެ ކުރިން، ހަނގުރާމަ ހުއްޓާލުމުގެ މި އޮނިގަނޑު ސިޔާސީ ކާމިޔާބީއަކަށް ބަދަލުކުރުމެވެ.

އީރާނަށް ވަނީ ވަގުތު ލިބިފައެވެ. އަދި ވަގުތުން ކުރިމަތިވެފައިވާ އަސްކަރީ ފިއްތުންތަކުން ލުއިލިބި، ބޮޑެތި އިގްތިސާދީ ފައިދާތަކެއް ލިބުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އަދި ވޮޝިންޓަނުން އެންމެ ބޮޑަށް ބޭނުންވި ކަންތައް ކަމަށްވާ "ފުރިހަމައަށް ބޯލަނބައި އަމާންދިނުން" ވެސް އީރާނުން ވަނީ ސަލާމަތްވެފައެވެ.

ނަމަވެސް، ފަހުގެ އެއްބަސްވުން އަދި ކަށަވަރެއް ނުވެއެވެ. މި އެމް.އޯ.ޔޫގެ ސަބަބުން ކުރު މުއްދަތަކަށް އީރާނުގެ ބާރު ގަދަވެއެވެ. އެއީ އެ ގައުމުގެ ނިޒާމު ސަލާމަތްވެފައި އޮތުމާއި، ވޮޝިންޓަނުން ފެންނަން ހުރި ވަޢުދުތަކެއް ވެފައިވާތީއެވެ.ތެހެރާނަށް އޮތް ނުރައްކަލަކީ، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި، އެގައުމުގެ އެތެރޭގައި ދައްކަމުންދާ ކާމިޔާބީގެ ތަސްވީރާއި، ހަނގުރާމަ އަލުން ފެށުނަނުދީ ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ދޫދިނުންތަކާ ދެމެދު ހުރި ފަރަގު ހާމަވެގެން ދިއުމެވެ.

ހަނގުރާމައިގެ ފުރަތަމަ ބާބު ނިމިގެންދިޔައިރު، ގިނަ ބަޔަކު ހީކުރި ވަރަށްވުރެ އީރާން ވަރުގަދަކޮށް ފެނުނު ނަމަވެސް، ދެން ކުރިމަތިވާ ގޮންޖެހުން މާ އުނދަގޫވުން އެކަށީގެންވެއެވެ. އެއީ، ދޫދިނުންތަކަކީ ބަލިވުމެއް ނުވަތަ އަމާންދިނުމެއްގެ ގޮތުގައި ފެނުނަނުދީ، ފަހުގެ އެއްބަސްވުމަކަށް ދެވެންދެން އެގައުމުގެ ސިޔާސީ މަސްރަހު މި މަރުހަލާގައި ހިފެހެއްޓުމެވެ.

ޓްރަމްޕް މި އެއްބަސްވުމަކީ 'ބޮޑު ކާމިޔާބީއެއް' ކަމަށް ސިފަކުރެއްވި ނަމަވެސް، ދޫދިނުންތައް މާ ބޮޑުކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނޭ

ޑޮނަލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުމަކީ އެމެރިކާއަށް ލިބުނު "ބޮޑު ކާމިޔާބީއެއް" ކަމަށް ވިދާޅުވެ ތައުރީފު ކުރައްވާފައެވެ. އަދި މިއީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އޭނާ ގެންގުޅުއްވާ މައިގަނޑު މަގްސަދު ހާސިލުވި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް، ކުރިއަށް އޮތް ކުރު މުއްދަތަށް ބަލާއިރު، މިއަށްވުރެ މާ އަވަސް "ކާމިޔާބީއަކީ" ހޯރްމުޒް ކަނޑުއޮޅި ހުޅުވުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިގްތިސާދު އަލުން ހުޅުވިގެން ދިއުމެވެ.

ހަނގުރާމަ ދިގުލައިގެން ގޮސް، ހޯރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތް އޮތުމުގެ ސަބަބުން، ތެލުގެ އަގު ބޮޑުވުމާއި އޭގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކާ މެދު އާންމުން ނުރުހުން ފާޅުކުރަމުންދާކަން ހިޔާލު ހޯދުމުގެ ވޯޓުތަކުން ދިޔައީ މެދުނުކެނޑި ފެންނަމުންނެވެ.

2024 ވަނަ އަހަރު ވޯޓުލީ މީހުން ޓްރަމްޕް އަލުން ވައިޓް ހައުސްއަށް އިންތިހާބު ކުރި މައިގަނޑު އެއް ސަބަބަކީ އިގްތިސާދީ ނުރުހުމެވެ. އަދި ރައީސް އިސްވެ ފެއްޓެވި ހަނގުރާމައިގެ ސަބަބުން އާންމުންގެ ޖީބަށް އަސަރުކުރާ ކަމަށް ގަބޫލުކުރެވުމަކީ ޓްރަމްޕަށް ސިޔާސީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔަ ކަމެކެވެ.

ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބުގެ ބެލަޓް ކަރުދާހުގައި އޭނާގެ ނަން ނެތް ނަމަވެސް، މި ނުތަނަވަސްކަން ކުރިމަތިވީ ރިޕަބްލިކަން ޕާޓީގެ އެހެން މެންބަރުންނަށް ދަތި ދަނޑިވަޅެއްގައެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ވަނީ، ދިގުލައިގެންދާ ހަނގުރާމައަކާ މެދު ހިތްހަމަނުޖެހިފައި ތިބި ދާއިރާތަކުގެ ރައްޔިތުންނާއި ވޯޓުލާން ތިބި މީހުންގެ ކުރިމަތީގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

މިކަންކަމަށް ރިއާޔަތްކުރާއިރު، މި އެއްބަސްވުމުގެ ސަބަބުން ޓްރަމްޕަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެންދެއެވެ. އަދި އޭނާގެ ސިޔާސީ ބައިވެރިން އުންމީދު ކުރަނީ، މިއީ ހަނގުރާމަ އަވަހަށް ނިންމާލައި، އޭނާ އަބަދުވެސް ދެކޮޅުހައްދަވާ "ނިމުމެއް ނެތް ބޭރުގެ ހަނގުރާމަތަކުން" ސަލާމަތްކޮށްދިން ޝަހުސިއްޔަތެއްގެ ގޮތުގައި ދެއްކުމުގެ ފުރުސަތެއް ކަމަށެވެ.

އެހެންނަމަވެސް، މި އެއްބަސްވުމަށް ފާޑުކިޔާ ފަރާތްތަކުން ، އޭގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުންވެސް ހިމެނޭ ގޮތަށް ވަނީ ޓްރަމްޕް މާ ބޮޑެތި ދޫދިނުންތަކެއް ދެއްވާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

މި ބަހުސްގެ މަރުކަޒަކީ، އީރާނަށް 300 ބިލިއަން ޑޮލަރުގެ އާބާދުކުރުމުގެ ފަންޑުން މަންފާ ލިބޭނެ ކަމަށް ބުނާ ވައުދެވެ.

"އެމެރިކާއިން އީރާނަށް ދޭ 300 ބިލިއަން ޑޮލަރުގެ ފައިސާއެއް ނެތް. އެއީ ފޭކް ނިއުސް،" ޓްރަމްޕް 'ޓްރުތް ސޯޝަލް' ގައި ލިޔުއްވާފައިވެއެވެ. "އެމެރިކާއަށް އޮތީ ހަމައެކަނި ކާމިޔާބީއާއި، ތެލުގެ އަގު ހެޔޮވުމާއި، ނަސްރެވެ."

ޓްރަމްޕާއި ސަރުކާރުގެ އެހެން އިސްވެރިން، މި ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް ސީދާ އެމެރިކާއިން ނުދޭނެކަން ސާފުކޮށްދެއްވާފައިވީ ނަމަވެސް، ޕާޓީގެ ތެރޭގައި ތިބި ބައެއް ފަރާތްތަކަށް މިކަމުން ނުތަނަވަސްކަން ވަނީ ލިބިފައެވެ.

"ތާރީޚުން އަހަރެމެންނަށް ދަސްކޮށްދެނީ، އަހަރެމެން މަރާލަން ބޭނުންވާ ދީނީ ހަރުކަށި މީހުންނަށް ބިލިއަނުން ޑޮލަރު ދިނުމަކީ ރަނގަޅު ހިޔާލެއް ނޫންކަން،" ޓްރަމްޕްގެ ވަފާތެރި ބައިވެރިއެއް ކަމަށްވާ ޓެކްސަސްގެ ސެނެޓަރު ޓެޑް ކްރޫޒް 'ދަ ހިލް' އަށް ވިދާޅުވިއެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި ރައީސަށް އެ ލިބިވަޑައިގަންނަވަނީ ވަރަށް ދަށް ފެންވަރުގެ ލަފާތަކެއް."

ކޮންޒަވޭޓިވް ކޮމެންޓޭޓަރު ޓަކާ ކާލްސަން، ސަރުކާރަށް ފަހަކަށް އައިސް ފާޑުކިޔަމުންދިޔަ ނަމަވެސް 'މަގާ' ސަޕޯޓަރުންގެ މެދުގައި ނުފޫޒުގަދަ ފަރާތެއްގެ ގޮތުގައި ހުރެ، މިކަން ސިފަކުރީ މިއަށްވުރެ މާ ސާދާކޮށެވެ."މިއީ އެމެރިކާއަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް،" އެކްސްގައި އޭނާ ކުރިއަށްގެންދާ ޝޯގައި އޭނާ ބުންޏެވެ. "މިއީ ބައްޔެއް."

ފާހަގަކޮށްލެވޭ ގޮތުގައި، ހަނގުރާމައިގެ ބައެއް މަގްސަދުތަކަކީ މިހާރު އިސްކަންދޭ ކަންތައްތަކެއް ނޫންކަމާއި، އަދި އެމް.އޯ.ޔޫ ގައި އެކަންކަމުގެ ވާހަކަ ބަޔާންކޮށްފައި ނުވާކަމަށް އެއްބަސްވުމަށް އެމެރިކާ ސަރުކާރަށް ވަނީ މަޖުބޫރުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއި އެމެރިކާގެ މި އެއްބަސްވުމަށް ފުން ނަޒަރެއްރިޕޯޓް | 2 ގަޑިއިރު ކުރިންއެމެރިކާ އާއި އީރާނުގެ ސުލްޙައިގެ އިބްތިދާއީ އެއްބަސްވުން: ސަރަޙައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްދުނިޔެ | 13 ގަޑިއިރު ކުރިންޓްރަމްޕް އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ވައުދުވެވަޑައިގެންފިދުނިޔެ | 2 ދުވަސް ކުރިންކެލިފޯނިއާގެ އެއާ ބޭސްއަކަށް ބީ-52 މަރުކާގެ ބޮންއަޅާ ބޯޓެއް ވެއްޓި އަށް މީހުން މަރުވެއްޖެ ދުނިޔެ | 3 ދުވަސް ކުރިން