ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ފިލައިގެން ރާއްޖެއިން ބޭރުގައި، ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
23 ޖޫން 2026 - 08:09

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ.

Ad by Hajj Corporation
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އިޒްޔާން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި އޭނާ މިހާރު އުޅޭ ތަނެއް މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް މިހާރު ވަނީ އެދިފައެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށެވެ. މިފަދަ ނޯޓިސްތަކަކީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު މުޅި ދުނިޔެއަށް އާންމުކުރުމަށް ނެރޭ ނޯޓިސްތަކެކެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، ކުށްވެރިން ހޯދުމުގައި ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


