ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ
23 އޮކްޓޯބަރު 2026 - 06:45

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ހދ. ނޮޅިވަރަންފަރަށާއި ކުޅުދުއްފުށި ސިޓީގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނެފި އެވެ.
އެގޮތުން ކުޅުދުއްފުށި ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 190 އަށްވުރެ ގިނަ ގެއިން ވަނީ އެހީތެރިކަމަށް އެދި ރިޕޯޓްކޮށްފައެވެ. އެ ރަށުގެ ހާލަތު ކައުންސިލުން ދަނީ ވަޒަންކުރަމުންނެވެ. އަދި ކައުންސިލާއި، ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އަދި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން ރަށުތެރެއިން ފެންހިއްކުމުގެ މަސައްކަތް މިހާރުވެސް ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެއިތުރުން، ހދ. ނޮޅިވަރަންފަރަށް ކުރި ވިއްސާރައިގައި ރަށުތެރޭގައި ފެންބޮޑުވެ، 60 އަށްވުރެ ގިނަ ގެއިން ވަނީ ރިޕޯޓްކޮށްފައެވެ. ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާއިރު، ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ނަމަވެސް އެއްވެސް ގެއަކުން މީހުން ހުސްކުރަންޖެހޭ ހާލަތަކަށް އަދި ގޮސްފައި ނުވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެ ރަށުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. އެއީ 188.3 މިލިލީޓަރުގެ ވާރެއެވެ. ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެއީ 125.7 މިލިލީޓަރުގެ ވާރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

-01.jpg&w=3840&q=75)
