ހަފުތާ ބަންދުގައި މުޅި ރާއްޖެ އަށް މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ
10 ސެޕްޓެމްބަރު 2026 - 04:28

ހުޅަނގު މޫސުމުގެ ބާރުގަދަ ވިއްސާރައަކާއެކު ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް ވައިގަދަވާނެ ކަމަށެވެ.

Ad by Hajj Corporation
މި ވިއްސާރަކުރަނީ ރާއްޖޭގެ ސަރަހައްދަށް އައި "ވިންޑް ކޮންވަރޖެންސެއް"ގެ ނުވަތަ އެއް ދިމާލަކަށް ވައި ޖަމާވުމުގެ ސަބަބުންނެވެ. މި ސަބަބާ ހުރެ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތައް ފިޔަވައި އެހެން ހުރިހާ ހިސާބުތަކަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިއަދު މެންދުރުފަހުން ފެށިގެން ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. ޚާއްޞަކޮށް ކުރިއަށް އޮތް 12 ގަޑިއިރު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފާނެ ކަމަށް ބެލެވޭތީ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ވެރިރަށް މާލެއަށެވެ. މާލެއަށް 65.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެން އެންމެ ބޯކޮށް ވާރޭވެހުނީ ބ. ދަރަވަންދޫ، އއ. މާމިގިލި، ފ. ނިލަންދޫ، އއ. ހިމަންދޫ އަދި އދ. މަހިބަދޫއަށެވެ.
މޫސުން ގޯސްވުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންދަނީ ސަމާލުވުމަށް އެދެމުންނެވެ. އެގޮތުން، ރޭ ދަންވަރުން ފެށިގެން ހެނދުނާ ހަމައަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.


