ބޮޑެތި ކުށްތައް ހުއްޓުވުމަށް އެމެރިކާ އާއި ރާއްޖެއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
24 ޖޫން 2026 - 05:14

ބޯޑަރު ހުރަސްކޮށް ހިންގާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި ފަހުމުނާމާގައި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓޭޗޭ މިސްޓަރ އާލް މަޓިއަރ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

Ad by Hajj Corporation
ފުލުހުން ބުނީ މި ފަހުމުނާމާގެ މައިގަނޑު ބޭނުމަކީ ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ގުޅުންހުރި ކަންކަމުގައި ދެފަރާތުން މަޝްވަރާކުރުމާއި، މައުލޫމާތު ބަދަލުކުރުމުގެ އިތުރުން، ޖިނާއީ ކުށްތައް ތަހުގީގުކުރުމުގައި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، މި ފަހުމުނާމާގެ ސަބަބުން ރާއްޖޭގެ އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށާއި، އަދި ފުލުހުންގެ ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާއި ސަލާމަތީގޮތުން ކުރިމަތިވަމުން އަންނަ އެކި ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މި އެއްބަސްވުމާއެކު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއެވެ.
މި ފަހުމުނާމާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކުށްތައް ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.


