ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފި
26 ޖޫން 2026 - 16:04

ރާއްޖޭގެ އެކިހިސާބަށް ކުރިއަށް އޮތް ވަގުތުތަކުގައި ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި، ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

Ad by Hajj Corporation
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިގޮތުން ކަނޑުގެ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ.
ކަނޑުތައް ގަދަވެ ވިލާގަނޑުގައި ވައިގަދަވާނެތީ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


